Last Updated: March 29, 10:36
Friday, March 29, 2024
މުނިފޫހިފިލުވުން

"ބޭހުދީ" ގެ ޖޯޑު 30 އަހަރު ފަހުން އެކީގައި

އަންނަ މަހު ރިލީޒްކުރާ ކާޖޮލްގެ ފިލްމު "ސަލާމް ވެންކީ" ގައި ކާޖޮލްއާ އެކީ އޭނަގެ ފުރަތަމަ ފިލްމު "ބޭހުދީ" ގެ ބަތަލު ކަމަލް ސާދަނާ ފެންނާނެކަން ކަށަވަރުވެއްޖެ އެވެ.

ކަމަލް އަކީ މީގެ 30 އަހަރު ކުރިން 1992 ގައި ކާޖޮލް ބޮލީވުޑަށް ނުކުތް ފިލްމުގެ ބަތަލެވެ. "ބޭހުދީ" އަށް ފަހު، މާ ގިނަ ފިލްމުތަކެއް 52 އަހަރުގެ އެކްޓަރު ކުޅެފައެއް ވެސް ނުވެ އެވެ. ކަމަލް ކުޅުނު ފިލްމުތަކުގެ ތެރޭގައި 1993 ގެ "ރަންގް" އާއި 1994 ގެ "ބާލީ އުމަރު ކޯ ސަލާމް" ހިމެނެ އެވެ. އަދި އެންމެ ފަހުން ކަމަލް ފެނިފައި ވަނީ "ވިކްޓޯރިއާ ނަމްބާ 203: ޑައިމަންޑްސް އާ ފޯއެވާ" އިންނެވެ.

އަންނަ މަހުގެ 9 ގައި ރިލީޒްކުރާ "ސަލާމް ވެންކީ" އާ ބެހޭ ގޮތުން ކަމަލް ބުނީ އެ ފިލްމުގެ މަސައްކަތްކުރި އިރު އާ ވީ ކާޖޮލްއާ އެކީ "ބޭހުދީ" ގެ މަސައްކަތްކުރި ދުވަސްވަރު ކަމަށެވެ.

"ތިރީސް އަހަރު ފަހުން ވެސް ހަމަ ކުރީގެ ކާޖޮލް އަހަންނަށް ސަލާމް ވެންކީގެ ސެޓުން ވެސް ފެނުނީ. ހަމަ އެހާ އަނގަ ގަދަ އަދި އެހާ ހިނިގަނޑު ޖަހާ ބަތަލާއެއް ކާޖޮލް އަކީ،" ކަމަލް ބުންޏެވެ. "މި ފިލްމުގެ ޝޫޓިން ވަރަށް މަޖާކޮށް ދިޔައީ. ފިލްމުގެ ވަރަށް ހާއްސަ ރޯލަކުން އަހަރެން ފެންނާނީ. އެކަމަކު ނެތް ރޯލާ ބެހޭ ގޮތުން އިތުރު އެއްވެސް ވާހަކައެއް ދެއްކޭކަށް."

ކާޖޮލް ބުނީ 30 އަހަރު ފަހުން ކަމަލްއާ އެކީ މަސައްކަތްކުރަން ލިބުމުން ހައިރާންވެގެން ގޮސް ބުނާނެ އެއްޗެއް ނޭނގި އެތައް އިރެއް ވަންދެން ހުންނަން ޖެހުނު ކަމަށެވެ.

"ދެން ހަމަ ހަޅޭއްލަވައި ގަނެވުނީ. ބޭހުދީ އަށް ފަހު އެކީގައި މަސައްކަތްކުރާނެ ފުރުސަތު ނުލިބުނަސް ދޭތެރެ ދޭތެރެ އިން ކަމަލްއާ ދިމާވޭ. އަދި ގާތްކަން އަބަދު ވެސް އޮވޭ." އެކްޓަރު އަޖޭ ދޭވްގަންގެ އަންހެނުން ބުންޏެވެ.

"ސަލާމް ވެންކީ" އަކީ މަޔަކާއި ބަލި ޒުވާން ފިރިހެން ދަރިއަކާ ދެމެދު އޮންނަ ގުޅުން ދައްކުވައިދޭނެ އެއްޗެކެވެ. މީގެ ޑައިރެކްޓަރަކީ ސަލްމާން ޚާންގެ 1990 ގެ ފިލްމު "ލަވް" ގެ ބަތަލާ ރިވަތީ އެވެ.

"ސަލާމް ވެންކީ" ގެ ކާސްޓްގައި ވިޝާލް ޖެތުވާ، އަހާނާ ކުމްރާ، ރާހުލް ބޯސް، ރަޖީން ކަންޑެލްވާލް (ސޫޖަލް) އަދި ޕްރަކާޝް ރާޖް ހިމެނެ އެވެ. އަދި މީގެ ވަރަށް ހާއްސަ ފެނިލުމެއްގައި އާމިރު ޚާން ވެސް ހިމެނެ އެވެ.