Last Updated: July 27, 14:36
Saturday, July 27, 2024
ކުޅިވަރު

މިރޭގެ މެޗަކީ އާޖެންޓީނާ އަށް ފައިނަލެއް

ފީފާ ވޯލްޑް ކަޕްގައި މިރޭ ކުޅޭ މެޗަކީ އާޖެންޓީނާ އަށް ފައިނަލެއް ފަދަ މެޗެއް ކަމަށް އެޓީމުގެ ފޯވާޑް ލައުޓާރޯ މާޓިނޭޒް ބުނެފި އެވެ.

ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ހައިރާންކުރަނިވި ގޮތަކަށް އާޖެންޓީނާ 2-1 އިން ސައުދީ އަރަބިއްޔާ އަތުން ބަލިވިއިރު ދެވަނަ މެޗުގައި އާޖެންޓީނާ މިރޭ ނިކުންނާނީ މެކްސިކޯއާ ދެކޮޅަށެވެ. ގްރޫޕްގެ ފުރަތަމަ މެޗުގައި މެކްސިކޯ ވަނީ ޕޮލެންޑާއި ބައްދަލުކޮށް އެއްވަރުވެފަ އެވެ.

ދެވަނަ ބުރަށް ދިޔުމަށް މިރޭގެ މެޗުގެ ދެ ޓީމަށް ވެސް މުހިއްމު ވެފައިވާއިރު މާޓިނޭޒް ބުނީ މިރޭގެ މެޗަކީ އާޖެންޓީނާ އަށް ބޮޑު މެޗެއް ކަމަށާއި މިއީ މޮޅުވާންޖެހޭ ފައިނަލެއް ފަދަ މެޗެއް ކަމަށެވެ. މި މެޗަށް ނިކުންނައިރު ޕްރެޝަރެއް ނެތް ކަމަށާއި މެކްސިކޯއާ ދެކޮޅަށް ނިކުންނާނީ އިތުބާރާއެކު ކަމަށްވެސް މާޓިނޭޒް ބުންޏެވެ.

"މިވަރުގެ މެޗަކުން މޮޅުވެވޭ ވަރުގެ ކުޅުންތެރިންނާއި ފެންވަރު ހުރިކަން އަހަރަމެން މީގެކުރިން ވެސް ވާނީ ސާބިތުކޮށްދީފައި." މާޓިނޭޒް ބުންޏެވެ.

މާޓިނޭޒް ބުނީ ސައުދީ މެޗުން ބަލިވީ ހެދުނު ކުދި ގޯސްތަކެއްގެ ސަބަބުން ކަމަށެވެ. އަދި މިރޭގެ މެޗަަށް ނިކުންނަނީ އިދިކޮޅަށް ނިކުންނަ ޓީމު ވަރަށް ރަނގަޅަށް ދިރާސާކުރުމަށްފަހު ކަމަށާއި ޓީމު އޮތީ ފުރިހަމަ އަށް ތައްޔާރަށް ކަމަށްވެސް އޭނާ ބުންޏެވެ.

ވޯލްޑް ކަޕްގައި އާޖެންޓީނާ އާއި މެކްސިކޯ މީގެކުރިން ތިން ފަހަރެއްގެ މަތިން ބައްދަލުކޮށްފައިވެ އެވެ. އެ ތިން މެޗުން ވެސް މޮޅުވެފައިވަނީ އާޖެންޓީނާ އެވެ.

އާޖެންޓީނާ އާއި މެކްސިކޯ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 12:00 ގަ އެވެ.