ބްރެޒިލްގެ ފޯވާޑް ނޭމާ އަދިވެސް ވޯލްޑް ކަޕްގައި ކުޅޭނެ ކަމަށް އެޓީމުގެ ކޯޗު ޓީޓޭ ބުނެފި އެވެ.
ފީފާ ވޯލްޑް ކަޕްގައި ރޭ ސާބިޔާ އަތުން 2-0 އިން ބްރެޒިލް މޮޅުވި މެޗުގެ 80 ވަނަ މިނެޓްގަައި ނޭމާގެ ފަޔަށް އަނިޔާވެގެން ވަނީ ބަދަލުކޮށްފަ އެވެ. އެ އަނިޔާއާ ގުޅިގެން ބްރެޒިލް ޓީމުގެ ޑޮކްޓަރު ބުނީ ވަގުތުން ނޭމާ އަށް ފަރުވާދޭން ފަށާފައިވާ ކަމަށާއި އިތުރަށް އެއްޗެއް ބުނަން އެނގޭނީ 24 ގަޑިއިރަށް ބެލުމަށްފަހު ކަމަށެވެ.
ރޭގެ މެޗަށްފަހު ބްރެޒިލްގެ ކޯޗު ބުނީ ނޭމާ އަދިވެސް ވޯލްޑް ކަޕްގައި ކުޅޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި އެކަމާ ކަންބޮޑު ނުވުމަށް އެދޭ ކަމަށެވެ.
"ނޭމާ އަދިވެސް ވޯލްޑް ކަޕްގައި ކުޅޭނެ. އެކަން ޔަގީން ކުރޭ." ޓީޓޭ ބުންޏެވެ.
ރޭގެ މެޗުން ބްރެޒިލް މޮޅުވިއިރު އެޓީމުގެ ދެ ގޯލް ވެސް ކާމިޔާބުކޮށްދިނީ ޓޮޓެންހަމް އަށް ކުޅެމުން އަންނަ ރިޗާލިސަން އެވެ.
ފާއިތުވި އަހަރުތަކުގައި އަނިޔާގެ ގިނަ މައްސަލަތަކަކާ ނޭމާ ކުރިމަތިލާން ޖެހިފައިވެ އެވެ. އެގޮތުން އަނިޔާގެ ސަބަބުން ނޭމާ އަށް 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ސެމީފައިނަލްގައި ނުކުޅެވުނުއިރު އެންމެފަހުން ބޭއްވި ވޯލްޑް ކަޕްގައި އޭނާ ކުޅުނީ މުޅިން ފިޓްކޮށް ހުރެއެއް ނޫނެވެ.
ވޯލްޑް ކަޕާ ނޭމާ މިފަހަރު ކުރިމަތިލީ ރަނގަޅު ފޯމެއްގައި ހުރެ އެވެ. އެގޮތުން ޕީއެސްޖީ އަށް މި ސީޒަނުގައި ކުޅެދިން 20 މެޗުގައި އޭނާ ވަނީ 15 ގޯލް ކާމިޔާބުކޮށްފަ އެވެ.