Last Updated: March 28, 14:17
Thursday, March 28, 2024
މުނިފޫހިފިލުވުން

ވިކީގެ ޓްރިބިއުޓެއް ކެޓްރީނާ އަށް!

އަންނަ މަހު ރިލީޒްކުރަން ހަމަޖެހިފައިވާ ބޮލީވުޑްގެ ތަރި ވިކީ ކޯޝަލްގެ ފިލްމު "ގޯވިންދާ ނާމް މޭރާ" އިން އާންމުކުރި ފުރަތަމަ ލަވަ "ބިޖްލީ" އިން އަންހެނުން މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފްގެ އައިޓަމް ލަވައެއް ކަމަށްވާ "ޗިކްނީ ޗަމޭލީ" ގެ ހަނދާންތަކެއް އާކޮށް ދީފި އެވެ.

ކެޓްރީނާގެ ވަރުގަދަ ނެށުންތަކެއް ފެނިގެން ދިޔަ އެ ލަވަ އަކީ ރިތިކް ރޯޝަނާއި ޕްރިޔަންކާ ޗޯޕްޅާގެ އިތުރުން ސަންޖޭ ދަތު ކުޅުނު 2012 ގެ ފިލްމު "އަގްނީޕަތު" ލަވައެކެވެ. "ޗިކްނީ ޗަމޭލީ" ލަވައިގައި ގެނެސްދީފައި ހުރި ކެޓްރީނާ ހުކަޕް ސްޓެޕާއި އެ ލަވައިގެ ކޮސްޓިއުމް ވެސް "ބިޖްލީ" ގެ ތެރެއަށް ގެނެސްފައިވެ އެވެ.

ފޯރިގަދަ ނެށުންތަކެއް ފެނިގެންދާ މި ލަވައިން ފެންނަނީ ވިކީ އާއި ކިއާރާ އަދުވާނީ އެވެ. "ބިޖްލީ" ގެ ނެށުން ވެސް ތައްޔާރުކުރީ "ޗިކްނީ ޗަމޭލީ" ގެ ނެށުން ވެސް ތައްޔާރުކުރި މަޝްހޫރު ކޮރިއޮގްރާފަރު ގަނޭޝް އަޗާރިއާ އެވެ. ސަޗިން-ޖިގަރުގެ މިއުޒިކަށް ހަދާފައިވާ ލަވަ ކިޔާފައި ވަނީ މިކާ ސިންގް އާއި ނޭހާ ކައްކަރުގެ އިތުރުުން ލަވައިގެ މިއުޒިކް ޑައިރެކްޓަރުންނެވެ.

އަންނަ މަހުގެ 16 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އަށް ދޫކޮށްލާ "ގޯވިންދާ ނާމް މޭރާ" އަކީ ޝިޝާންކް ކައިތާން ޑައިރެކްޓްކޮށްފައިވާ ކޮމެޑީ ތުރިލާއެކެވެ. މީގެ ކާސްޓްގައި ބޫމީ ޕިޑްނޭކަރް ވެސް ހިމެނެ އެވެ.