Last Updated: April 24, 19:12
Wednesday, April 24, 2024
ޚަބަރު

އިކޮނޮމިކް ސްޓިމިއުލަސް ލޯނަށް ހުޅުވާލައިފި

ބީއެމްއެލްގެ ކަސްޓަމަރުން - ފޮޓޯ: މިހާރު

އިކޮނޮމިކް ސްޓިމިއުލަސް ލޯނަށް ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް، އެދުމުގެ ފުރުސަތު ފިނޭންސް މިނިސްޓްރީން އަނެއްކާވެސް ހުޅުވާލައިފި އެވެ.

ފިނޭންސް މިނިސްޓްރީން މިކަމާއި ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވަނީ ވިޔަފާރިތަކަށް އެހީވުމަށް ހަމަޖައްސާ މި ލޯނަކީ ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކުގެ އެހީތެރިކަމާއި އެކު ދޭ ލޯނު އެހީއެއް ކަމަށެވެ. އެގޮތުން ވިޔަފާރިތަކަށް 7 މިލިއަން ރުފިޔާއާއި ހަމައަށް ލޯނަށް އެދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ވިޔަފާރިތަކަށް ލޯން އެހީއަށް ހުޅުވާލިއިރު، ކޯވިޑާއި ގުޅިގެން އޮޕަރޭޝަން ހުއްޓިފައިވާ ޕްރޮޖެކްޓުތަކާއި، ނުނިމިވާ ޕްރޮޖެކްޓުތަކުގެ ވާކިން ކެޕިޓަލްއަށާއި، އައު ޕްރޮޖެކްޓުތައް ފެށުމަށް ކަމަށް ސަރުކާރުން ބުނެއެވެ.

ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ދޭ މި ލޯނު އަންބުރާ ދައްކަން ޖެހެނީ 6 އިންސައްތަ އިންޓްރެސްޓް ރޭޓުގައެވެ. އަދި ލޯނު އަނބުރާ ދެއްކުމަށް 4 އަހަރު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ލޯން އެޕްލިކޭޝަން ފޮނުވުމުގެ އެންމެ ފަހު ތާރީޙްއަކީ މިމަހުގެ 30 ވަނަ ދުވަހެވެ.

ލޯނަށް އެދުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، ލޯނަށް އެދޭ ފަރާތްތަކުގެ ޝަރުތުތަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ. އެގޮތުން، މިދިޔަ 12 މަސް ދުވަހު ނަން ޕާފޯމިންގް ލޯނެއް އެ ވިޔަފާރިއެއްގައި އޮވެގެން ނުވާއިރު، އެއްވެސް ލޯނެއް އޯވާޑިއު ޕޭމެންޓެއްވެސް ހުރެގެން ނުވާނެއެވެ. މީގެ އިތުރުން ޑެޓް ސާވިސް ކަވަރޭޖް ރޭޝިއޯ ފުރަތަމަ އަހަރު 1 އަށް ވުރެ ދަށް ނުވުމާއި، ބާކީ އަހަރުތަކުގައި 1.25 ގައި ހިފެހެއްޓެން ޖެހޭ ކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން މި ލޯނަށް ހުށަހަޅާ ފަރާތްތަކަކީ ފާއިތުުވި 6 މަސް ދުވަހު އޮޕަރޭޓް ކުރާ ފަރާތަކަށްވުމާއި، މީގެ ކުރީން އީއައިބީ ލޯން ލިބިފައި ނުވާ ފަރާތަކަށް ވުން ހިމެނޭ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ލޯނަށް އެދުމުގެ އިތުރު ޝަރުތުތަށް ހުރިއިރު، ބޭންކް އޮފް މޯލްޑިވްސް ވެބްސައިޓުން އިތުރު މައުލޫމާތު އަދި އެޕްލިކޭޝަން ފޯމު ލިބޭނެ ކަމަށް ސަރުކާރުން ބުނެއެވެ.