ފީފާ ވޯލްޑް ކަޕުގެ ހަތަރުވަނަ ދުވަހުގެ ފަހު މެޗުގައި ބައްދަލުކުރާނީ ގްރޫޕް ޖީގައި ހިމެނޭ ބްރެޒިލް އާއި ސާބިޔާ އެވެ. މި ގްރޫޕްގައި މިއަދު ސްވިޒަލޭންޑުން ކެމަރޫންގެ މައްޗަށް 1-0 އިން ކުރި ހޯދިއިރު މޮޅަކުން މުބާރާތް ފެށުން ދެ ޓީމަށް ވެސް މުހިއްމެވެ.
ވޯލްޑް ކަޕްގެ ފެވަރިޓުންގެ ގޮތުގައި ގިނަ ބަޔަކާ ބަލާ ބްރެޒިލް އަކީ 1930 ވަނަ އަހަރުން ފެށިގެން ކޮންމެ ވޯލްޑް ކަޕަކަށް ވެސް ކޮލިފައިވި ހަމައެކަނި ޓީމެވެ. އެގޮތުން މިއަހަރުގެ ވޯލްޑް ކަޕަށް ބްރެޒިލް ކޮލިފައިވީ އެންމެ މެޗަކުން ވެސް ބަލިނުވެ އެވެ. ބްރެޒިލް ވަނީ ކޮލިފިކޭޝަންގައި ކުޅުނު 17 މެޗުގެ ތެރެއިން 14 މެޗުން މޮޅުވެފަ އެވެ. ކޮލިފިކޭޝަންގެ އިތުރުން ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖަކީ ވެސް ބްރެޒިލް އަށް މާބޮޑު އުނދަގުލަކަށް ނުވެ އެވެ. އެގޮތުން 1998 ވަނަ އަހަރުގެ ވޯލްޑް ކަޕަށްފަހު ގްރޫޕް ސްޓޭޖް މެޗަކުން ބްރެޒިލް މިހާތަނަށް ބަލިވެފައެއް ނުވެ އެވެ. އެފަހަރު ބްރެޒިލް ބަލިވީ ނޯވޭ އަތުން 2-1 އިންނެވެ.
ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި އޮތް ބްރެޒިލް އަށް އެންމެފަހުން ވޯލްޑް ކަޕް ކާމިޔާބު ކުރެވުނީ މީގެ 20 އަހަރުން ކުރިން ކަމަށްވާއިރު ބްރެޒިލްގެ ހުނަރުވެރި ސްކޮޑު މިފަހަރު ނިކުންނަނީ އެ ސިލްސިލާ އަށް ނިމުން ގެނައުމުގެ އުއްމީދާއެކު އެވެ. ވޯލްޑް ކަޕްގެ ފުރަތަމަ މެޗަށް ބްރެޒިލް މިރޭ ނިކުންނައިރު އެންމެފަހުން އެޓީމުން ކުޅުނު 15 މެޗުން ބަލިވެފައެއް ނުވެ އެވެ.
ވޯލްޑް ކަޕްގައި މާބޮޑު ކާމިޔާބެއް ލިބިފައި ނުވި ނަމަވެސް މިފަހަރުގެ މުބާރާތަށް އެޓީމު ކޮލިފައިވީ ޔޫރަޕްގެ ބައެއް ޓީމުތަކަށް ފެންވަރު ދައްކާލުމަށްފަހު އެވެ. އެގޮތުން ކޮލިފައިންގައި ސާބިޔާ ލައްވާލީ ވަރުގަދަ ޕޯޗުގަލްއާ އެއް ގްރޫޕެއްގައި ކަމަށްވާއިރު އެ ގްރޫޕްގެ އެއްވަނަ ހޯދީ ސާބިޔާ އެވެ. ކޮލިފައިންގައި ސާބިޔާ ވަނީ ކުޅުނު 8 މެޗުގެ ތެރެއިން ހަ މެޗު ކާމިޔާބުކޮށްފަ އެވެ. އަދި އޭގެފަހުން ޔޫއެފާ ނޭޝަންސް ލީގުގައި ވެސް ސާބިޔާ އިން ވަނީ ތަފާތު ދައްކާފަ އެވެ. އެންމެފަހުން ކުޅުނު 16 މެޗުގެ ތެރެއިން ސާބިޔާ ބަލިވެފައިވަނީ އެންމެ ދެ މެޗުންނެވެ.
ބްރެޒިލް
މިއީ ބްރެޒިލް އިން ވޯލްޑް ކަޕް ވާދަކުރާ 22 ވަނަ ފަހަރު ކަމަށްވާއިރު 1982 ވަނަ އަހަރަށްފަހު ބްރެޒިލް އިން ވަނީ ކުޅުނު ހުރިހާ ވޯލްޑް ކަޕެއްގައި ވެސް ގްރޫޕްގެ އެއްވަނަ ހޯދާފަ އެވެ.
ފަސް ފަހަރަށް ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ބްރެޒިލް އަކީ މުބާރާތުގެ ތާރީހުގައި ވެސް އެންމެ ގިނަ މެޗުން މޮޅުވި ޓީމެވެ. ބްރެޒިލް އިން ވަނީ ވޯލްޑް ކަޕްގައި ޖުމްލަ 73 މެޗުން މޮޅުވެފަ އެވެ.
މި މެޗަށް ނިކުންނައިރު ބްރެޒިލް ޓީމުގައި އަނިޔާގެ އެއްވެސް މައްސަލައެއް ނެތެވެ.
ސާބިޔާ
އެންމެފަހުން ބޭއްވި ފަސް ވޯލްޑް ކަޕްގެ ތެރެއިން ހަތަރު ވޯލްޑް ކަޕަށް ސާބިޔާ ކޮލިފައިވެފައިވާއިރު އެޓީމަކީ ވޯލްޑް ކަޕްގައި އެންމެ ގިނަ މެޗުން ބަލިވި ޔޫރަޕްގެ ހަމައެކަނި ޓީމެވެ. ސާބިޔާ ވަނީ ވޯލްޑް ކަޕްގައި އެންމެފަހުން ކުޅުނު 9 މެޗުގެ ތެރެއިން ހަތް މެޗުން ބަލިވެފަ އެވެ.
އެންމެފަހުން ކުޅުނު ތިން ވޯލްޑް ކަޕްގައި ވެސް ސާބިޔާ ވަނީ ގްރޫޕް ސްޓޭޖާ ހިސާބުން މުބާރާތުން ކަޓާފަ އެވެ. ސާބިޔާ އަށް އެންމެފަހުން ދެވަނަ ބުރަށް ދަތުރުކުރެވުނީ 1998 ވަނަ އަހަރު އެވެ.
މި މެޗަށް ނިކުންނައިރު ސާބިޔާ އަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެޓީމުގެ އިތުބާރު ފޯވާޑް މިޓްރޮވިޗް މި މެޗަށް ފިޓްވުމެވެ.
ދެ ޓީމުގެ ކުރިމަތިލުންތައް
ބްރެޒިލް އާއި ސާބިޔާ މިހާތަނަށް ދެ ފަހަރެއްގެ މަތިން ބައްދަލުކޮށްފަ އެވެ. އޭގެތެރެއިން އެއް މެޗަކީ އެންމެފަހުން ބޭއްވި ވޯލްޑް ކަޕްގައި ކުޅުނު މެޗެކެވެ. އެ މެޗު 2-0 އިން ކާމިޔާބުކުރީ ބްރެޒިލް އިންނެވެ. އަދި 2014 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗުން 1-0 އިން ކުރި ހޯދީ ވެސް ބްރެޒިލް އިންނެވެ.
ބްރެޒިލް އާއި ސާބިޔާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 12 ޖަހާއިރު އެވެ.