ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ދެވަނަ ބުރުގެ މެޗުތައް ފަށާފައިވާއިރު އިއްޔެކޭ އެއްގޮތަށް މިއަދު ވެސް މުބާރާތުގައި ޖުމްލަ ހަތަރު މެޗު ކުޅޭނެ އެވެ. އެގޮތުން މިއަދުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޓިއުނީޝިއާ އާއި އޮސްޓްރޭލިއާ އެވެ.
ގްރޫޕް ޑީ ގައި ހިމެނޭ ޓިއުނީޝިއާ އާއި އޮސްޓްރޭލިއާ މިއަދުގެ މެޗަށް ނިކުންނައިރު ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން މި ދެ ޓީމަށް ވެސް މޮޅެއް ހޯދިފައެއް ނުވެ އެވެ. އެގޮތުން ފުރަތަމަ މެޗުގައި ޓިއުނީޝިއާ އާއި ޑެންމާކް ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު އޮސްޓްރޭލިއާ ވަނީ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ފްރާންސް އަތުން 4-1 އިން ބަލިވެފަ އެވެ.
މުބާރާތުގައި އިތުރަށް ކުރިއަށް ދިޔުމަށް މިއަދުގެ މެޗުން މޮޅެއް ހޯދުން ދެ ޓީމަށް ވެސް މުހިއްމު ކަމަށްވާއިރު، ފުރަތަމަ މެޗުގައި ޓިއުނީޝިއާ އަށް ގޯލެއް ކާމިޔާބު ނުކުރެވުނު ނަމަވެސް ޔޫރަޕްގެ ހުނަރުވެރި ޓީމަކާ ދެކޮޅަށް ޓިއުނީޝިއާ އިން ދެއްކީ ހިތްވަރުގަދަ ކުޅުމެކެވެ. މިއީ ޓިއުނީޝިއާ ވޯލްޑް ކަޕްގައި ވާދަކުރާ ހަވަނަ ފަހަރު ކަމަށްވާއިރު އެޓީމަށް މިހާތަނަށް ގްރޫޕް ސްޓޭޖަށް ވުރެ ދުރަށް ދެވިފައެއް ނުވެ އެވެ. ގްރޫޕްގެ ފަހު މެޗުގައި ޓިއުނީޝިއާ ބައްދަލުކުރާނީ ފްރާންސާއި ކަމަށްވާއިރު އެ މެޗާއި ކުރިމަތިލާއިރު މޮޅެއް ހޯދިފައި އޮތުމަކީ ދެވަނަ ބުރަށް ދިޔުމަށް ޓިއުނީޝިއާ އަށް ލިބޭނެ ހިތްވަރެކެވެ. މިދިޔަ ޖެނުއަރީ އަށްފަހު ޓިއުނީޝިއާ މެޗަކުން އަދި ބަލިނުވާކަން ފާހަގަކޮށްލެވެ އެވެ.
ގްރޫޕްގައި އޮތް އެންމެ ވަރުގަދަ ޓީމު ކަމަށްވާ، ފްރާންސާއި ދެކޮޅަށް ކުޅުނު މެޗުގައި ފުރަތަމަ ގޯލް ނަގާ ލީޑު ނެގީ އޮސްޓްރޭލިއާ އިންނެވެ. ނަމަވެސް އޮސްޓްރޭލިއާގެ ޑިފެންސްލައިނަށް ފްރާންސްގެ ކުރިއަށް ކުޅޭ ކުޅުންތެރިން ހިފެހެއްޓުމުގައި ކާމިޔާބެއް ނުލިބުނު އިރު އޮސްޓްރޭލިއާގެ އަމާޒަކަށް ވާނީ އެ މެޗުގައި ލިބުނު ފިޅާވަޅުތަކުގެ ބޭނުން މިއަދުގެ މެޗުގައި ހިފައި ދެވަނަ ބުރުގެ ފުރުސަތު ބޮޑު ކުރުމެވެ. އެންމެފަހުން ކުޅުނު ފަސް ވޯލްޑް ކަޕްގައި ވެސް އޮސްޓްރޭލިއާ ވާދަކޮށްފައިވާއިރު އޭގެތެރެއިން އެޓީމަށް ދެވަނަ ބުރަށް ދެވިފައިވަނީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އެކަންޏެވެ.
ޓިއުނީޝިއާ
1998 ވަނަ އަހަރަށްފަހު ޓިއުނީޝިއާ އިން ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ވަނީ ޖުމްލަ 13 މެޗު ކުޅެފަ އެވެ. އޭގެތެރެއިން އެޓީމަށް ހޯދުނީ އެންމެ މޮޅެކެވެ. އެއީ އެންމެފަހުން ބޭއްވި ވޯލްޑް ކަޕްގައި ޕެނެމާ އަތުން ހޯދި މޮޅެވެ.
އެންމެފަހުން ޑެންމާކާއި ދެކޮޅަށް ކުޅެ ޓިއުނީޝިއާ އިން ހޯދި ކްލީންޝީޓަކީ 1978 ވަނަ އަހަރަށް ފަހު ވޯލްޑް ކަޕެއްގައި އެޓީމުން ހޯދި ފުރަތަމަ ކްލީންޝީޓެވެ.
މި މެޗަށް ނިކުންނައިރު އަނިޔާގެ މައްސަލައެއް ޓިއުނީޝިއާ ޓީމުގައި ނެތެވެ.
އޮސްޓްރޭލިއާ
އެންމެފަހުން ވޯލްޑް ކަޕްގައި އޮސްޓްރޭލިއާ އިން ކުޅުނު 17 މެޗުގެ ތެރެއިން އެޓީމު މޮޅުވެފައިވަނީ އެންމެ ދެ މެޗުންނެވެ. އޭގެތެރެއިން 11 މެޗުން އޮސްޓްރޭލިއާ ބަލިވިއިރު ހަތަރު މެޗު ނިމުނީ އެއްވަރުވެގެންނެވެ.
މިއީ އޮސްޓްރޭލިއާ އިން އެފްރިކާގެ ޓީމަކާ ދެކޮޅަށް ވޯލްޑް ކަޕެއްގައި ނިކުންނަ ދެވަނަ ފަހަރެވެ. ވޯލްޑް ކަޕެއްގައި އެންމެފަހުން އޮސްޓްރޭލިއާ އިން އެފްރިކާގެ ޓީމަކާއި ބައްދަލުކުރީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގަ އެވެ. ގާނާއާ ދެކޮޅަށް ކުޅުނު އެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
މި މެޗަށް ނިކުންނައިރު އަނިޔާގެ ސަބަބުން ފުރަތަމަ މެޗުގައި ނުކުޅުނު އޮސްޓްރޭލިއާގެ ޕްލޭމޭކަރ އެޑިން ރުސްޓިޗް މި މެޗުގައި ފެނުމަކީ ގާތް ކަމެކެވެ.
ދެ ޓީމުގެ ކުރިމަތިލުންތައް
މި ދެ ޓީމު މީގެކުރިން ވަނީ ދެ ފަހަރެއްގެ މަތިން ބައްދަލުކޮށްފަ އެވެ. އެގޮތުން 1997 ވަނަ އަހަރު މި ދެ ޓީމު ބައްދަލުކުރި އެކުވެރިކަމުގެ މެޗު 3-0 އިން ކާމިޔާބު ކުރީ އޮސްޓްރޭލިއާ އިންނެވެ. އަދި 2005 ވަނަ އަހަރުގެ ކޮންފެޑެރޭޝަންސް ކަޕްގައި ޓިއުނީޝިއާ އިން ވަނީ 2-0 އިން އޮސްޓްރޭލިއާ ބަލިކޮށްފަ އެވެ.
އޮސްޓްރޭލިއާ އާއި ޓިއުނީޝިއާ ބައްދަލުކުރާ މެޗު ފަށާނީ މިއަދު ރާއްޖެގަޑިން މެންދުރު ފަހު 3:00 ގަ އެވެ.