Last Updated: April 19, 13:47
Friday, April 19, 2024
މުނިފޫހިފިލުވުން

އަޖޭގެ "ދުރިޝަމް 3" ވެސް ހަދާނެ

މިހާރު އިންޑިއާގެ ބޮކްސް އޮފީހުގައި އެންމެ ހިނގަމުން އަންނަ އަޖޭ ދޭވްގަންގެ ފިލްމު "ދުރިޝަމް 2" ގެ ތިން ވަނަ ބައި ވެސް ހަދާނެ ކަމަށް ޑައިރެކްޓަރު އަބީޝެކް ޕަތަކް ބުނެފި އެވެ.

އީ ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ފިލްމުގެ ވާހަކަ އަދިވެސް އޮތީ ވަރަށް ޝައުގުވެރިކޮށް އިތުރަށް ގެނެސްދެވޭ ގޮތަށް ކަމަށެވެ. އެހެންވެ "ދުރިޝަމް" ގެ ތިން ވަނަ ބަޔާއި ހަތަރު ބަޔަކަށް ވެސް ފުރުސަތު އެބައޮތް ކަމަށް ބުންޏެވެ.

"އުންމީދު ކުރި ވަރަށް ވުރެ ފިލްމަށް ލިބޭ ތަރުޖީބު ރަނގަޅު. އަނެއްކާ މީގެ ވާހަކަ އޮތީ އަދިވެސް ކުރިއަށް ގެންދެވޭ ގޮތަށް އެހެންވީމަ ދުރިޝަމްގެ ވާހަކަ އަދި ނުނިމެނޭ." އަބީޝެކް ބުންޏެވެ.

މިކަން ޑައިރެކްޓަރު އިއުލާންކޮށްފައި މި ވަނީ ފިލްމު އަސްލު ކަމަށްވާ މަލަޔާޅަމް އެކްޓަރު މޯހަންލާލްގެ "ދުރިޝަމް" ގެ ތިން ވަނަ ބައި ވެސް ހަދާނެކަން އެ ފިލްމުގެ ޑައިރެކްޓަރު ޖީތޫ ޖޯސެފް އިއުލާންކޮށްފައި ވަނިކޮށެވެ. އޭނަ "ދުރިޝަމް" 2013 ގައި ގެނެސް ދިނުމަށް ފަހު ދެވަނަ ބައި ގެނެސްދިނީ މިދިޔަ އަހަރު އެވެ.

އަޖޭގެ "ދުރިޝަމް" ގެ ފުރަތަމަ ބައި ގެނެސްދިނީ 2015 ގަ އެވެ. އަދި ދެވަނަ ބައި ސިނަމާތަކަށް ގެނައީ މި މަހުގެ 18 ގަ އެވެ. "ދުރިޝަމް 2" އަށް މިހާތަނަށް ވަނީ އާމްދަނީގެ ގޮތުގައި 142.13 ކްރޯޑް ރުޕީސް (17.4 މިލިއަން ޑޮލަރު) ލިބިފަ އެވެ. "ދުރިޝަމް 2" ހެދީ 50 ކްރޯޑް ރުޕީސް (6.1 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.

ކާސްޓްގައި އަޖޭ އާއި ތައްބޫ އާއި ޝްރިޔާ ސަރަން އާއި އިޝިތާ ދައްތާ އާއި އަކްޝޭ ކަންނާ އާއި ރަޖަތު ކަޕޫރާއި ސޯރަބް ޝުކްލާ ފަދަ ތަރިން ހިމެނޭ "ދުރިޝަމް" އަކީ މަރެއްގެ ހަގީގަތް ފޮރުވަން އާދައިގެ އާއިލާއެއްގެ ބަޔަކު ކުރާ މަސައްކަތާއި ކަމިގެ ހަގީގަތް ތިލަކުރަން ފުލުހުން ކުރާ މަސައްކަތް ވަރަށް ޝައުގުވެރިކޮށް ކިޔައިދޭ އެއްޗެކެވެ.