Last Updated: July 27, 09:53
Saturday, July 27, 2024
ޚަބަރު

އުއްޗުގެ އުފަން ދުވަހަށް އިންޑިއާގެ ލަވަކިޔުންތެރިއެއް

ޔޮހާނީއާ އެކީ އުއްޗު.

ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) ގެ އުފަން ދުވަހަށް އިންޑިއާގެ ލަވަކިޔުންތެރިޔަކު ގެންނަން ނިންމައިފި އެވެ.

ސޯޝަލް މީޑިއާގައި ޚަބަރު ފަތުރާ އެމްވީ ކްރައިސިސް އިން ބުނި ގޮތުގައި އުއްޗުގެ 76 ވަނަ އުފަން ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ހަރަކާތްތަކަށް ގެންނަން ނިންމާފައި ވަނީ ސޮނީ ޓީވީން މި އަހަރު ގެނެސްދިން އެ ޗެނެލްގެ "ސުޕަސްޓާ ސިންގާ" ސީޒަން ދޭއް ކާމިޔާބުކުރި މުހައްމަދު ފައިޒް، 15، އެވެ.

އަރަމުން މި ފަންނާނަކީ ހާއްސަކޮށް ލޯބީގެ ލަވަތައް ކިޔަން ވަރަށް ކުޅަދާނަ ކުއްޖެކެވެ. އެގޮތުން "ސުޕަސްޓާ ސިންގާ 2" ގައި ވެސް ފައިޒް އެންމެ ބޮޑަށް ފާހަގަކުރެވެނީ ލޯބީގެ ލަވަތައް ކިޔަން ވަރަށް ކުޅަދާނަ ލަވަކިޔުންތެރިއެއްގެ ގޮތުގަ އެވެ. ސޮނީގެ ޝޯގެ އިތުރުން ރާޖަސްތާނުގެ ޖޯދުޕޫރަށް އުފަން ފައިޒަކީ 2019 ގައި ޒީޓީވީގެ "ސާރޭގާމާ ލިލް ޗޭމްޕްސް" އާއި 2018 ގައި "ލަވް މީ އިންޑިއާ ކިޑްސް" ގައި ވެސް ވާދަކޮށްފައިވާ ފަންނާނެކެވެ.

ރާއްޖޭގެ ރިސޯޓް ވިޔަފާރީގައި އެންމެ ފާހަގަކޮށްލެވޭ ވިޔަފާރިވެރިންގެ ތެރޭގައި ހިމެނޭ އުއްޗުގެ އުފަން ދުވަސް ފާހަގަކުރަން ފައިޒް ގެންނަން ނިންމާފައިވާ އިރު، މިދިޔަ އަހަރު ވެސް އޭނަގެ އުފަން ދުވަސް ކުލަގަދަކޮށް ފާހަގަކުރި އެވެ. އެގޮތުން ހަފުލާގައި ސްރީ ލަންކާގެ ކުރީގެ ޔޫތު މިނިސްޓަރު ނަމާލް ރާޖަަޕަކްސާ އާއި ރާއްޖޭގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވެސް ބައިވެރިވެވަޑައިގަތެވެ.

މިދިޔަ މަހު ބައިސްކޯފުން އިންތިޒާމުކޮށްގެން ހުޅުމާލޭގައި ބޭއްވި "ޗަނާޗާ" ޝޯ އަށް އައި ސްރީ ލަންކާގެ ލަވަކިޔުންތެރިޔާ ޔޮހާނީއާ ވެސް ޗަމްޕާ ގްރޫޕްގެ ޗެއާމަން އުއްޗު ބައްދަލުކޮށް، އެކީގައި ވަގުތު ހޭދަކޮށްފައިވެ އެވެ. ޔޮހާނީ އަކީ "މަނިކެ މަގޭ ހިތޭ" ކިޔައިގެން މަޝްހޫރުވި ލަވަކިޔުންތެރިޔާ އެވެ.