Last Updated: April 20, 14:10
Saturday, April 20, 2024
ޚަބަރު

ދާރުލްއާސާރަށް މާދަމާ ހިލޭ ވަނުމުގެ ފުރުސަތު

ރާއްޖޭގެ ތާރީހާ ގުޅޭ އެތައް އެއްޗަކާއި އެތައް މައުލޫމާތެއް ލިބެން ހުރި ގައުމީ ދާރުލްއާސާރު ބަލާލަން މާދަމާ ހިލޭ ވަދެވޭ ގޮތަށް ހަމަޖައްސައިފި އެވެ.

މިކަމާ ބެހޭ ގޮތުން އެތަނުން ކުރި ޓްވީޓެއްގައި ބުނީ ދާރުލްއާސާރު ބަލައިލަން ހިލޭ ވަދެވޭނީ ހެނދުނު 10:00 އިން ހަވީރު 6:00 އާ ހަމައަށް ކަމަށެވެ.

އާންމު އުސޫލެއްގެ ގޮތުން ދާރުލްއާސާރަށް ވަދެވެނީ ޓިކެޓް ގަނެގެންނެވެ. އެގޮތުން ޓިކެޓް ވިއްކާ އަގުތަކަށް ބަލާ އިރު، އެގޮތުން ދަރިވަރުންނަށާއި، އާއްމުންނަށާއި ބިދޭސީންނަށް ޓިކެޓް ވިއްކާ ރޭޓުތައް ތަފާތެވެ. ދިވެހި ދަރިވަރުންނަށް ޓިކެޓް ވިއްކަނީ 15ރ. އަށެވެ. ބިދޭސީ ދަރިވަރުންނަށް ޓިކެޓް ވިއްކަނީ 31ރ. އަށެވެ. ދިވެހި ކުޑަކުދިންނަށް 20ރ. އަށް އަދި ބޮޑެތި މީހުންނަށް 25ރ. އަށް ޓިކެޓް ވިއްކަ އެވެ. މީގެ އިތުރުން ބިދޭސީ ކުޑަކުދިންނަށް 78ރ. އަށް ޓިކެޓް ވިއްކާ އިރު ބިދޭސީ ބޮޑެތި މީހުންނަށް ޓިކެޓް ވިއްކަނީ 155ރ. އަށެވެ.

ގައުމީ ދާރުލްއާސާރު ހުންނަނީ ސަލްޓަން ޕާކްގަ އެވެ.

އެތަނަށް ވަނީ މި މަހުގެ 19 ވަނީ 70 އަހަރު ފުރިފަ އެވެ. މިހާރުގެ ދާރުލްއާސާރަކީ 2008 ވަނަ އަހަރު ބިންގާ އަޅައި 2010 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ހުޅުވި ތަނެކެވެ. އެތަން ހެދީ ޗައިނާ ސަރުކާރުގެ އެހީގަ އެވެ.