އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ދިވެހިންނަށް އޮތް ޗޮއިސް އަކީ ހަމައެކަނި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެ އެވެ.
ރައީސް މުހައްމަދު ނަޝީދު ވެސް ޓެގް ކުރައްވައި އޭނަ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހަކީ ކޮވިޑް ވަބާގެ ގޮންޖެހުންތަކާ އެކީ ވެސް ރާއްޖެ އަށް ތަފާތު ދެއްކެވި ރައީސެއް ކަމަށެވެ.
"މުޅި ދުނިޔެ އިގުތިސާދީ ކާރިސާއެއްގެ ތެރޭގައި އޮއްވައި ވެސް ގައުމުގެ އިގުތިސާދު ފުން ވަޅުގަނޑަނޑަކަށް ނުދީ [ރައީސް] ހިފަހެއްޓެވި." މަވޯޓާ ވިދާޅުވި އެވެ.
2023 ah oi hama ekani #Choice akee @ibusolih . Covid-19 ge dhathi haalathuga ves thafaathu dhakkavaifi. Mulhi dhuniye igthisaadhee kaarisaa egge therey oivaa ves gaumuge igthisaadhu fun valhugadakah vettiya nudhee hifahattaifi. @MDPSecretariat @iameeru @faya_i @MohamedNasheed
— Ibrahim Shareef (@AdduShareef) November 25, 2022
އޭނަ އަކީ ފަހަކަށް އައިސް ނަޝީދާއި އެ މަނިކުފާނުގެ ފަޅީގައި ތިއްބެބި މަޖިލިސް މެމްބަރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ސަަރުކާރާއި ރައީސަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި ޓެކްސް ބޮޑުކުރުމާ ދެކޮޅަށް ނަޝީދުގެ ފަޅިން ވާހަކަ ދައްކާތީ އެކަމަށް މަވޯޓާ ގެންދަވަނީ ތަކުރާރުކޮށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހު ވާދަކުރައްވާނެކަން އިއުލާންކުރެއްވީ މި އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. ނަމަވެސް އެމްޑީޕީން ރިޔާސީ ޓިކެޓް ދޭން ނިންމާފައި ވަނީ ޕްރައިމަރީއަކަށް ފަހު އެވެ. އަޑުތައް އަރާފައިވާ ގޮތުގައި ނަޝީދު ވެސް ޕްރައިމަރީ އަށް ވާދަކުރައްވާނެ އެވެ.
އެމްޑީޕީގެ ޕްރައިމަރީ ބާއްވާނެ ދުވަހެއް އަދި ނުނިންމަ އެވެ.