Last Updated: November 30, 22:14
Wednesday, November 30, 2022
ކުޅިވަރު

މެޗު ޕްރިވިއު: ޕޯޗުގަލް-ގާނާ

ފީފާ ވޯލްޑް ކަޕުގެ ހަތަރުވަނަ ދުވަހުގެ މެޗުތައް ފަށާފައިވާއިރު، އިއްޔެކޭ އެއްގޮތަށް މިއަދު ވެސް މުބާރާތުގައި ހަތަރު މެޗު ކުޅޭނެ އެވެ. އެގޮތުން މިއަދުގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އެޗްގައި ހިމެނޭ ޕޯޗުގަލް އަދި ގާނާ އެވެ.

ޕޯޗުގަލް މިފަހަރުގެ ވޯލްޑް ކަޕާ ކުރިމަތިލާއިރު ދުނިޔޭގެ މީޑީއާތަކުގެ ފަލަ ސުރުހީތަކުން ޖާގަ ހޯދީ އެޓީމުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ވޯލްޑް ކަޕް ފެށެން ކުޑަދުވަސްކޮޅެއް ވެފައިވަނިކޮށް މެންޗެސްޓާ ޔުނައިޓެޑާ ގުޅޭގޮތުން ރޮނާލްޑޯ ދީފައިވާ އިންޓަވިއުއެއް އާންމުކުރިއިރު ޕޯޗުގަލް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގެ ގިނަ ސުވާލުތައް ވެސް ހާއްސަވީ އެ އިންޓަވިއުއަށެވެ. ނަމަވެސް ދާދިފަހުން ރޮނާލްޑޯ ވަނީ ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށްފަހު އޭނާ ކުރާ ކަންކަމަށް ވުރެ ބޮޑަށް ފުޓްބޯޅަ އަށް އެންމެން ވެސް ސަމާލުކަން ދިނުމަށް އެދިފަ އެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން 2012 ވަނަ އަހަރު ހޯދި ޕޯޗުގަލް އަކީ ވޯލްޑް ކަޕްގައި މާބޮޑު ކާމިޔާބެއް ހޯދިފައިވާ ޓީމެއް ނޫނެވެ. އެގޮތުން 2006 ވަނަ އަހަރަށްފަހު ޕޯޗުގަލް އަށް މުބާރާތުގެ ސެމީފައިނަލަށް ދެވިފައި ނުވާއިރު ވޯލްޑް ކަޕްގައި އެންމެފަހުން ކުޅުނު 11 މެޗުގެ ތެރެއިން އެޓީމަށް ކާމިޔާބު ކުރެވުނީ އެންމެ ތިން މެޗެވެ. ހުނަރުވެރި ކުޅުންތެރިން ހިމެނޭ ސްކޮޑެއް ޕޯޗުގަލްގައި އޮތްއިރު އެޓީމު މުބާރާތަށް ކޮލިފައިވީ ޕްލޭއޮފްގައި ނޯތް މެސެޑޯނިއާ 2-0 އިން ބަލިކޮށްގެންނެވެ.

ގާނާ މިފަހަރުގެ ވޯލްޑް ކަޕަށް ނިކުންނަނީ އެއް އަހަރުގެ މެދުކެނޑުމަކަށްފަހު އެވެ. 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާފައިނަލަށް ދަތުރުކުރި ގާނާ އަށް އޭގެފަހުން ބޮޑު މުބާރާތެއްގައި މާ ދުރަށް ދެވިފައެއް ނުވެ އެވެ. އެގޮތުން އެންމެފަހުން ބޭއްވި އެފްރިކަން ކަޕް އޮފް ނޭޝަންސް މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު އެއްވެސް މެޗަކުން މޮޅެއް ނުލިބި އެޓީމު ވަނީ ގްރޫޕް ސްޓޭޖުން ކަޓާފަ އެވެ. ނަމަވެސް އެ މުބާރާތަށްފަހު ގާނާ އިން ވަނީ ނަތީޖާތައް އަނެއްކޮޅަށް ޖަހާލާފަ އެވެ. އެގޮތުން އެންމެފަހުން ކުޅުނު 8 މެޗުގެ ތެރެއިން ހަތް މެޗު ގާނާ ވަނީ ކާމިޔާބުކޮށްފަ އެވެ.

ވޯލްޑް ކަޕާ ކުރިމަތިލާއިރު ގާނާ މިވަގުތު އޮތީ ރަނގަޅު ފޯމެއްގަ އެވެ. އެގޮތުން މުބާރާތަށް ތައްޔާރުވާން މިދިޔަ ހަފްތާގައި ގާނާ އިން ސްވިޒަލޭންޑާއި ބައްދަލުކޮށް ވަނީ 2-0 އިން އެ މެޗުން މޮޅުވެފަ އެވެ.

ޕޯޗުގަލް

މިއީ ޕޯޗުގަލް އިން ވާދަކުރާ 8 ވަނަ ވޯލްޑް ކަޕެވެ. ޕޯޗުގަލް އިން އެންމެފަހުން ކުޅުނު ފަސް ވޯލްޑް ކަޕްގެ ތެރެއިން ހަތަރު ވޯލްޑް ކަޕެއްގައި ދެވަނަ ބުރަށް ވުރެ ދުރަށް ދަތުރުކުރެވިފައެއް ނުވެ އެވެ.

އެންމެފަހުން ކުޅުނު ތިން ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުން ޕޯޗުގަލް އަށް މޮޅެއް ހޯދިފައެއް ނުވެ އެވެ. އެގޮތުން ދެ މެޗުން އެއްވަރުވިއިރު އަނެއް މެޗުން ވީ ބައްޔެވެ.

މި މެޗަށް ނިކުންނައިރު އަނިޔާގެ އެއްވެސް މައްސަލައެއް ޕޯޗުގަލް ޓީމުގައި ނެތެވެ.

ގާނާ

މިއީ ގާނާ އިން ވޯލްޑް ކަޕްގައި ކުޅޭ ހަތަރުވަނަ ފަހަރެވެ. ގާނާ އަށް މުބާރާތުގެ ދެވަނަ ބުރަށް މިހާތަނަށް ދަތުރުކުރެވިފައި ނުވަނީ އެންމެ ވޯލްޑް ކަޕެއްގަ އެވެ. އެއީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގަ އެވެ.

ގާނާ އިން ވަނީ ވޯލްޑް ކަޕްގައި އެންމެފަހުން ކުޅުނު ފަސް މެޗުގައި ވެސް ގޯލް ކާމިޔާބުކޮށްފަ އެވެ. ޖެހިޖެހިގެން ވޯލްޑް ކަޕްގެ ހަ މެޗުގައި ގޯލް މިހާތަނަށް ކާމިޔާބު ކުރެވިފައިވަނީ އެފްރިކާގެ ދެ ޓީމަކަށެވެ. އެއީ ދެކުނު އެފްރިކާ އާއި ނައިޖީރިޔާ އެވެ.

މި މެޗަށް ނިކުންނައިރު އަނިޔާގެ އެއްވެސް މައްސަލައެއް ގާނާ ޓީމުގައި ވެސް ނެތެވެ.

ދެ ޓީމުގެ ކުރިމަތިލުންތައް

ގާނާ އާއި ޕޯޗުގަލްގެ ހަމައެކަނި ބައްދަލުކޮށްފައިވަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގަ އެވެ. އެ މެޗު 2-1 އިން ކާމިޔާބުކުރީ ޕޯޗުގަލް އިންނެވެ.

ގާނާ އާއި ޕޯޗުގަލް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 9 ޖަހާއިރު އެވެ.