ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ދެވަނަ ބުރުގެ މެޗުތައް މިއަދު ފަށާއިރު، އިއްޔެކޭ އެއްގޮތަށް މިއަދު ވެސް މުބާރާތުގައި ޖުމްލަ ހަތަރު މެޗު ކުޅޭނެ އެވެ. އެގޮތުން މިއަދުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ވޭލްސް އާއި އިރާން އެވެ.
ގްރޫޕް ބީ ގައި ހިމެނޭ ވޭލްސް އާއި އިރާން މިއަދުގެ މެޗަށް ނިކުންނައިރު ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން މި ދެ ޓީމަށް ވެސް މޮޅެއް ހޯދިފައެއް ނުވެ އެވެ. އެގޮތުން ފުރަތަމަ މެޗުގައި ވޭލްސް އާއި އެމެރިކާ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވިއިރު އިރާން ވަނީ އިންގްލެންޑް އަތުން 6-2 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެފަ އެވެ.
މުބާރާތުގައި އިތުރަށް ކުރިއަށް ދިޔުމަށް މިއަދުގެ މެޗުން މޮޅެއް ހޯދުން ދެ ޓީމަށް ވެސް މުހިއްމު ކަމަށްވާއިރު، މުބާރާތުގެ ފުރަތަމަ މެޗުގައި ވޭލްސްގެ ފަރާތުން ދެ ހާފުގައި ފެނިގެންދިޔައީ މުޅިން ތަފާތު ދެ ކުޅުމެކެވެ. އެގޮތުން އެމެރިކާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި ވޭލްސްގެ ފަރާތުން ދަށް ކުޅުމެއް ފެނުނު ނަމަވެސް ދެވަނަ ހާފްގައި އެޓީމުން ވަނީ ކުޅުން ރަނގަޅުކޮށް އެމެރިކާ އަތުން ޕޮއިންޓެއް ހޯދާފަ އެވެ.
މުބާރާތުގައި ދެމި އޮތުމަށް އިރާނުން މިއަދުގެ މެޗުން އެންމެ ކުޑަމިނުން ޕޮއިންޓެއް ހޯދަންޖެހޭއިރު، ފުރަތަމަ މެޗުގައި އިރާން ޓީމުގައި ފެނިގެންދިޔައީ އާންމުކޮށް ބޮޑެތި މުބާރާތްތަކުން އިރާންގެ ފަރާތުން ފެންނަ ވަރަށް ވުރެ ދަށް ކުޅުމެކެވެ. އެގޮތުން އެޓީމުގެ ޑިފެންސްލައިން މާ ފަސޭހައިން ފޫއަޅުވާލެވުނުއިރު އިރާނަށް އޮތް ހިތްހަމަޖެހުމަކީ ފުރަތަމަ މެޗުގައި މަދުން ނަމަވެސް ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރެވިފައި ވުމެވެ.
ވޭލްސް
ވޭލްސްގެ ތާރީހުގައި މިހާތަނަށް އެޓީމުން ވަނީ އޭޝިއާގެ ޓީމުތަކާ ދެކޮޅަށް ޖުމްލަ ހަތް މެޗު ކުޅެފަ އެވެ. އޭގެތެރެއިން ފަސް މެޗުން ވޭލްސް މޮޅުވިއިރު އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. އެ ހަތް މެޗުގައި ވޭލްސް ކޮޅަށް ވަދެފައިވަނީ އެންމެ ގޯލެކެވެ. އެންމެފަހުން ވޭލްސް އިން އޭޝިއާގެ ޓީމަކާ ދެކޮޅަށް ކުޅުނީ 2018 ވަނަ އަހަރު އެވެ. އެފަހަރު ޗައިނާއާ ބައްދަލުކޮށް ވޭލްސް މޮޅުވީ 6-0 އިންނެވެ.
އެންމެފަހުން ވޯލްޑް ކަޕްގައި ވޭލްސް އިން ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗު ނިމުނީ އެއްވަރުވެގެންނެވެ.
މިއަދުގެ މެޗަށް ނިކުންނައިރު އަނިޔާގެ ސަބަބުން ފުރަތަމަ މެޗުގައި ނުކުޅެވުނު ޖޯ އެލެން ވަނީ އިރާނާ ދެކޮޅަށް ކުޅެން ފިޓްވެފަ އެވެ.
އިރާން
ވޯލްޑް ކަޕެއްގައި މިހާތަނަށް އިރާނަށް ޔޫރަޕްގެ ޓީމެއް ބަލިކުރެވިފައެއް ނުވެ އެވެ. އެގޮތުން ޖުމްލަ 9 މެޗު އިރާނުން ވަނީ ޔޫރަޕްގެ ޓީމުތަކާ ދެކޮޅަށް ކުޅެފަ އެވެ. އޭގެތެރެއިން ހަތް މެޗުން އިރާން ބަލިވިއިރު ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. އެ 9 މެޗުގައި އިރާން ކޮޅަށް 20 ގޯލް ވަދެފައިވެ އެވެ.
އިރާން މިހާތަނަށް ގްރޫޕް ސްޓޭޖުގެ ފުރަތަމަ ދެ މެޗުން ބަލިވެފައިވަނީ 2006 ވަަނަ އަހަރުގެ ވޯލްޑް ކަޕްގައި އެކަންޏެވެ.
އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ނޭފަތަށް ލިބުނު އަނިޔާއެއްގެ ސަބަބުން މި މެޗުގައި އިރާންގެ ގޯލްކީޕަރަށް ކުޅެވޭނެ ކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ.
ދެ ޓީމުގެ ކުރިމަތިލުންތައް
މިއީ އިރާން އާއި ވޭލްސް ބައްދަލުކުރާ ދެވަނަ މެޗެވެ. އެންމެފަހުން މި ދެ ޓީމުގެ ކުރިމަތިލުމެއް ފެނިގެންދިޔައީ 1978 ވަނަ އަހަރު އެވެ. އެ މެޗު 1-0 އިން ކާމިޔާބުކުރީ ވޭލްސް އިންނެވެ.
ވޭލްސް އާއި އިރާން ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން މެންދުރު ފަހު 3:00 ގަ އެވެ.