Last Updated: April 25, 08:46
Thursday, April 25, 2024
ދުނިޔެ

ބޮލްސޮނާރޯގެ ޕާޓީ 4.1 މިލިއަނުން ޖޫރިމަނާ!

މިދިޔަ މަހު ބްރެޒިލްގައި ބޭއްވި ރިޔާސީ އިންތިހާބު ނާކާމިޔާބުވުމުން ބަލި ގަބޫލު ނުކުރައްވައި، އިންތިހާބުގެ ސައްހަ ނޫން ކަމަށް ކަނޑަޅައި ދިނުމަށް ބްރެޒިލްގެ ރައީސް ޖައި ބޮލްސޮނާރޯ އަންގާރަ ދުވަހު ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށް، އޭނަގެ ޕާޓީ ޖޫރިމަނާ ވެސް ކޮށްފި އެވެ.

އިންތިހާބުގައި ބޭނުންކުރި ބައެއް ވޯޓިން މެޝިންތައް މަސައްކަތްނުކުރާ ކަމަށާއި އޭގެ ސަބަބުން އިންތިހާބުގެ ނަތީޖާ އޮޅުބޮޅުންވެ، އިންތިހާބު ސައްހަ ނޫން ކަމަށް ކަނޑައަޅައި ދިނުމަށް ސްޕްރީމް އިލެކްޓޯރަލް ކޯޓަށް ބޮލްސޮނާރޯ ހުށަހެޅުއްވީ އަންގާރަ ދުވަހު އެވެ.

މި މައްސަލާގައި އިސް ފަނޑިޔާރު ވިދާޅުވީ އިލެކްޓްރޯލް ވޯޓްގައި އެއްވެސް މައްސަލައެއް ހުރިކަން ފާހަގަވެފައި ނެތް ކަމަށެވެ. އަދި އިންތިހާބާ ބެހޭ ގޮތުން ބޮލްސޮނާރޯ އާއި އޭނަގެ ޕާޓީން ސައްހަ ނޫން އެތައް ވާހަކައެއް ފަތުރައި، އިންތިހާބުގެ ނަތީޖާއާ މެދު އޮތް އިތުބާރު ގެއްލުވައިލަން މަސައްކަތްކޮށްފައިވާ ކަމަށެވެ. އެހެންވެ ބޮލްސޮނާރޯގެ ކަނާތު ފިޔައިގެ ލިބަރަލް ޕާޓީ ވަނީ 4.1 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ.

ބޮލްސޮނާރޯ، 67، އާ ވާދަކުރައްވައި ހަނި ގޮތަކަށް އިންތިހާބު ކާމިޔާބުކުރެއްވީ 2003-2010 އަށް ވެރިކަންކުރެއްވި ލޫލާ ޑަ ސިލްވާ، 77، އެވެ. އޭނާ މަގާމާ ރަސްމީކޮށް ހަވާލުވަޑައިގަންނަވާނީ އަންނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެންނެވެ.