Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

ޝަންގްރިއްލާ އާއި ކެނަރީފް ހުއްޓުން ގުޅުވީ ރިސޯޓް ކުއްޔާ

ކެނަރީފް ރިސޯޓްގެ މަންޒަރެއް.

އައްޑޫގެ ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ އާއި ކެނަރީފް ރިސޯޓް ހުއްޓެން ދިމާވި މައިގަނޑު އެއް ސަބަބަކީ އެތަންތަނުގެ ކުލި ބޮޑުކުރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.

އޭނަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ދެ ރިސޯޓުން ކުއްޔަށް ކުރިން ނަގަމުން އައީ 300،000 ޑޮލަރު ކަމަށެވެ. ނަމަވެސް 2010 ގައި ރިސޯޓް ކުލި ބޮޑުކުރުމުން ކުލި ދެ މިލިއަން ޑޮލަރަށް ބޮޑުވި ކަމަށް ވިދާޅުވި އެވެ.

ކުރިން ހެރަތެރަ ރިސޯޓްގެ ނަމުގައި ހިންގަމުން އައި ކެނަރީފަކީ 2007 ގައި ހުޅުވި ރިސޯޓެކެވެ. އަދި އެއީ އައްޑޫގައި ހުޅުވި ފުރަތަމަ ރިސޯޓް ވެސް މެ އެވެ. ޝަންގްރިއްލާ ރިސޯޓަކީ 2008 ގައި ހުޅުވި ތަނެކެވެ. އަދި އެތަނަކީ ރާއްޖޭގެ އެންމެ މަތީ ފަންތީގެ އެއް ރިސޯޓެވެ.

ނަމަވެސް މި ދެ ރިސޯޓަކީ މީގެ ދެ އަހަރު ކުރިން ކޮވިޑްގެ ވަބާއާ ހެދި 2020 ގެ މެދު ތެރޭގައި ބަންދުކުރި ދެ ރިސޯޓެވެ. އޭގެ ފަހުން އަދިވެސް ޝަންގްރިއްލާ އޮތީ އަލުން އޮޕަރޭޝަނަށް ނުގަނެވި އެވެ. އަދި އެތަން އޮތީ "ވާނުވާ" ގަ އެވެ. ނަމަވެސް ކެނަރީފް މި އަހަރުގެ ޖެނުއަރީން ފެށިގެން އަންނަނީ "ފާޑަކަށް" ހިންގަމުންނެވެ.

ނިހާދު ވިދާޅުވި ގޮތުގައި ޝަންގްރިއްލާ އާއި ކެނަރީފް ހުއްޓެން ދިމާވި މައިގަނޑު އެއް ސަބަބަކީ ކުލި ބޮޑުކުރުން ކަމަށެވެ. އެކަމަކު މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރިސޯޓްތަކުގެ ކުލި ބޮޑުތަނުން ކުޑަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އައްޑޫގައި އެންމެ ފަހުން ހުޅުވި ރިސޯޓަކީ 2019 ގައި އޮޕަރޭޝަނަށް ގެނައި ސައުތު ޕާމް ރިސޯޓެވެ.