Last Updated: December 6, 23:06
Wednesday, December 6, 2023
ޚަބަރު

އާސަންދަ އާއި އެންސްޕާގެ ހިދުމަތް އެއް ތަނަކުން

އާސަންދައާއި އެންސްޕާ އިން ފޯރުކޮށްދެމުންދާ ހުރިހާ ޚިދުމަތެއް އެއްތަނަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް "ވިރަ"ގެ ނަމުގައި ސެންޓަރެއް ހުޅުވައިފި އެވެ.

މި ސެންޓަރު ހުޅުވައިދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒު އިސްމާޢީލްއާއި މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢައިޝަތު މުޙައްމަދު ދީދީ އެވެ.

އާސަންދައިން ބުނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލާއ އާއި ހުޅުމާލެ ހޮސްޕިޓަލުގައި 'ވިރަ' ކައުންޓަރުގެ ނަމުގައި ވާނީ ކައުންޓަރުތަކެއް ޤާއިމުކުރެވިފައި ކަމަށެވެ. ވިރަ ސެންޓަރު ހުންނާނީ ފެންބިލްޑިންގެ ނިކަގަސްމަގަށްވާ ފަޅީގަ އެވެ.

މިއާއެކު އާސަންދަ ކުންފުނިން ފޯރުކޮށްދެމުންދާ އާސަންދަ އަދި މެރަނާ ސްކީމްގެ ޚިދުމަތްތަކާއި އެންސްޕާގެ ދަށުން ފޯރުކޮށްދެމުންދާ މެޑިކަލް ވެލްފެއަރ ޚިދުމަތްތައް އެއްތަނަކުން ލިބިގަތުމުގެ ފުރުޞަތު ރައްޔިތުންނަށް ފަހިވެފައިވާ ކަމަށް އާސަންދައިން ބުނެ އެވެ.

ބޭސްފަރުވާގެ ކަންކަމާއި ގުޅިގެން ދައުލަތުން އެހީއަށް އެދޭ ފަރާތްތަކަށް ފޯރުކޮށްދޭ ޚިދުމަތްތަކާއި ގުޅޭ ހުރިހާ މަޢުލޫމާތެއް "ވިރަ" ސެންޓަރުން ލިބެން ހުންނާނެކަމަށް އަސަންދައިން ބުނެ އެވެ.

އާސަންދަ ކުންފުނިން ބުނީ ކުރިއަށް އޮތްތަނުގައި އޭޑީކޭގެ އިތުރުން ޓްރީޓޮޕް ހޮސްޕިޓަލުގައި ވެސް މިޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށެވެ. ޚިދުމަތްތައް ހޯދުމަށް އެދޭނެ ގޮތާއި އޭގެފަހުން ކަންކުރަންވީގޮތުގެ އިރުޝާދުވެސް މިސެންޓަރުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

"ވިރަ" ސެންޓަރުން ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 10:00 އާއި ހަމައަށް ޚިދުމަތް ލިބޭނެ އެވެ.