Last Updated: April 26, 11:19
Friday, April 26, 2024
މުނިފޫހިފިލުވުން

ދިލިޕް ކުމާރުގެ ފިލްމު ފެސްޓިވަލެއް

ހިންދީ ސިނަމާގެ އެންމެ ވަރުގަދަ އެއް ޝަހުސިއްޔަތުގެ ގޮތުގައި ފާހަގަކޮށްލެވޭ ކުރީގެ އެކްޓަރު ދިލިޕް ކުމާރުގެ ހަނދާނުގައި ފިލްމު ފެސްޓިވަލެއް ބާއްވަން ނިންމައިފި އެވެ

މި ފިލްމު ފެސްޓިވަލް އިންތިޒާމްކުރަނީ މިދިޔަ މަހުގެ 11 ގައި އަމީތާބް ބައްޗަނަށް 80 އަހަރު ފުރުމާ ދިމާކޮށް އެކަން ފާހަގަކުރަން ވެސް ފިލްމު ފެސްޓިވަލެއް ބޭއްވި ފިލްމު ހެރިޓޭޖް ފައުންޑޭޝަނުންނެވެ. އެގޮތުން ދިލިޕަށް ހާއްސަކޮށްގެން "ހީރޯ އޮފް ހީރޯސް" ގެ ނަމުގައި ބާއްވާ ފެސްޓިވަލް ކުރިއަށް ގެންދަން ނިންމާފައި ވަނީ އަންނަ މަހުގެ 11 ގައި ފާހަގަކުރާ އޭނަގެ 100 ވަނަ އުފަން ދުވަހާ ގުޅުވައިގެން ޑިސެމްބަރު މަހުގެ 10 އާއި 11 ގަ އެވެ.

އިންޑިއާގެ އެކި ކަންކޮޅުތަކުގައި ހުރި ޕީވީއާރް ސިނާތަކުގައި ފެސްޓިވަލް ކުރިއަށް ދާނީ 20 ސިޓީއަކަށް ހާއްސަކޮށްގެންނެވެ. ފެސްޓިވަލްގައި ދިލިޕްގެ ފިލްމުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތައް ދައްކާނެ އެވެ. އޭގެ ތެރޭގައި 1952 ގެ އާ "އާން" އާއި 1955 ގެ "ދޭވްދާސް" އާއި 1967 ގެ "ރާމް އޯރް ޝާމް" ގެ އިތުރުން 1982 ގެ "ޝަކްތީ" ހިމެނެ އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ 7 ގައި މަރުވި ދިލިޕްގެ ކެރިއަރުގައި ކާމިޔާބު އެތައް ފިލްމެއް ކުޅެނެވެ. އޭގެ ތެރެއިން އެންމެ ހާއްސަ އެއް ފިލްމަކީ ހިންދީ ސިނަމާގެ އައިކޮނިކް ފިލްމެއް ކަމަށްވާ 1960 ގެ "މުގްލޭ އާޒަމް" އެވެ.

ދިލިޕް މަރުވި ނަމަވެސް އޭނަގެ އަންހެނުން އަދި ކުރީގެ މަޝްހޫރު ބަތަލާ ސާއިރާ ބާނޫ، 78، އަދިވެސް ދުނިޔޭގައި އެބަހުއްޓެވެ. ދިލިޕްގެ އެއްވެސް ދަރިއަކު ނެތެވެ.