Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ އިސްލާހު ތަސްދީގުކޮށްފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް- ފޮޓޯ: ރައީސް އޮފީސް

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ގެނައި އިސްލާހު ތަސްދީގު ކޮށްފިއެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ގެނައި 4 ވަނަ އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވާފައިވަނީ މިއަދުއެވެ.

މި އިސްލާހުގެ ދަށުން، ކުށުގެ ތުހުމަތުގައިވާ މީހުން ބަންދުން ދޫކުރާއިރު ފުރުން މަނާކުރުމާއި ޕާސްޕޯޓު ހިފެހެއްޓުމާ ގުޅޭ ގޮތުން ޤާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކަށް ބަދަލުގެނެސްފައިވެއެވެ. އަދި، ބަންދުގައިވާ މީހުންގެ މައްޗަށް ދައުވާކުރުމުގެ މުއްދަތާ ގުޅޭ ގޮތުން މިހާރު ޤާނޫނުގައި ކަނޑައަޅައިފައިވާ މުއްދަތުތަކަށް ބަދަލު ގެނެސްފައިވެއެވެ.

ހަމަ އެއާއެކު މި އިސްލާހުން، ޤާނޫނުގެ ދަށުން ކުށުގެ ތުހުމަތުގައިވާ މީހާއާއި ޕްރޮސެކިއުޓާރ ޖެނެރަލާ ދެމެދު ވެވޭ އިއުތިރާފުގެ އެއްބަސްވުމާގުޅޭ އުސޫލުތަކަށް ބަދަލު ގެނެސްފައިވެއެވެ.

މީގެއިތުރުން ޝަރީއަތެއްގައި ހެކިބަސްދޭ މީހާ ހިމާޔަތްކުރުމުގެ އަމުރަކަށް އެދުމާއި އަމުރު ނެރެދިނުމާ ގުޅޭ އުސޫލުތަކާއި ހިމާޔަތްކުރެވޭ ހެކީންގެ ހެކިބަސް ނެގުމާ ގުޅޭ އުސޫލުތައް ޤާނޫނުގައި ކަނޑައެޅިފައިވެއެވެ.