ފީފާ ވޯލްޑް ކަޕުގެ ހަތަރުވަނަ ދުވަހުގެ މެޗުތައް ކުޅެން ފަށާފައިވާއިރު، މިއަދުގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އެޗްގައި ހިމެނޭ އުރުގުއޭ އާއި ދެކުނު ކޮރެޔާ އެވެ.
އުރުގުއޭ އާއި ދެކުނު ކޮރެޔާ އަކީ ވޯލްޑް ކަޕަށް މުޅިން އާ ދެ ޓީމު ކަމަށް ނުވާއިރު މި ދެ ޓީމު މިފަހަރު ލައްވާލާފައިވަނީ ވާދަވެރި ގްރޫޕެއްގަ އެވެ. އެގޮތުން މި ގްރޫޕްގައި ދެން ހިމެނޭ އަނެއް ދެ ޓީމަކީ ޕޯޗުގަލް އާއި ގާނާ އެވެ.
އުރުގުއޭ އިން މިފަހަރުގެ ވޯލްޑް ކަޕަށް ނިކުންނަނީ އެޓީމުގެ ކޯޗުކަމުގެ މަގާމުގައި 15 އަހަރު ވަންދެން ހުރި އޮސްކާ ޓަބަރޭޒްއާ ނުލަ އެވެ. އުމުރުން 75 އަހަރުގެ ޓަބަރޭޒް އުރުގުއޭގެ ކޯޗުކަމުގެ މަގާމުން ވަކިކުރީ ވޯލްޑް ކަޕަށް ކޮލިފައިންގައި ޖެހިޖެހިގެން ހަތަރު މެޗުން ބަލިވެ މުބާރާތަށް ކޮލިފައި ނުވެދާނެ ކަމުގެ ބިރު ހީވުމާ ގުޅިގެންނެވެ. އޭނާގެ ބަދަލުގައި މިދިޔަ ޖެނުއަރީގައި އުރުގުއޭ ޓީމާ ހަވާލުވި ޑިއޭގޯ އޮލޮންސޯއާ އެކު އުރުގުއޭ ޖެހިޖެހިގެން ހަތަރު މެޗުން މޮޅުވެ މުބާރާތަށް ވަނީ ކޮލިފައިވެފަ އެވެ.
ތަޖުރިބާކާރު އަދި ޒުވާން ކުޅުންތެރިން ހިމަނައިގެން އެކުލަވާލާފައިވާ އުރުގުއޭ މިވަގުތު އޮތީ ރަނގަޅު ފޯމެއްގަ އެވެ. އެގޮތުން އުރުގުއޭގެ އާ ކޯޗާއެކު އެޓީމުން ކުޅުނު 9 މެޗުގެ ތެރެއިން ހަތް މެޗުން މޮޅުވެފައިވާއިރު އެޓީމު ކޮޅަށް ވަދެފައިވަނީ އެންމެ ދެ ގޯލެވެ.
އޭޝިއާގެ ގަދަ ބާރެއްގެ ގޮތުގައި ބެލެވޭ ދެކުނު ކޮރެޔާގެ ކޯޗު ޕައުލޯ ބެންޓޯ އަކީ ވޯލްޑް ކަޕަށް އާ ކޯޗެއް ނޫނެވެ. އެގޮތުން ވޯލްޑް ކަޕްގައި ބެންޓޯ މީގެކުރިން ވަނީ ޕޯޗުގަލްގެ ގައުމީ ޓީމަށްވެސް އިރުޝާދު ދީފަ އެވެ. 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީފައިނަލަށް ދެވުނު ފަހުން ދެކުނު ކޮރެޔާ އަށް ވޯލްޑް ކަޕްގައި މާ އެދެވޭ ނަތީޖާތަކެއް ނެރެވިފައި ނުވާއިރު މި މުބާރާތާ ކުރިމަތިލާއިރު އެޓީމު އޮތީ ރަނގަޅު ފޯމެއްގަ އެވެ. އެގޮތުން އެންމެފަހުން ދެކުނު ކޮރެޔާ އިން ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗު އެޓީމުން ވަނީ ކާމިޔާބުކޮށްފަ އެވެ.
އުރުގުއޭ
މިއީ ވޯލްޑް ކަޕް ދެ ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައިވާ އުރުގުއޭ މުބާރާތުގައި ވާދަކުރާ 14 މުބާރާތެވެ. އަދި މިއީ 2010 ވަނަ އަހަރަށްފަހު އުރުގުއޭ އިން ޖެހިޖެހިގެން ވާދަކުރާ ހަތަރުވަނަ ވޯލްޑް ކަޕެވެ. އުރުގުއޭ ވަނީ ފާއިތުވި ތިން ވޯލްޑް ކަޕްގައި ވެސް މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފަ އެވެ.
އުރުގުއޭ އިން ވަނީ ވޯލްޑް ކަޕްގައި އެންމެފަހުން ކުޅުނު 8 މެޗުގެ ތެރެއިން ހަ މެޗުން މޮޅުވެފަ އެވެ. ނަމަވެސް އެންމެފަހުން އުރުގުއޭ އިން ވާދަކުރި ހަތް ވޯލްޑް ކަޕްގެ ތެރެއިން ހަ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުން އެޓީމަށް މޮޅެއް ހޯދިފައެއް ނުވެ އެވެ.
މިރޭގެ މެޗަށް ނިކުންނައިރު އުރުގުއޭ ޓީމުގައި އަނިޔާގެ މައްސަލައެއް ނެތް ނަމަވެސް މި މެޗަށް އެޓީމުގެ ޑިފެންޑަރު ރޮނަލްޑް އަރައުހޯ ފިޓްވާނެ ކަމަކަށް ނުބެލެވެ އެވެ.
ދެކުނު ކޮރެޔާ
މިއީ ކޮރެޔާ އިން ވޯލްޑް ކަޕްގައި ވާދަކުރާ 11 ވަނަ ފަހަރެވެ. ކޮރެޔާ އަކީ މިހާތަނަށް ވޯލްޑް ކަޕަށް އެންމެ ގިނައިން ކޮލިފައިވި އޭޝިއާ ޓީމެވެ. އަދި މިއީ ކޮރެޔާ އިން ވޯލްޑް ކަޕްގައި ޖެހިޖެހިގެން ވާދަކުރާ 10 ވަނަ ފަހަރުވެސް މެ އެވެ.
ދެކުނު ކޮރެޔާ އަށް ފާއިތުވި ދެ ވޯލްޑް ކަޕްގައި ވެސް ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން މޮޅުވެފައެއް ނުވެ އެވެ. އަދި އެންމެފަހުން ވޯލްޑް ކަޕްގައި ކުޅުނު 9 މެޗުގެ ތެރެއިން އެޓީމު މޮޅުވެފައިވަނީ އެންމެ ދެ މެޗެވެ.
މި މެޗަށް ނިކުންނައިރު ކޮރެޔާ އަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ލޯ ކައިރި އަށް ލިބުނު އަނިޔާ އިން އެޓީމުގެ ފޯވާޑް ސޮން ރަނގަޅުވެ މުބާރާތަށް ފިޓްވުމެވެ. މި މުބާރާތުގައި ސޮން ކުޅޭނީ މާސްކެއް އަޅައިގެންނެވެ.
ދެ ޓީމުގެ ކުރިމަތިލުންތައް
ކޮރެޔާ އާއި އުރުގުއޭ ވަނީ ޖުމްލަ 8 ފަހަރެއްގެ މަތިން ބައްދަލުކޮށްފަ އެވެ. މީގެތެރެއިން ހަ މެޗުން އުރުގުއޭ މޮޅުވިއިރު އޭގެތެރޭގައި ހިމެނޭ ދެ މޮޅު އެޓީމުން ހޯދީ ވޯލްޑް ކަޕްގަ އެވެ. ކޮރެޔާ އަށް އުރުގުއޭގެ މައްޗަށް ކުރި ހޯދުނީ 2018 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗެއްގައި އެކަންޏެވެ.
އުރުގުއޭ އާއި ކޮރެޔާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން އިރުއޮއްސި 6:00 ގަ އެވެ.