Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ކޮޅުފުށީ ކުނި މެނޭޖްކުރާ މަރުކަޒު ހަދަން ހަވާލުކޮށްފި

މ. ކޮޅުފުށީގައި ކުނި މެނޭޖުކުރާ މަރުކަޒު ޤާއިމުކުރުމަށްޓަކައި ވިންލެންޑް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފި އެވެ.

މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު އަންސާރު އެެވެ. ވިންލެންޑް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރ ޢަލީ ރަމީޒެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ މިއަދު ހަވާލުކުރި މަޝްރޫއުގެ އަގަކީ ޖުމްލަ 3,192,659.66 ރުފިޔާ ކަމަށާއި މި މަޝްރޫއު ނިންމާލެވޭނެ ކަމަށް ބެލެވެނީ މަސައްކަތް ފަށާ ތާރީޚުން ފެށިގެން ގާތްގަނޑަކަށް ހަ މަސް ދުވަހުގެ ތެރޭގައި ކަމަށެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން މަޢުލޫމާތު ދީފައިވާ ގޮތުން އެ މަޝްރޫޢު ނިމުމުން، މ.ދިއްގަރު ކުންޏާއި ވަޞީލަތް މެނޭޖުކުރާ މަރުކަޒުގައި ކުނި ވަކިކޮށް، އަލުން ބޭނުން ހިފޭ ކުނި ރައްކާކޮށް، އަދި ނައްތާ ނުލެވޭ ޒާތުގެ ކުނި ކަނޑައެޅިފައިވާ ސަރަހައްދީ ކުނި މެނޭޖުކުރާ މަރުކަޒަކަށް ގެންދިއުމަށް މަގުފަހި ވެގެންދާނެ އެވެ.

މިނިސްޓްރީން ބުނީ ރަށު ފެންވަރުގައި އެފަދަ މަރުކަޒެއް ޤާއިމުވުމުން ސިއްޙަތަށާއި ތިމާވެއްޓަށް ގިނަ ފައިދާތަކެއް ލިބިދިނުމުގެ އިތުރުން އިޤްތިސާދަށް ވެސް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށް ވެގެންދާނެ ކަމަށެވެ.

މި މަޝްރޫޢުގެ ތެރެއިން ޤާއިމުކުރެވޭ ކުނި މެނޭޖްކުރާ މަރުކަޒުތަކީ ޒަމާނީ ފެންވަރަށް ތައްޔާރުކުރެވޭ މަރުކަޒެކެވެ. މިގޮތުން އަލަށް ޑިޒައިން ކުރެވިފައިވާ މި މަރުކަޒުތަށް ޖާގައިގެ ގޮތުން ތަަނަވަސް ވެފައި މި މަރުކަޒުތައް ހިންގުމަށް ބޭނުންވާ އޮފީހެއްގެ އިތުރަށް، ފާޚާނާ، ސްޓޯރޭޖް، ކުނި ބައިބަޔަށް ވަކިކޮށްފައި ބަހައްޓާނެ ޖާގަ، އަދި ނުރައްކާތެރި ކުނި ބެހެއްޓުމަށް ހާއްސަ ޖާގައެއް ހިމެނެ އެވެ. އަދި މި މަރުކަޒުތަކަށް ގެނެވޭ ކުނީގެ ބަރުދަން ބެލުމަށް ވެއިންގ ސްކޭލް ވެސް ބެހެއްޓޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މި މަޝްރޫޢު ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޝޭންޖް އެންޑް ޓެކްނޯލޮޖީ އިން ޒޯން 2، 4 އަދި 5 ގައި ތަންފީޛު ކުރަމުންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަޓް ޕްރޮޖެކްޓް މެދުވެރިކޮށް ވޯލްޑް ބޭންކުގެ ހިލޭ އެހީގެ ދަށުންނެވެ.