Last Updated: July 5, 20:34
Saturday, July 5, 2025
ކުޅިވަރު

ރިޗާލިސަންގެ ދެ ގޯލުން ބްރެޒިލް މޮޅުވެއްޖެ

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ޖީގައި މިރޭ ސާބިޔާގެ މައްޗަށް 2-0 އިން ބްރެޒިލް އިން ކުރި ހޯދައިފި އެވެ.

މި މެޗާއެކު ގްރޫޕް ޖީގައި ކޮންމެ ޓީމަކުން ވެސް މިހާރު ވަނީ އެއް މެޗު ކުޅެފަ އެވެ. މި ގްރޫޕްގައި ހިމެނޭ ބްރެޒިލް އާއި ސްވިޒަލޭންޑަށް ތިން ޕޮއިންޓް ލިބިފައިވާއިރު ކެމަރޫން އާއި ސާބިޔާ އަށް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.

ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު މި ހާފުގައި ލީޑު ނަގަން ބްރެޒިލް އަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ރަފީނިޔާ އަށެވެ. ނަމަވެސް ސާބިޔާގެ ޕެނަލްޓީއޭރިއާ ތެރެއަށް ވަނުމަށްފަހު ރަފީނިޔާ ފޮނުވާލި ހަމަލާ ދިފާއުކުރީ ސާބިޔާގެ ކީޕަރެވެ. އަދި ބްރެޒިލްގެ ކަސެމެއިރޯ ދުރުން ފޮނުވާލި ހަމަލާއެއް ވެސް ސާބިޔާގެ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ.

ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފްގައި ބްރެޒިލް އިން ކުޅުން އަވަސްކޮށް ދިޔައީ ސާބިޔާގެ ފަހަތަށް ބާރުބޮޑު ކުރަމުންނެވެ. އެގޮތުން މެޗުގެ 62 ވަނަ މިނެޓްގައި ރިޗާލިސަން ބްރެޒިލް އަށް ލީޑު ނަގައިދިންއިރު މި ގޯލް ކާމިޔާބުކުރީ ވިނީޝަސް ޖޫނިއާ ފޮނުވާލި ހަމަލާ ސާބިޔާގެ ކީޕަރު ދިފާއުކުރުމުން ބޯޅަ ބޭރަށް ނިކުތުމުންނެވެ.

މި ގޯލަށްފަހު ވެސް ބްރެޒިލް އިން ދިޔައީ ސާބިޔާގެ ގޯލަށް ކައިރި ކައިރީގައި ނުރައްކާ ކުރަމުންނެވެ. އެގޮތުން ވިނީޝަސް ދިން ޕާހަކުން މެޗުގެ 73 ވަނަ މިނެޓްގައި ބްރެޒިލްގެ ދެވަނަ ގޯލް ވެސް ކާމިޔާބުކޮށްދިނީ ރިޗާލިސަން އވެެ. ރިޗާލިސަންގެ މި ގޯލަކީ ސާބިޔާގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ވިނީޝަސް ދިން ޕާސް ކޮންޓްރޯލުކޮށްލުމުގެ ތެރޭގައި މައްޗަށް އަރުވާލައި ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ.

މި ދެ ގޯލަށްފަހު ބްރެޒިލް އިން އިތުބާރާއެކު ކުޅެމުންދިޔައިރު ރޮޑްރީގޯއާއި ފްރެޑްގެ ބާރު ހަމަލާތައް ސާބިއާގެ ކީޕަރު ދިފާއުކުރިއިރު ކަސެމެއިރޯ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ. މި މެޗުގައި ސާބިޔާގެ ފަރާތުން މާބޮޑު އެޓޭކިން ކުޅުމެއް ފެނިގެން ގޮސްފައި ނުވާއިރު އެޓީމަށް ބްރެޒިލްގެ ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެ އެވެ.

ގްރޫޕް ސްޓޭޖުގައި ބްރެޒިލް ދެން ބައްދަލުކުރާނީ ސްވިޒަލޭންޑެވެ. ސާބިޔާ ނިކުންނާނީ ކެމަރޫންއާ ދެކޮޅަށެވެ.