Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އެހީވެއްޖެ

ލޮލަށް ބުޅިއެއް ހެރުނު މަސްވެރިއެއްކަށް އެމްއެންޑީއެފް ކޯސްޓް ގާޑުން އެހީތެރިކަން ފޯރުކޮށް ދީފި އެވެ.

އެމްއެންޑީއެފުން ބުނީ މަސްވެރިކަމަށް ނުކުމެ އުޅުނު "ހަނދުވަރީ" ނަމަކަށް ކިޔާ މަސް ދޯންޏެއްގައި ހުރި 43 އަހަރުގެ މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން އިއްޔެ އެހީތެރިކަން ފޯރުކޮށް ދީފައިވާ ކަަމަށެވެ.

މި ހާދިސާ ހިނގާފައި ވަނީ ހއ. އިހަވަންދޫގެ އިރުން 18 ނޯޓިކަލް މޭލު ބޭރުން އެ ދޯނި މަސްވެރިކަން ކުރަމުން ދަނިކޮށެވެ. އެގޮތުން އެ ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއަށް ލިބުނީ އިއްޔެ ހެނދުނު 11:14 ހާއިރު އެވެ. އަދި ހާދިސާގެ މަޢުލޫމާތު ލިބުމާއެކީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ސީ އެމްބިއުލާންސް، އެ ދޯނި އޮތް ސަރަހައްދަށް ގޮސް، އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.

އެމްއެންޑީފުން ބުނީ ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ސީ އެމްބިއުލާންސްގައި އަނިޔާ ލިބުނު މީހާ އިއްޔެ މެންދުރު ފަހު ހދ.ކުޅުދުއްފުއްޓަށް ގެންގޮސްފައިވާ ކަމަށެވެ.