Last Updated: July 3, 09:07
Thursday, July 3, 2025
ކުޅިވަރު

މެޗު ޕްރިވިއު: ސައުދީ-ޕޮލެންޑް

ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ދެވަނަ ބުރުގެ މެޗުތައް މިއަދު ފަށާފައިވާއިރު އިއްޔެކޭ އެއްގޮތަށް މިއަދު ވެސް މުބާރާތުގައި ޖުމްލަ ހަތަރު މެޗު ކުޅޭނެ އެވެ. އެގޮތުން މިއަދުގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ސައުދީ އަރަބިއްޔާ އާއި ޕޮލެންޑެވެ.

ގްރޫޕް ސީ ގައި ކުޅުނު ފުރަތަމަ މެޗުން ސައުދީ މޮޅުވިއިރު ޕޮލެންޑް ކުޅުނު މެޗު ލަނޑެއް ނުޖެހި ވީ އެއްވަރެވެ. ސައުދީ މޮޅުވީ މުބާރާތުގެ ފެވަރިޓުންގެ ގޮތުގައި ގިނަ ބަޔަކު ދެކެމުން އަންނަނަ އާޖެންޓީނާ އަތުން 2-1 އިންނެވެ. ޕޮލެންޑް އެއްވަރުވީ މެކްސިކޯއާ ބައްދަލުކޮށެވެ.

މިރޭގެ މެޗުން މޮޅެއް ހޯދައިގެން ސައުދީ އަށް ދެވަނަ ބުރުން ޖާގައެއް ލިބޭއިރު ސައުދީ އަށް މިހާތަނަށް މުބާރާތުގެެ ދެވަނަ ބުރަށް ދަތުރުކުރެވުނީ އެންމެ ފަހަރަކު އެވެ. އެއީ 1994 ވަނަ އަހަރުގެ ވޯލްޑް ކަޕްގަ އެވެ. އާޖެންޓީނާ އަތުން ހޯދި މޮޅާއެކު ސައުދީ މިވަގުތު އޮތީ ވަރަށް އިތުބާރާއެކު ކަމަށްވާއިރު ފުރަތަމަ މެޗުގައި އެޓީމުގެ ފަރާތުން ފެނިގެންދިޔަ ފިޒިކަލް ކުޅުން މިރޭ ވެސް ތަކުރާރު ކުރަން އެޓީމު އޮތީ ތައްޔާރަށެވެ. ސައުދީ އަކީ ޖެހިލުންވާ ޖެހޭ ވަރުގެ ޓީމެއްކަން ފުރަތަމަ މެޗުގައި އެޓީމުން ސާބިތުކޮށްދީފައިވާއިރު ސައުދީގެ މިހާރުގެ އަމާޒަކީ ގްރޫޕްގެ އެއްވަނަ ނުވަތަ ދެވަނަ މަގާމު ހޯދުމެވެ.

މެކްސިކޯއާ ދެކޮޅަށް ކުޅުނު މެޗުގައި ގޯލެއް ނުފެނުނު ނަމަވެސް އެ މެޗުގައި ގޯލެއް ކާމިޔާބުކުރަން ޕޮލެންޑަށް ޕެނަލްޓީއެއް ލިބި ބޭކާރުވެފައިވެ އެވެ. ޕޮލެންޑްގެ އިތުބާރު ފޯވާޑް ރޮބަޓް ލެވެންޑޯސްކީ ފޮނުވާލި އެ ޕެނަލްޓީ މެކްސިކޯގެ ކީޕަރު މަތަކުރިއިރު އެ މެޗުގައި ޕޮލެންޑްގެ ފަރާތުން ފެނިގެންދިޔައީ ފުދޭވަރެއްގެ އާދައިގެ ކުޅުމެކެވެ. މުބާރާތުގައި އިތުރަށް ކުރިއަށް ދިޔުމަށް މިރޭގެ މެޗުން ކޮންމެހެން ވެސް ތިން ޕޮއިންޓް ޕޮލެންޑަށް މުހިއްމު ވާއިރު ސައުދީ ބަލިކުރުމަށް ފުރަތަމަ މެޗުގައި ދެއްކި ވަރަށް ވުރެ ރަނގަޅު ކުޅުމެއް މިރޭ އެޓީމުން ދައްކަންޖެހެ އެވެ.

ސައުދީ

ވޯލްޑް ކަޕްގައި ސައުދީން ޔޫރަޕްގެ ގައުމުތަކާ ދެކޮޅަށް 10 މެޗު ކުޅެފައިވާއިރު އޭގެތެރެއިން 9 މެޗުން އެޓީމު ވަނީ ބަލިވެފަ އެވެ. ސައުދީ އަށް ވޯލްޑް ކަޕެއްގައި އެންމެފަހުން ޔޫރަޕްގެ ޓީމެއް ބަލިކުރެވުނީ 1994 ވަނަ އަހަރު އެވެ. އެފަހަރު އެޓީމުން ބެލްޖިއަމް ބަލިކުރީ 1-0 އިންނެވެ.

ސައުދީން ވަނީ ވޯލްޑް ކަޕްގައި އެންމެފަހުން ކުޅުނު ދެ މެޗުން ވެސް މޮޅުވެފަ އެވެ. އެގޮތުން އާޖެންޓީނާގެ އިތުރުން އެންމެފަހުން ބޭއްވި ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އެޓީމުން ވަނީ މިސްރު ވެސް ބަލިކޮށްފަ އެވެ.

އަނިޔާގެ ސަބަބުން ސައުދީގެ ޑިފެންޑަރު ޔާސިރް އަލް ޝަހްރާނީ އަށް މުބާރާތް ގެއްލިފައިވާއިރު މި މެޗުގައި އެޓީމުގެ ކެޕްޓަން ސަލްމާން އަލް ފަރާޖަށް ވެސް ކުޅެވޭނެ ކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ.

ޕޮލެންޑް

މިއީ ވޯލްޑް ކަޕްގައި ޕޮލެންޑުން އޭޝިއާގެ ޓީމަކާ ދެކޮޅަށް ނިކުންނަ ތިންވަނަ ފަހަރެވެ. އެގޮތުން 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ދެކުނު ކޮރެޔާ އަތުން 2-0 އިން ޕޮލެންޑް ބަލިވިއިރު އެންމެފަހުން ބޭއްވި ވޯލްޑް ކަޕްގައި ޕޮލެންޑުން ވަނީ 1-0 އިން ޖަޕާން ބަލިކޮށްފަ އެވެ.

ޕޮލެންޑުން ވަނީ އެންމެފަހުން ވޯލްޑް ކަޕްގައި ކުޅުނު ދެ މެޗުގައި ވެސް ކްލީންޝީޓެއް ހޯދާފަ އެވެ.

މި މެޗަށް ނިކުންނައިރު ޕޮލެންޑް ޓީމުގައި އަނިޔާގެ މައްސަލައެއް ނޫޅެ އެވެ.

ދެ ޓީމުގެ ކުރިމަތިލުންތައް

އެކުވެރިކަމުގެ ހަތަރު މެޗެއްގައި މީގެކުރިން ޕޮލެންޑާއި ސައުދީ ވަނީ ބައްދަލުކޮށްފަ އެވެ. އެ ހަތަރު މެޗުން ވެސް މޮޅުވީ ޕޮލެންޑެވެ.

ސައުދީ އާއި ޕޮލެންޑް ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެގަޑިން މިރޭ 6 ޖަހާއިރު އެވެ.