Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

ހުޅުމާލޭގައި ވިޔަފާރިތަކަށް ބޮޑު ލުޔެއް

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހިންގުމަށް ހުޅުމާލޭގެ އިމާރާތްތަކުގެ ފުރަތަމަ ފަންގިފިލާ ބޭނުން ކުރުމަށް ހުއްދަ ދިނުމަށް އެޗްޑީސީން ނިންމައިފިއެވެ.

ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ހުޅުމާލެއިން ދޫކުރުމަށް ގަސްތުކޮށްފައިވަނީ، އަމިއްލަ ފަރާތްތަކުގެ އިމާރާތްތަކުގެ ފުރަތަމަ ފަންގިފިލާ ކަމަށެވެ. މިގޮތަށް ހުއްދަ ދޭނީ ރެސްޓޯރެންޓު، އާންމު ފިހާރަތަށް އަދި އެހެނިހެން ޙިދުމަތްދޭ ތަންތަން ހިންގުމަށް ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނެފައިވަނީ ހުޅުމާލޭގެ އިމާރާތްތަކުގެ ފުރަތަމަ ފަންގިފިލާ ވިޔަފާރިއަށް ދިނުމަށް ނިންމީ، އިކޮނޮމިކް މިނިސްޓްރީގެ އެދި ލެއްވުމަށް ކަމަށެވެ. ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުގެ ތެރޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމަކީ އިސްކަމެއް ދީފައިވާ ކަމެކެވެ. މިގޮތުން އެސްއެމްއީ ބޭންކު އުފައްދައި މިފަދަ ވިޔަފާރިތަކަށް ލޯން އެހީ ދޭން ވަނީ ފަށާފައެވެ.

އެޗްޑީސީން ބުނެފައިވަނީ އެޗްޑީސީން ވިޔަފާރިތައް ހިންގުމަށް ހުއްދަ ދިންނަމަވެސް. މިފަދަ އެއްވެސް ތަނެއްގައި އިންޑަސްޓްރިއަލް މަސައްކަތެއް ކުރުމަށް ނުވަތަ ގުދަން ކުރުމަށް ހުއްދައެއް ނުދެވޭނެ ކަމަށެވެ.

ކުދި އަދި މެދެ ފަންތީގެ ވިޔަފާރިތައް ހުޅުމާލޭގައި ކުރިއެރުވުމަށް އެޗްޑީސީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ސަރުކާރާއި ގުޅިގެން ތަފާތު އެކި ލުއިތައްދީ އިތުރު ޙިދުމަތްތައް ތަޢާރަފް ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މިކަމުގެ ސަބަބުން އާންމުންނަށް ލުއިފަސޭހަވެގެން ދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.