Last Updated: April 19, 13:47
Friday, April 19, 2024
މުނިފޫހިފިލުވުން

ވަރޫންގެ "ބޭޅިޔާ" ވަރަށް ކަމުގޮސްފި

މިއަދު ސިނަމާތަކަށް ގެނައި ވަރޫން ދަވަންގެ ފިލްމު "ބޭޅިޔާ" ކްރިޓިކުންނަށް ވަރަށް ކަމުގޮސްފި އެވެ.

އިންޑިއާގެ މަޝްހޫރު ފިލްމު ކްރިޓިކް ތަރަން އަދާޝް ބުނި ގޮތުގައި ފިލްމުގެ ޕްލޮޓާއި ސްކްރީންޕްލޭ ފުރިހަމަވުމުގެ ނަތީޖާ އަކީ މިއީ ފޫހިކަމެއް ނެތި ބަލާލެވޭ ކަހަލަ ފިލްމަކަށްވުމެވެ. "ބޭޅިޔާ" އަކީ 2018 ގެ ކާމިޔާބު ހޮރޯ-ކޮމެޑީ ގެނެސްދިން އަމަރް ކޯޝިކް ޑައިރެކްޓްކުރި ކޮމެޑީ ހޮރޯއެކެވެ.

ވަރޫން މީގެ ކުރިން އެއްވެސް ފިލްމެއްގައި ނުކުޅޭ ކަހަލަ ކެރެކްޓާއެއް އަދި ބޮލީވުޑްގެ އެކްޓަރުންގެ ފަރާތުން އާންމުކޮށް ނުފެންނަ ޒާތުގެ ކެރެކްޓާއެއް ކުޅެފައިވާ އިރު، "ބޭޅިޔާ" ގައި ވަރޫން ފެންނަނީ ހަނދުބޮޑުވާ ރޭތަކުގައި ހިޔަޅަކަށް ނުވަތަ ހައިވާނަކަށް ބަދަލުވާ މީހެއްގެ ރޯލުންނެވެ. މި ޒާތުގެ ފިލްމަކަށް ބޮލީވުޑުން ކުރިން އެންމެ ބޮޑަށް ފާހަގަކުރެވިފައި ވަނީ ޑައިރެކްޓަރު މަހޭޝް ބަޓް 1990 ގެ "އާޝިގީ" ގެ ބަތަލު ރާހުލް ރޯއިއާ އެކީ ގެނެސްދިން 1992 ގެ "ޖުނޫން" އެވެ. އޭގައި ރާހުލް ކުޅުނީ ހަނދު ބޮޑުވާ މޫސުމަށް މިނިކާވަގަކަށް ބަދަލުވާ މީހެއްގެ ރޯލެވެ.

"ބޭޅިޔާ" އާ ބެހޭ ގޮތުން ތަރަން ބުނީ ފިލްމު ގެނެސްދީފައި އޮތީ ވަރަށް ޝައުގުވެރި ގޮތަށް ކަމަށާއި މިއީ "ހިއުމަ ކޯޝަންޓް" ވެސް ވަރަށް މަތީ ލެވެލްގެ ފިލްމަކަށްވުމުން ޖެހިލުވުންވުމެއް ނެތި ގިނަ ބަޔަކަށް ބަލާލެވޭ ކަހަލަ ފިލްމެއް ކަމަށެވެ. އޭނަ ފާހަގަކުރި ގޮތުގައި ފިލްމުގެ ވީއެފްއެކްސް ވަރަށް ފުރިހަމަ އެވެ. އަދި އެ މަސައްކަތް ހުރީ އިންޓަނޭޝަނަލް ފެންވަރުގަ އެވެ.

މީގެ އިތުރުން ފިލްމުގެ ސްކްރީންޕްލޭ އާއި ޑައިރެކްޝަނާއި ހުރިހާ ތަރިންގެ އެކްޓިންގެ އިތުރުން ފިލްމުގެ މަންޒަރުތައް ގެނެސްދީފައި އޮތް ގޮތުން މިއީ ވަރަށް ވެސް ފުރިހަމަ ފިލްމެއް ކަމަށް ތަރަން ބުންޏެވެ. "ބޭޅިޔާ" ގެ ބަތަލާ އަކީ ކްރިތީ ސެނަން އެވެ.

"ބޭޅިޔާ" ބޮކްސް އޮފީހުގައު ރަނގަޅު ވިޔަފާރިއެއް ކުރާނެކަން ފާހަގަކޮށް، ތަރަން ވަނީ މި ފިލްމަށް ފަހެކުން ތިނެއް ބައި ތަރީގެ ރޭޓިންއެއް ވެސް ދީފަ އެވެ.