Last Updated: July 2, 23:14
Thursday, July 3, 2025
ޚަބަރު

ހާލުގައި ޖެހުނު އާއިލާތަކަށް މާލީ އެހީ ދީފި

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު - ފޮޓޯ: ރައީސް އޮފީސް

މި.ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު އާއިލާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ނެޝަނަލް ޑިޒާޒްޓާ މެނޭޖުމަންޓް އޮތޯރިޓީން ބުނީ މި ހާދިސާއާ ގުޅިގެން މިހާރު ވަގުތީ ބޯހިޔާވަހިކަމުގައި އެއްވެސް ފަރާތެއް ނެތް ކަމަށެވެ.

މި ހާދިސާގައި ހަ ގޭބީސީއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ. އެއީ އަލިފާނުގެ ހާދިސާ ހިނގި މ.ނިރުފެހި ގޭގައި ދިރިއުޅުނު ބިދޭސީންނާއި، އެގެއާއި އިންވެގެން ހުރި މ.ސޭންޑްރޯސްގެ އެއް ގޭބިސީ އާއި މ.ވާދީގެ 4 ގޭބިސީއެއްގެ މީހުންނެވެ.

މީގެ ތެރެއިން 5 ގޭބިސީއެއްގައި ކުއްޔަށް ދިރިއުޅުނު އާއިލާތަކަށް، ކާރިސާތަކުގައި އިންސާނީ އެހީ ތެރިކަން ފޯރުކޮށްދިނުމަށް ޢަމަލުކުރާ އުސޫލުގެ ތެރެއިން، އެހެން ތަނެއް ކުއްޔަށް ހިފުމަށް 15 ދުވަހުގެ މުއްދަތެއް ދީ، އެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިމުގެ ކަންކަން ހަމަޖެއްސުމަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށް އެންޑީއެމްއޭ އިން ބުނެ އެވެ. އަދި މި އާއިލާތައް އެހެން ތަނެއް ކުއްޔަށް ހިފުމަށް ދެ މަހުގެ އެޑްވާންސް ފައިސާއާއި އެއް މަހުގެ ކުލީގެ ފައިސާ އެންޑީއެމްއޭ އިން ވަނީ ހަމަޖައްސާފަ އެވެ.

ހާދިސާ ހިނގި ނިރުފެހި ގޭގައި ދިރުއުޅުނު ބިދޭސީންގެ ތެރެއިން އެންޑީއެމްއޭގެ ވަގުތީ ބޯހިޔާވަހިކަމަށް ގެނައި 9 ބިދޭސީންނަށް، އެ ފަރާތްތަކުގެ ދިރިއުޅުން އާންމު ހާލަތަށް ބަދަލުވުމަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ދިވެހި ރެޑްކްރެސެންޓްގެ އެހީއާއެކު އަންނަނީ ފޯރުކޮށްދެމުންނެވެ. އަދި އެ މީހުންނަށް ބޭނުންވާ ނަފްސާނީ އެހީތެރިކަން ވެސް އަންނަނީ ހަމަޖައްސަމުންނެވެ.

އަލިފާނުގެ އެ ހާދިސާގައި ޖުމްލަ 10 މީހަކު މަރުވެފައިވެ އެވެ.