ރެއިންބޯ ކެޕްޓަން ބޭންޑް އަޅަން ފީފާ އިން ހުއްދަ ނުދިނުމުން ޖަރުމަނުގެ ގައުމީ ޓީމުން ކުރި ހަޅުތާލު ނެދަލޭންޑްސް އިން ކޮޕީ ނުކުރާނެ ކަމަށް އެޓީމުގެ ކޯޗު ލުއިސް ވެންހާލް ބުނެފި އެވެ.
ވޯލްޑް ކަޕްގައި ޔޫރަޕްގެ ހަތް ޓީމަކުން "ވަންލަވް" ރެއިންބޯ ކެޕްޓަން ބޭންޑް ބޭނުން ކުރުމަށް ނިންމި ނަމަވެސް ފީފާ އިން ދީފާނެ އަދަބެއްގެ ސަބަބުން އެޓީމުތަކުން ފަހުން ވަނީ އެ ބޭންޑް ނާޅަން ނިންމާފަ އެވެ. އެ ބޭންޑް ނޭޅޭތީ ޖަރުމަނުން މިދިޔަ ބުދަ ދުވަހު ޖަޕާނާއި ދެކޮޅަށް ކުޅުނު މެޗު ފެށުމުގެ ކުރިން ވަނީ އަނގަމަތީގައި އަތް އަޅައިގެން ތިބެ ހަޅުތާލުކޮށްފަ އެވެ. އެ މެޗުން ޖަރުމަނު ވަނީ 2-1 އިން ބަލިވެފަ އެވެ.
މި ކެޕްޓަން ބޭންޑް ޔޫރަޕްގެ ބައެއް ގައުމުތަކުން އެޅުމަށް ނިންމީ އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ހައްގުތަކާއި މެދު ގަތަރުން ގެންގުޅޭ ސިޔާސަތުތަކާ ދެކޮޅު ހެދުމުގެ ގޮތުންނެވެ. ބޭންޑް އަޅަން ނިންމި ހަތް ޓީމަކީ އިންގްލެންޑް، ވޭލްސް، ބެލްޖިއަމް، ޑެންމާކް، ނެދަލޭންޑްސް، ޖަރުމަނު އަދި ސްވިޒަލޭންޑެވެ.
ނެދަލޭންޑްސް އިން މިރޭ އިކުއެޑޯއާ ދެކޮޅަށް ނިކުންނައިރު އެ ބޭންޑް ނޭޅޭތީ އެއްވެސް ހަޅުތާލެއް ކުރާނެތޯ ސުވާލުކުރުމުން ވެންހާލް ބުނީ ނެދަލޭންޑްސް ޓީމުން އެއްވެސް ހަޅުތާލެއް ނުކުރާނެ ކަމަށެވެ. އަދި އެޓީމުން ގަތަރަށް އައީ ދުނިޔޭގެ ޗެމްޕިއަނުންނަށް ވާން ކަމަށާއި ފީފާ ނޫނީ އެހެން އެއްވެސް ބަޔަކު ހިންގާ ކެމްޕޭނެއްގެ ސަބަބުން އެކަމަށް ހިޔަނި އެޅޭނެ ފަދަ ކަމެއް ކުރަން ބޭނުން ނުވާ ކަމަށްވެސް ވެންހާލް ބުންޏެވެ.
ވެންހާލް ބުނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ސިޔާސީ ހުރިހާ ކަމަކަށް ނެދަލޭންޑްސް އިން "ފުލްސްޓޮޕް" ޖަހާފައިވާ ކަމަށެވެ. އަދި ހުރިހާ ފޯކަސްއެއް މިހާރު ހުރީ ފުޓްބޯޅަ އަށް ކަމަށްވެސް ވެންހާލް ބުންޏެވެ.
ގްރޫޕް ސްޓޭޖުގައި ނެދަލޭންޑްސް އިން ކުޅުނު ފުރަތަމަ މެޗުގައި ސެނެގާލްގެ މައްޗަށް ވަނީ 2-0 އިން ކުރި ހޯދާފަ އެވެ.
ސެނެގާލް އާއި ނެދަލޭންޑްސް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 9 ޖަހާއިރު އެވެ.