Last Updated: April 25, 12:03
Thursday, April 25, 2024
ވިޔަފާރި

ވާވޭ އަށް އެމެރިކާ އިން އިތުރު ފިއްތުމެއް

ކުރިން ވެސް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައިވާ ޗައިނާގެ ކުންފުނިތަކަކަށް އަނެއްކާ ވެސް ދަތިކުރަން އެ ގައުމުން ނިންމައިފި އެވެ.

ރައީސް ޖޯ ބައިޑެންގެ ސަކާރުން ވަނީ ޗައިނާގެ މަޝްހޫރު ކުންފުނި ވާވޭގެ އިތުރުން ޒީޓީީއީ އިން އުފައްދާ މުވާސަލާތީ ހިދުމަތްތަކަށް ބޭނުންކުރާ ތަކެތި އެމެރިކާގައި މަނާކުރަން ނިންމައިފަ އެވެ. މިކަމާ ގުޅިގެން އެމެރިކާގެ ފެޑަރެލް ކޮމިއުނިކޭޝަންސް ކޮމިޝަން (އެފްސީސީ) އިން ހުކުރު ދުވަހު ވަނީ ވާވޭ އާއި ޒީޓީއީގެ އިތުރުން ޗައިނާގެ ޑަހުއާ ޓެކްނޮލޮޖީ އާއި ހަންޒީ ހިކްވިޝަން ޑިޖިޓަލް ޓެކްނޮލޮޖީ އާއި ހައިޓެރާ ކުންފުނީގެ އުފެއްދުންތައް އެމެރިކާގައި ވިއްކުމާއި ސަޕްލައިކުރުމާ މެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.

އެ ކޮމިޝަންގެ ޗެއާވުމަން ޖެސިކާ ރޯޒެންވޯސެލް ވިދާޅުވި ގޮތުގައި ޗައިނާހެ ކުންފުނިތަކަކަށް އަޅަން ނިންމި ފިޔަވަޅަކީ އެމެރިކާގެ ރައްޔިތުންނާއި ހައްގުގައި ކުރާ ކަމެއް ކަމަށެވެ. އަދީ މިއީ ގައުމީ ސަލާމަތަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

ބައިޑެން ސަރުކާރުން ޗައިނާގެ ކުންފުނިތަކަކަށް މިފަދަ ފިޔަވަޅެއް އަޅަން ނިންމީ ޗައިނާގެ އުފެއްދުންތަކުގެ ސަލާމަތާއި ރައްކާތެރިކަމާ ދޭތެރޭ ސުވާލު އުފެއްދުމަށް ފަހު އެވެ. އެގޮތުން ޗައިނާގެ އުފެއްދުންތަކުން އެމެރިކާ އަށް ޖާސޫސްކޮށްފާނެކަމުގެ ބިރު ވަރަށް ބޮޑަށް އޮތް ކަމަށް ބުނެފައިވެ އެވެ. އެހެންވެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޗައިނާގެ ޓެކް ކުންފުނިތަކެއްގެ އުފެއްދުންތައް މަނާކުރަން ނިންމީ އެވެ.

ސްމާޓްފޯނުގެ ވިޔަފާރި އާއި 5ޖީ ޓެކްނޮލޮޖީ ފަދަ ދާއިރާތަކުން ދުނިޔޭގައި އެންމެ ނަގާކިޔާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ވާވޭ އަކީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި ބްލެކްލިސްޓް ވެސް ކުރި ކުންފުންޏެކެވެ.