Last Updated: April 26, 10:52
Friday, April 26, 2024
ރިޕޯޓް

ސޫތުކުޅިއާ އައްޑޫ ގުޅުވަން އާ އުއްމީދެއް!

ސޫތުކުޅި ބޯޓު ފަހަރު އެސޯސިއޭޝަނާއި އެކު އެމްޕީއެލް އެކު ބޭއްވި ބައްދަލުވުންތަކުގެ ތެރެއިން / ފޮޓޯ: އެމްޕީއެލް

އައްޑޫ ސިޓީ އާއި ޓުޓިކޮރިން ނުވަތަ އިންޑިއާގެ ސޫތުކުޅި ގުޅުވާލުމުގެ މަސައްކަތަކީ މި ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ފެށި މަސައްކަތަކެވެ. މިކަން ކުރުމަށް ދައުލަތުގެ ޝިޕިންގް ކުންފުނި މޯލްޑިވްސް ސްޓޭޓް ޝިޕިންގްއިން ރަސްމީ ދަތުރުތަކެއްވެސް ފެށިއެވެ. އެގޮތުން އައްޑޫއަށް މި ދަތުރުތަށް ފެށި ނަމަވެސް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ނުގެންދެވި ހުއްޓާލަން ޖެހުނެއެވެ.

މި ދަތުރުތައް ހުއްޓާލަން ޖެހުނީ އެންމެ އެކަށީގެންވާ ތަރުހީބެއް ދަތުރުތަކަށް ނުލިބޭތީ ކަމަށް އޭރު އެމްއެސްއެސްއިން ބުނެފައެވެ. ނަމަވެސް ހަޤީގަތުގައި ދަތުރު ހުއްޓަލަން ޖެހުނު ގިނަ ސަބަބުތަކެއް ހުއްޓެވެ. މިގޮތުން އައްޑޫގެ ވިޔަފާރިވެރިންނަށް މާލެއިން މުދާ ގެނައުމަށް ވުރެ މިގޮތަށް ޕެރިޝަބްލް މުދާ ގެނައުން އަގުބޮޑުވުން ހިމެނެއެވެ. މީގެ އިތުރުން ސްޓޭޓްޝިޕިންގް އިން މިދަތުރުތަކަށް ބޭނުން ކުރި އްމެވީ ބޮންތި ބޯޓު މި ދަތުރުތަކަށް ބޭނުން ނުކުރެވޭ ގޮތް ވުމަކީވެސް އެއް ސަބަބެވެ.

އެމްޕީއެލްއިން ދަތުރުތަށް ފެށުމަށް އިސްނެގުމެއް

ރާއްޖެއާއި އިންޑިއާގެ ސޫތުކުޅިއާއި ދެމެދު ދަތުރު ކުރުމަކީ އައު ކަމެއް ނޫނެނެވެ. އެގޮތުން އިންޑިއާގެ " ކޯސްޓަލް މެކަލަނައިޒް ސެއިލް ވެސެލް އޯނާސް އެސޯސިއޭޝަނުން " ވަނީ ރާއްޖެއަށް އައިސް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލް އަދި ރާއްޖޭގެ އުތުރުން ކުޅުދުއްފުށްޓަށް އަދި ދެކުނުން އައްޑޫސިޓީއަށް ޒިޔާރާތް ކޮށްފައެވެ. އެމްޕީއެލްއިން ބުނި ގޮތުގައި މި ފަރާތްތަކުގެ އުޅަނދުތައް މާލެއަށް ދަތުރު ކުރާތާ 38 އަހަރު ވާނެއެވެ. އެގޮތުން ރާއްޖެއަށް ސޫތުކުޅިން ގެންނަ މުދަލުގެ އެންމެ ބޮޑު އަދަދެއް ގެންނަނީ މި ބޯޓު ފަހަރުތަކުން ކަމަށް އެމްޕީއެލްއިން ފާހަގަ ކުރެއެވެ.

އެވެރެޖްކޮށް މާލެއަށް އެބަ ކޯލް ކުރޭ މަހަކު 17 ބޯޓު. މިތަނުން ބައެއް ބޯޓުތަށް އެބަ އާދޭ 2 ވަނަ ފަހަރަށް ނުވަތަ 3 ވަނަ ފަހަރަށް. އެހެންވީމަ 30، 40 ވޮޔޭޖް މާލެއަށް އެބަ ކޯލް ކުރޭ. އެހެންވީމަ އެމްޕީއެލްގެ ވިސްނުން ހުރީ ކުޅުދުއްފުށީ ޕޯޓާއި ހިތަދޫ ޕޯޓަށް މި ބޯޓުތައް ޑައިވާޓް ކުރެވޭނީ ކިހިނެތްތޯ ބެލުން.

އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވިއެވެ.

ރާއްޖޭގެ ސަރަހައްދީ ބަނދަރުތައް ހިންގުމަކީ ސަރުކާރުގެ މުހިންމު ވަޢުދެކެވެ. ނަމަވެސް މި ބަނދަރުތައް މިވަގުތު ހިންގުމަށް ބޭނުންވަނީ މި ބަނދަރުތަކަށް ޝެޑިއުލްއެއްގެ ތެރެއިން ދަތުރުކުރާނެ ބޯޓު ފަހަރުތަކެވެ.

އެމްޕީއެލްގެ އާމާޒަކީ ދެމެހެއްޓެނިވި ދަތުރުތަކެއް

މިއީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ދަތުރަތަކެއްތޯ ބެލުމަށް އައްޑޫއަށް މިދިޔަ ދެ މަސްތެރޭ ދެ ދަތުރެއް އަޅާފައިވާ ކަމަށް އެމްޕީއެލްއިން ހާމަކުރެއެވެ. މިއާއެކު އެމްޕީއެލްއާއި މި ބޯޓު ފަހަރު އެސޯސިއޭޝަނުން ބައްދަލުކޮށް ވަނީ ބައްދަލުކޮށްފައެވެ. އަދި ރާއްޖޭގެ އުތުރާއި ދެކުނުގެ ވިޔަފާރިވެރިންނާއިވެސް މި އެސޯސިއޭޝަނުން ވަނީ ބައްދަލު ކޮށްފައެވެ.

//www.instagram.com/embed.js

އެމްޕީއެލްއިންއާއި އެކު އެސޯސިއޭޝަނުން އައްޑޫގެ އަދި ފުވައްމުލަކުގެވެސް ވިޔަފާރިތަކާއި ވަނީ ބައްދަލު ކޮށްފައެވެ. މިއާއެކު ވިޔަފާރިތަކުން މި ދަތުރުތައް އެޅުމަށް އެއްބާރުލުން ލިބޭނެ ކަން ހާމަކޮށްފައިވާއިރު، ކައުލްސިލުގެ ފަރާތުންވެސް މިކަމަށް އެއްބާރުލުން ލިބޭނެ ކަމުގެ ޔަޤިންކަން ލިބިފައިވާ ކަމަށް އެމްޕީއެލްއިން ބުނެއެވެ.

މި ދަތުރުތަށް ދެމެހެއްޓެނިވި ގޮތަކަށް ކުރުމަށް ބަލާއިރު، އެމްޕީއެލްގެ ސީއީއޯ ޝާހިދު ވިދާޅުވީ، މި ފަރާތްތަކުން ދަތުރު ކުރުމަށް ދޭ ރޭޓްތަކަކީ މިހާރު މާކެޓުގައި އެންމެ ކޮމްޕެޓެޓިވްކޮށް ހުރި ރޭޓްތައް ކަމަށެވެ. އަދި މި ދަތުރުތަކަށް ލުއި ފަސޭހަ ކުރުމަށް އެމްޕީއެލްގެ ދަށުގައި މިހާރުވެސް ހިންގާާ ސަރަހައްދީ ބަނދަރުތަކުގައި ހުރި މައްސަލަތައް ވީހާވެސް އަވަހަށް ހައްލު ކޮށްދެވާނެ ކަމަށް އެކުންފުނިން ބުނެއެވެ.

އިންޑިއާގެ ސޫތުކުޅީގެ ބޯޓުފަހަރުގެ މި ޖަމުއުއީއްޔާއަކީ 100 އަހަރަށް ވުރެ ދިގު ތާރީހެއް އޮތް ޖަމީއްޔާއެކެވެ. މި ޖަމީއްޔާއިން ރާއްޖޭގެ ސަރަހައްދީ ބަނދަރުތަކައް ޕެރިޝަބްލް އަދި އެހެނިހެން މުދާ ގެނެސްދިނުމަށް އެއްބާރުލުން ދޭނެ ކަމަށް އެ ޖަމީއްޔާއިން ބުނެފައިވާ ކަމަށް އެމްޕީއެލްއިން ބުނެއެވެ.

ސަރުކާރުގެ ފަރާތުން ސަރަހައްދީ ބަނދަރުތައް ހިންގުމަށް ގިނަ ލުއިތަކެއް ޤާނޫނުގެ ތެރެއިންވެސް ވަނީ ދީފައެވެ. އެގޮތުން މި ބަނދަރުތަކަށް އެތެރެ ކުރެވޭ މުދަލުގެ ޑިއުޓީން 30 އިންސައްތަ އުނިކުރެވެއެވެ. މީގެ އިތުރުން އައްޑޫ އިންޓަނޭޝަނަލް ޕޯޓު ތަރައްޤީ ކުރުމުގެ މަޝްރޫއެއްވެސް ސަރުކާރުން ވަނީ ފަށާފައެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް އެމްޕީއެލްއިން ވަނީ ހާމަކޮށްފައެވެ.

އިންޑިއާގެ ސޫތުކުޅިއާއި އައްޑޫ ދެމެހެއްޓެނިވި ގޮތެއްގައި ގުޅުވާލެވިއްޖެ ނަމަ، ވިޔަފާރިވެރިންނަށް އަގުހެޔޮކޮށް މުދާ ލިބޭނެއެވެ. މިއާއެކު މުދަލުގެ އަގު ހިފެހެއްޓި މި ސަރަހައްދުގެ އިޤްތިޞާދު ކުރިއެރުމަށް މަގުފަހިވެގެންދާނެ ކަމަށް އެމްޕީއެލްއިން ބުނެއެވެ.