ވޯލްޑް ކަޕަށް އައީ ފުޓްބޯޅަ ކުޅެން ކަމަށާއި ސިޔާސީ މެސެޖު ދޭން ނޫން ކަމަށް ބެލްޖިއަމްގެ ކެޕްޓަން އެޑެން ހަޒާޑް ބުނެފި އެވެ.
ވޯލްޑް ކަޕްގައި ޔޫރަޕްގެ ހަތް ޓީމަކުން "ވަންލަވް" ރެއިންބޯ ކެޕްޓަން ބޭންޑް ބޭނުން ކުރުމަށް ނިންމި ނަމަވެސް ފީފާ އިން ދީފާނެ އަދަބެއްގެ ސަބަބުން އެޓީމުތަކުން ފަހުން ވަނީ އެ ބޭންޑް ނާޅަން ނިންމާފަ އެވެ. އެ ބޭންޑް ނޭޅޭތީ ޖަރުމަނުން އިއްޔެ ޖަޕާނާއި ދެކޮޅަށް ކުޅުނު މެޗު ފެށުމުގެ ކުރިން ވަނީ އަނގަމަތީގައި އަތް އަޅައިގެން ތިބެ ހަޅުތާލުކޮށްފަ އެވެ. އިއްޔެގެ މެޗުން ޖަރުމަނު ވަނީ 2-1 އިން ބަލިވެފަ އެވެ.
ވޯލްޑް ކަޕްގައި ރޭ ބެލްޖިއަމުން 1-0 އިން ކެނެޑާގެ މައްޗަށް ކުރި ހޯދި މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ހަޒާޑް ބުނީ ރެއިންބޯ ބޭންޑާއި ގުޅޭގޮތުން ވާހަކަ ދައްކަން އޭނާ އަށް އެހާ ފަސޭހަ ނޫން ކަމަށާއި ވޯލްޑް ކަޕަށް އައީ ފުޓްބޯޅަ ކުޅެން ކަމަށެވެ.
އަދި ޖަރުމަނުން ވެސް ހަޅުތާލު ކުރުމަށްފަހު މެޗުންވީ ބަލި ކަމަށާއި ހަޅުލާތުނުކޮށް މެޗުން މޮޅުވާން އުޅުނު ނަމަ މާ ރަނގަޅުވީސް ކަމަށް ހަޒާޑް ބުންޏެވެ.
"ވޯލްޑް ކަޕަށް އައީ ފުޓްބޯޅަ ކުޅެން، ސިޔާސީ މެސެޖުތަކެއް ދޭކަށް ނޫން. އެފަދަ މެސެޖުތައް ދޭން އެކަށީގެންވާ މީހުން ތިބޭނެ. އަހަރަމެން ބޭނުންވަނީ ފުޓްބޯޅަ އަށް ހުރިހާ ފޯކަސްއެއް ދޭން." ހަޒާޑް ބުންޏެވެ.
މި ކެޕްޓަން ބޭންޑް ޔޫރަޕްގެ ބައެއް ގައުމުތަކުން އެޅުމަށް ނިންމީ އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ހައްގުތަކާއި މެދު ގަތަރުން ގެންގުޅޭ ސިޔާސަތުތަކާ ދެކޮޅު ހެދުމުގެ ގޮތުންނެވެ. ބޭންޑް އަޅަން ނިންމި ހަތް ޓީމަކީ އިންގްލެންޑް، ވޭލްސް، ބެލްޖިއަމް، ޑެންމާކް، ނެދަލޭންޑްސް، ޖަރުމަނު އަދި ސްވިޒަލޭންޑެވެ.
އެއް ޖިންސުން ގުޅުން ހިންގުމަކީ ހައްގެއް ކަމަށް ބުނެ ވޯލްޑް ކަޕްގައި ވާދަކުރާ ބައެއް ޓީމުތަަކުން ފީފާއާ ދެކޮޅަށް ނިކުމެފައިވާއިރު އެއް ޖިންސުން ގުޅުން ހިންގުމާއި އެކަމަށް ހިތްވަަރު ދިނުމަކީ ގަތަރުގެ ގާނޫނުތަކުން މަނާ ކަމެކެވެ.