Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ހާލު ދެރަވި މަސްވެރިއަކަށް އެހީވެއްޖެ

ހާލު ދެރަވި މަސްވެރިއަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށް ދީފި އެވެ.

އެތަނުން ބުނީ މަސްވެރިކަމަށް ނުކުމެ އުޅުނު "އަސްމީނު" ނަމަކަށް ކިޔާ މަސް ދޯންޏެއްގައި ހުރި އުމުރުން 38 އަހަރުގެ ފަޅުވެރިޔެއްގެ ހާލުދެރަވެގެން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑު ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށް ދީފައިވާ ކަމަށެވެ.

މ. މުލީގެ 11 ނޯޓިކަލް މޭލު ބޭރުން ދޯނި މަސްވެރިކަން ކުރަމުން ދަނިކޮށް، ފަޅުވެރިޔާގެ ހާލު ދެރަވެގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑު ސްކޮޑްރަންއަށް ލިބުނީ ރޭ 7:25 ހާއިރުއެވެ. އަދި ހާދިސާގެ މަޢުލޫމާތު ލިބުމާ އެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑު ސްކޮޑްރަންގެ ސީ އެމްބިއުލާންސް، އެ ދޯނި އޮތް ސަރަހައްދަށް ގޮސް، އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.

އެގޮތުން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑު ސްކޮޑްރަންގެ ސީ އެމްބިއުލާންސްގައި ހާލު ދެރަވި މީހާ ވަނީ ރޭ 8:27 ހާއިރު މީލި ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްދީފަ އެވެ.