ކެރިއަރު ހަލާލުކޮށްލަން ބަޔަކު މަސައްކަތްކުރި ކަމަށާއި އެ މީހުންގެ އަމާޒަކަށްވީ ކާމިޔާބު މީހަކަށް ވިޔަ ނުދިނުން ކަމަށް އިންޑިއާގެ ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ބުނެފި އެވެ.
ބޮލީވުޑްގެ އިތުރުން ހޮލީވުޑްގައި ވެސް މަސައްކަތްކުރާ 40 އަހަރުގެ ބަތަލާ، މޮޑެލް ރަންވީރު އަހްލުވާލިއާގެ ޕޮޑްކާސްޓް ޝޯ އަށް ދިން އިންޓަވިއުއެއްގައި ބުނީ ކެރިއަރު ހަލާކުކުރަން އުޅުނު މީހުން އެންމެ ބޮޑަށް މަސައްކަތްކުރީ ލިބެމުން އައި ފުރުސަތުތަކަށް ހުރަސް އަޅަން ކަމަށެވެ. އެގޮތުން ފިލްމުތަކުން ފުރުސަތު ގެއްލުވާލުމަށާއި ކުރަމުން އައި މަސައްކަތްތައް ހުއްޓުވަން ވެސް އެފަދަ ބައެއް މީހުން މަސައްކަތްކޮށްފައިވާ ކަމަށް ޕްރިޔަންކާ ބުންޏެވެ.
"އެކަމަކު އެއިން އެއްވެސް ކަމަކުން އެ ބަޔަކަށް އަހަރެން ނުހުއްޓުވުނު. ވަރަށް ވަރަށް މާޔޫސްވި ދުވަސްތަކެއް. އެކަމަކު އަހަންނަކީ ކުރިމަތިވާ އެފަދަ އެފަދަ ކަންކަމާ ހެދި ހިތްވަރު އެލުވާލައި، ރޯން އިންނާނެ މީހެއް ނޫން،" 2000 ވަނަ އަހަރު މިސް ވޯލްޑްގެ ތާޖު ހާސިލުކުރުމަށް ފަހު ސަނީ ޑިއޯލްގެ "ހީރޯ: ލަވް ސްޓޯރީ އޮފް އަ ސްޕައި" އިން ބޮލީވުޑަށް ނުކުތް ބަތަލާ ބުންޏެވެ. "އެކަން އޮންނާނީ މިހާތަނަށް ސާބިތު ވެސް ކޮށް ދީފައި."
ޕްރިޔަންކާ ބުނި ގޮތުގައި ބައެއް މީހުން އޭނައާ ދެކޮޅަށް މަސައްކަތްކޮށް، ކެރިއަރު ހަލާކު ކުރަން މަސައްކަތް އިރު، ހިތްވަރު ދިނީ އެންމެ ގާތުގައި ތިބި މީހުންނެވެ. އަދި އެންމެ ބޮޑި އިންސްޕިރޭޝަނަކީ ވެސް އެފަދަ މީހުން ކަމަށް ބުންޏެވެ. ދެހާސް އަށެއްގެ ފިލްމު "ފެޝަން" އިން ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ކާމިޔާބު ބަތަލާ ބުނި ގޮތުގައި ކަންކަމާ ދޭތެރޭ އަބަދު ވެސް ދެކެނީ ވަރަށް ޕޮޒިޓިވްކޮށެވެ.
"އެ މީހަކު ވާސިލުވާން ބޭނުންވާ ހިސާބަށް ދާން ބޭނުންވާ ކަމަށް ވަންޏާ އޮތް ގޮތަކީ ނެގަޓިވިޓީ އާއި ގޮންޖެހުންތަކަށް ބެލުމެއް ނެތި ކުރިއަށް ދާން މަސައްކަތްކުރުން،" ޕްރިޔަންކާ ބުންޏެވެ. "ހާއްސަކޮށް ބުރަ މަސައްކަތް ކުރާ ކޮންމެ މީހަކަށް ކާމިޔާބީއާ ހަމައަށް ދެވޭނެ."
ބޮލީވުޑަށް ވުރެ ބޮޑަށް މިހާރު ހޮލީވުޑަށް ވަގުތުދޭ ބަތަލާ އެ އިންޑަސްޓްރީ އަށް ނުކުތީ އޭބީސީގެ 2015 ގެ ސީރީޒް "ކްއަންޓިކޯ" އިންނެވެ. ޕްރިޔަންކާގެ ފުރަތަމަ ހޮލީވުޑް ފިލްމަކީ 2017 ގެ "ބޭވޮޗް" އެވެ. އޭގެ ފަހުން ފަސްއެނބުރި ބެލުމެއް ނެތި އޭނަ ދަނީ ކުރިއަށެވެ. ޕްރިޔަންކާ އަކީ މިހާރު ހޮލީވުޑްގެ ނުފޫޒު ގަދަ ބަތަލާއެކެވެ. އަދި އޭނަ އަށް އިންޑަސްޓްރީގެ އެންމެ ވަރުގަދަ މީހުންނާ އެކީ މަސައްކަތް ކުރަން އަންނަނީ ފުރުސަތު ލިބެމުންނެވެ.
ޕްރިޔަންކާގެ ކުރިއަށް ހޮލީވުޑްގެ ޕްރޮޖެކްޓްތަކުގެ ތެރޭގައި އެމެޒޯންގެ ވެބް ސީރީޒް "ސިޓަޑެލް" އާއި ފީޗާ ފިލްމުތައް ކަމަށްވާ "ލަވް އެގެއިން" އާއި "އެންޑިން ތިންގްސް" ހިމެނެ އެވެ. އޭނަ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުގެ "މެޓްރިކްސް ރިސަރެކްޝަންސް" އެވެ.
ޕްރިޔަންކާގެ އެންމެ ފަހުގެ ހިންދީ ފިލްމަކީ 2019 ގެ "ދަ ސްކައި އިޒް ޕިންކް" އެވެ. މަސައްކަތް ފަށަން އޮތް ފިލްމަކީ "ޖީ ލޭ ޒަރާ" އެވެ.
މިހާރު އަންހެން ދަރިއަކު ވެސް އޮތް ބަތަލާގެ ފިރިމީހާ އަކީ އެމެރިކާގެ ލަވަކިޔުންތެރިޔާ/އެކްޓަރު ނިކް ޖޯނަސް އެވެ.