ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ޑީ ގައި ހިމެނޭ އޮސްޓްރޭލިއާ އިން ޓިއުނީޝިއާގެ މައްޗަށް 1-0 އިން ކުރި ހޯދައިފި އެވެ.
މިއީ 2010 ވަނަ އަހަރަށްފަހު އޮސްޓްރޭލިއާ އިން ވޯލްޑް ކަޕްގައި ހޯދި ފުރަތަމަ މޮޅެވެ. އަދި މިއީ 1974 ވަނަ އަހަރަށް ފަހު ވޯލްޑް ކަޕެއްގައި އޮސްޓްރޭލިއާ އިން ހޯދި ފުރަތަމަ ކްލީންޝީޓެވެ.
މި މޮޅާއެކު ކުޅުނު ދެ މެޗުން ލިބުނު ތިން ޕޮއިންޓާ އެކު އޮސްޓްރޭލިއާ އޮތީ ގްރޫޕް ޑީގެ ދެވަނައިގަ އެވެ. ދެ މެޗުން ޓިއުނީޝިއާ އަށް ލިބިފައިވަނީ އެއް ޕޮއިންޓް ކަމަށްވާއިރު މި ގްރޫޕްގައި ދެން ހިމެނޭ ފްރާންސަށް ތިން ޕޮއިންޓް އަދި ޑެންމާކަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. ފްރާންސް އާއި ޑެންމާކް މިރޭ ބައްދަލުކުރާނެ އެވެ.
ގަތަރުގެ އަލް ޖަނޫބް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލް މެޗުގެ 23 ވަނަ މިނެޓްގައި އޮސްޓްރޭލިއާ ޓީމަށް ކާމިޔާބުކޮށްދިނީ މިޗެލް ޑޫކް އެވެ. ޑޫކް މި ގޯލް ކާމިޔާބުކުރީ ޓިއުނީޝިއާގެ ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ކުރިއަށް ފޮނުވާލައިގެންނެވެ.
Australia secure the three points! 🦘@adidasfootball | #FIFAWorldCup
— FIFA World Cup (@FIFAWorldCup) November 26, 2022
ނަތީޖާ އެއްވަރުކޮށްލަން މި މެޗުގައި ޓިއުނީޝިއާ ޓީމަށް ރަނގަޅު ފުރުސަތުތަކެއް ވަނީ ލިބިގެން ގޮސްފަ އެވެ. އެގޮތުން ފުރަތަމަ ހާފް ނިމުމުގެ ކުރިން ސަކްނީ ފޮނުވާލި ހަމަލާ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންދިޔައިރު ދެވަނަ ހާފްގައި އޭނާ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ދިފާއުކުރީ އޮސްޓްރޭލިއާގެ ގޯލްކީޕަރު މެތިއު ރަޔަން އެވެ.
ދެވަނަ ހާފްގައި ޓިއުނީޝިއާ ޓީމުން ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ކުޅުނު ނަމަވެސް އެޓީމަށް އޮސްޓްރޭލިއާގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތް ވަނީ ނުވެފަ އެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޓިއުނީޝިއާ ނިކުންނާނީ ފްރާންސާއި ދެކޮޅަށް ކަމަށްވާއިރު ދެވަނަ ބުރަށް ދިޔުމަށް އެ މެޗުން މޮޅުވާން އެޓީމަށް މިހާރު ވަނީ މަޖުބޫރުވެފަ އެވެ. ގްރޫޕްގެ ފަހު މެޗުގައި އޮސްޓްރޭލިއާ ނިކުންނާނީ ޑެންމާކާއި ދެކޮޅަށެވެ.
މި ގްރޫޕްގައި މިރޭ ފްރާންސާއި ޑެންމާކް ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެގަޑިން 9 ޖަހާއިރު އެވެ.