Last Updated: April 20, 18:06
Saturday, April 20, 2024
މުނިފޫހިފިލުވުން

ޔޮހާނީގެ ޑުއެޓެއް ޖުބީންއާ އެކީ

މިދިޔަ މަހު ރާއްޖޭގައި ބޭއްވި "ޗަނާޗާ" ޝޯގައި ޕަފޯމްކުރި ސްރީ ލަންކާގެ ލަވަކިޔުންތެރިޔާ ޔޮހާނީ ޑި ސިލްވާގެ އާ ހިންދީ ލަވައެއް ވީޑިއޯއާ އެކީ ނެރެފި އެވެ.

މިދިޔަ މަހު ރިލީޒްކުރި ބޮލީވުޑްގެ ފިލްމު "ތޭންކް ގޯޑް" ގައި ޔޮހާނީގެ މަޝްހޫރު ލަވަ "މަނިކެ މަގޭ ހިތޭ" ގެ ހިންދީ ވާޝަން ހިމެނުމަށް ފަހު، އަންނަ މަހު ރިލީޒްކުރާ އަޔޫޝްމަން ކްރާނާގެ ފިލްމު "އޭން އެކްޝަން ހީރޯ" ގައި ވެސް ޔޮހާނީ ކިޔާފައިވާ ލަވައެއް ހިމެނެ އެވެ. އެއީ "މަނިކެ" ހިންދީ ލަވައިގައި ވެސް ހިމެނުނު ނޯރާ ފަތުހީ އާއި އަޔޫޝްމަން ފެނިގެންދާ ލަވަ "ޖޭދާ ނަޝާ" އެވެ.

މި ލަވަ އަށް ފަހު މިހާރު އޮތީ ސީދާ ޔޮހާނީގެ ފުރިމަހަ ޑުއެޓެކެވެ. ލަވައިގެ ނަމަކީ "ތޫ ސާމްނެ އާޔޭ" އެވެ. މި ލަވަ ޔޮހާނީ ކިޔާފައި ވަނީ ބޮލީވުޑްގައި މިހާރު ކުރިއަރަމުން އަންނަ ޒުވާން ލަވަކިޔުންތެރިޔާ ޖުބީން ނޯޓިޔާލާ އެކީގަ އެވެ. ޓީ ސީރީޒްގެ ތައްގަނޑުގައި ލަވަ ނެރެފައި ވަނީ ޔޮހާނީ އާއި ޖުބީންއާ އެކީ ތައްޔާރުކޮށްފައިވާ ވީޑިއޯއާ ވެސް އެކީގަ އެވެ.

"ތޫ ސާމްނެ އާޔޭ" ގެ މިއުޒިކް ހެދީ ޖުބީން އާއި ރޮކީ ކަންނާ އެވެ. އަދި ލަވައިގެ ޅެން ލިޔުނީ ރޮކީ އެވެ.