Last Updated: March 28, 19:01
Thursday, March 28, 2024
ވިޔަފާރި

ޔޫކޭއާ މެދު ގަތަރުން ދެވަނަ ވިސްނުމަކަށް!

އިނގިރޭސިވިލާތުގައި ކުރިއަށް އޮތް ތަނުގައި އިންވެސްޓްކުރުމާ މެދު ގަތަރުން ދެވަނަ ވިސްނުމަކަށް ދާން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެ ގައުމުން މިގޮތަށް ނިންމީ މިހާރު ގަތަރުގައި ކުރިއަށްދާ ވޯލްޑް ކަޕާ ގުޅިގެން އެއްޖިންސުން ގުޅުން ހިންގުމުގެ ހައްގާ ގުޅޭ ގޮތުން ހުޅަނގުގެ ގައުމުތަކުން ޖަހާ ސަކަރާތަށް ގަތަރުން ފުރުސަތު ނުދިނުމުން އިނގިރޭސިވިލާތުން އެކަމާ ރުޅިގަދަވެ، ލަންޑަންގެ ޓްރާންސްޕޯޓް ފޯ ލަންޑަން (ޓީއެފްއެލް) ގައި ގަތަރު އިޝްތިހާރުކުރުން ހުއްޓައިލުމާ ގުޅިގެން ކަމަށް މީޑިއާތަކުން ބުންޏެވެ. އަދި އެގޮތަށް ނިންމީ ލަންޑަންގެ މޭޔަރު ސާދިގު ޚާންގެ އޮފީހުން އަންގައިގެން ކަމަށް ވެސް މީޑިއާތަކުން ބުނެ އެވެ.

ގަތަރާ ދެކޮޅަށް އެޅީ ފިޔަވަޅެއްގެ ގޮތުގައި ޓީއެފްއެލްގެ ތެރެއިން ދެމުން އަންނަ ބަހާއި ޓެކްސީ އާއި ބިމުއަޑީގެ ރޭލު ދަތުރުގެ ނިޒާމުގައި ކުރަަމުން އައި ގަތަރުގެ އިޝްތިހާރުތައް ދެއްކުން ވަނީ ހުއްޓާލައިފަ އެވެ.

މިކަމާ ގުޅިގެން ކުރިއަށް އޮތް ތަނުގައި އިނގިރޭސިވިލާތުގައި އިންވެސްޓްކުރުމާ މެދު ފުންކޮށް ވިސްނާނެ ކަމަށް ސަރުކާރުގެ ބައެއް އޮފިޝަލުންނާ ހަވާލާދީ ބައެއް މީޑިއާރަކުން ބުންޏެވެ. އެގޮތުން މިހާރުގެ އިންވެސްޓްމަންޓްތައް އަލުން ރިވިއުކުރުމާއި ކުރިއަށް އޮތް ތަނުގައި އިތުރު އިންވެސްޓްމަންޓްތަކެއް ކުރުމާ މެދު ގަތަރުން ވަރަށް ފުންކޮށް ވިސްނާނެ ކަމަށް ބުނެފައިވެ އެވެ.

ގަތަރަކީ މިހާރު ވެސް އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި އެންމެ ގިނަ އިންވެސްޓްމަންޓްތައް ކުރާ މެދުއިރުމަތީގެ ގައުމެވެ.

ނަމަވެސް ވޯލްޑް ކަޕާ ވިދިގެން އިނގިރޭސިވިލާތުން ގަތަރާ މެދު އުފެދުނު ހިތްހަމަނުޖެހުންތަކާ ގުޅިގެން އެޅި ފިޔަވަޅާ ބެހޭ ގޮތުން ގޮން ރަސްމީކޮށް އަދި ގަތަރުގެ ސަރުކާރުން އެއްވެސް އެއްޗެއް ނުބުނެ އެވެ.