Last Updated: April 26, 06:56
Friday, April 26, 2024
މުނިފޫހިފިލުވުން

ކަންޔޭ އަލުން ވެރިކަމަށް ކުރިމަތިލަނީ

އެމެރިކާގައި އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް އަމިއްލަ ގޮތުން ވާދަކުރި އެމެރިކާގެ މަޝްހޫރު ރެޕާ ކަންޔޭ ވެސްޓް 2024 ގެ އިންތިހާބުގައި ވެސް ވާދަކުރާނެކަން މިއަދު އިއުލާންކޮށްފި އެވެ.

މަޝްހޫރު ރިއަލިޓީ ޝޯ ތަރި، ކިމް ކާޑޭޝަންގެ ކުރީގެ ފިރިމީހާ ވަނީ ޓްވިޓާގައި ކެމްޕޭން ލޯގޯ ވެސް އާންމުކޮށްފަ އެވެ. އޭގައި އިނީ "ޔޭ" އާއި "24" އެވެ. ޔޭ އަކީ ކަންޔޭގެ މިހާރު ރަސްމީ ނަމެވެ. އެ ނަން ރަޖިސްޓްރީކުރީ މިދިޔަ އަހަރު އެވެ.

ކަންޔޭ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން އިއުލާންކުރި އިރު، ނަސްލީ ގޮތުން އޭނަ މި ފަހުން ފާޅުކޮށްފައިވާ ބައެއް ޝުއޫރުތަކާ ހެދި ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ. މިކަމާ ހެދި ކަންޔޭއާ އެކީ ވިޔަފާރީގެ ޕާޓްނަޝިޕް ހަދާފައިވާ ގިނަ ކުންފުނިތައް މިހާރު ވަނީ އޭނައާ އޮތް ގުޅުން ކަނޑާލައިފަ އެވެ. މިކަމާ ގުޅިގެން އޭނަ އަށް ވަނީ ބިލިއަނަރެއްގެ މަގާމު ވެސް ގެއްލިފަ އެވެ.

ކަންޔޭގެ 2020 ގައި އިންތިހާބުގައި ވާދަކުރި އިރު، ކެމްޕޭނަށް 6.8 މިލިއަން ޑޮލަރު ހޭދަކުރި އެވެ. އެ އިންތިހާބުގައި އޭނަ އަށް ލިބުނީ ވޯޓުލީ ކަމަށް ބެލެވޭ 160 މިލިއަން މީހުންގެ ތެރޭން 60،000 ވޯޓެވެ. އެންމެ ގިނަ ވޯޓު ލިބުނީ ޓެނެސީންނެވެ. އެ ސްޓޭޓުން ކަންޔޭ އަށް 10،000 މީހުން ވޯޓު ލިބުނެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް 2024 ގެ ރިޔާސީ އިންތިހާބުގައި ރިޕަބްލިކަމް ޕާޓީގެ ފަރާތުން ވާދަކުރައްވަން ނިންމަވާފައިވާ އިރު، މިހާރުގެ ރައީސް އަދި ޑިމޮކްރެޓިކް ޕާޓީ އަށް ނިސްބަތްވާ ޖޯ ބައިޑެން ވެސް ވަނީ ދެވަނަ ދައުރެއްގެ އިޝާރާތެއް ދެއްވައިފަ އެވެ.