Last Updated: April 23, 21:11
Tuesday, April 23, 2024
ޚަބަރު

ޓެކްސް ބޮޑުކުރުމަކުން ބުކިން ކެންސަލެއް ނުވާނެ: ޓީމް

ޓީމް ގެ ޖެނެރަލް ސެކްރެޓަރީ މަޢުރޫފް ޒާކިރު

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް މަޓާޓޯ އިން ޓެކްސް ބޮޑު ކުރުމާއި މެދު ދެކޭ ގޮތާއި ޓުއަރިޒަމް އެމްޕްލޯޔީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ޓީމް އިން ދެކޭ ގޮތް ތަފާތުކަމަށް އެ ޖަމުއްޔާއިން ބުނެފި އެވެ.

ޓެކްސް ބޮޑު ކުރުމާއި ގުޅޭ ގޮތުން މަޓާޓޯއިން ނެރެފައިވާ ބަޔާނުގައި ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ސަރުކާރުން މިކަން ކޮށްފައިވަނީ ބަލަން ޖެހޭ މިންވަރަށް ނުބަލައި ކަމަށާއި ޓޫރިޒަމް ވިޔަފާރިތަކުގެ އާމްދަނީއަށް 50 މިލިއަން ޑޮލަރާއި ހަމައަށް ގެއްލުންވާނެ ކަމަށް އެ ޖަމުއްޔާއިން ވަނީ ބުނެފައެވެ. މީގެ އިތުރުން މުވައްޒަފުންގެ ސާވިސް ޗާޖުން މިކަމުގެ ސަބަބުން އެވްރެޖްކޮށް 2000ރ. މަދުވާނެ ކަމަށް މަޓާޓޯއިން ބުނެފައެވެ.

މަޓާޓޯގެ ބަޔާނަށް ރައްދު ދެމުން ޓީމުން ނެރެފައިވާ ބަޔާނުގައި ބުނީ، މަޓާޓޯއިން ބުނާ ވަރުގެ ގެއްލުމެއް ވާނެ ކަމަށް ޓީމަށް ނުފެންނަ ކަމަށެވެ. ޓީމުން ބުނީ މިބަދަލާއި އެކު ޓުއަރ އެޖެންޓުނާއި ޓުއަރިސްޓް އޮޕަރޭޓަރުންގެ ފައިދާއަށް އަސަރު ކުރާނެ ކަން ޤަބޫލު ކުރެވޭ ކަމަށެވެ. ނަމަވެސް ޓެކްސް ބޮޑު ކުރުމުން ބުކިން ކެންސަލްވާނެ ކަމަށް ބުނާ ބުނުން ދޮގޮކޮށް ބުނެފައިވަނީ މީގެ ކުރީންވެސް ޓެކްސްއަށް ބަދަލު ގެނެސްފައިވާއިރު އެފަދަ ކަމެއް ހިނގާފައި ނުވާ ކަމަށެވެ.

މިއާއެކު ބުކިން ކެންސަލް ނުވުމުގެ ސަބަބުން މުވައްޒަފުންގެ ސާވިސް ޗާޖުން 2000ރ. މަދުވާނެ ކަމަށް މަޓާޓޯއިން ބުނާ ބުނުމާއި ޓީމުން ވަނީ ދެކޮޅު ހަދާފައެވެ.

ޓީމުން ބުނި ގޮތުގައި ސަރުކާރުން މި ބަދަލު ގެންނައިރު މިއަށް ވުރެ އިތުރަށް ވަގުތު ދީގެން ކުރާނަމަ އިތުރުށް ފުރިހަމަވާނެ ކަމަށެވެ. ނަމަވެސް މި ބަދަލަކީ ގެނައުން މުހިންމު ބަދަލެއް ކަމަށް އެ ޖަމުއްޔާއިން ދެކެއެވެ. މިގޮތުން ރައްޔިތުންނަށް ބޭނުންވާ އަސާސީ ޙިދުމަތް ފޯރުކޮށްދިނުމާއި މުވައްޒަފުންގެ މުސާރަ އިތުރުކޮށް އިޤްތިޞާދު ރަނގަޅު ކުރުމަށް އާމްދަނީ ޓީޖީއެސްޓީ، ބީޕީޓީ އަދި އިންކަމް ޓެކްސް މަޑުމަޑުން އިތުރުން ކުރަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ޓެކްސްއަށް ގެނެވޭ ބަދަލުގެ ސަބަބުން އެކި ސިނާޢަތްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށާއި، މިފަދަ ސިޔާސަތުތަކަށް އެ ޖަމޫއްޔާއިން އަބަދުވެސް މަރުހަބާ ކިޔާ ކަމަށް ޓީމުން ބުނެއެވެ.

ސަރުކާރުން ޓެކްސް ބޮޑު ކުރުމުގެ ސިޔާސަތަށް ޓީމުން މަރުހަބާ ކިޔާއިރު، މި ސިޔާސަތާއި މަޓާޓޯއިން ދެކޮޅު ހަދައެވެ. އަދި މިފަދަ ބަދަލެއް ކުއްލި ގޮތަކަށް ގެނައުމުން ފިނޭންސް މިނިސްޓަރ އަމީރު އިސްތިއުފާ ދޭން ޖެހޭ ކަމަށްވެސް މަޓާޓޯއިން ވަނީ ބުނެފައެވެ.