Last Updated: February 4, 06:45
Saturday, February 4, 2023
ކުޅިވަރު

ސައުދީ ބަލިކޮށް ޕޮލެންޑް އުއްމީދު އާކޮށްފި

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސީ ގައި މިރޭ ސައުދީ އަރަބިއްޔާގެ މައްޗަށް 2-0 އިން ކުރި ހޯދައި މުބާރާތުގެ ދެވަނަ ބުރަށް ދިޔުމުގެ އުއްމީދު ޕޮލެންޑުން އާކޮށްފި އެވެ.

މި މޮޅާއެކު ޕޮލެންޑް އޮތީ ކުޅުނު ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކު ގްރޫޕްގެ އެއްވަނައިގަ އެވެ. ތިން ޕޮއިންޓާ އެކު ދެވަނައިގައި ސައުދީ އޮތްއިރު ތިންވަނައިގައި އެއް ޕޮއިންޓާ އެކު އޮތީ މެކްސިކޯ އެވެ. އަދި ގްރޫޕްގެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ އާޖެންޓީނާ އެވެ. މި ގްރޫޕްގައި މިރޭ އާޖެންޓީނާ އާއި މެކްސިކޯ ބައްދަލުކުރާނެ އެވެ.

ގަތަރުގެ އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްގައި މިރޭ ކުޅުނު ފޯރިގަދަ މި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލް ޕޮލެންޑުން ކާމިޔާބު ކުރީ ސައުދީން ރަނގަޅު ކުޅުމެއް ދައްކަމުން ދަނިކޮށެވެ. އެގޮތުން ރޮބަޓް ލެވެންޑޯސްކީ ދިން ޕާހަކުން މެޗުގެ 39 ވަނަ މިނެޓްގައި މި ގޯލް ޕޮލެންޑަށް ކާމިޔާބުކޮށްދިނީ ޒިއެލެންސްކީ އެވެ. އޭގެ އިރުކޮޅެއްފަހުން ލެވެންޑޯސްކީ ވެސް ވަނީ ސައުދީގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފަ އެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ނަތީޖާ އެއްވަރުކުރަން ސައުދީ އަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ސާލިމް އަލްދައުސަރީ ފޮނުވާލި އެ ޕެނަލްޓީ ދިފާއުކުރީ ޕޮލެންޑްގެ ގޯލްކީޕަރު ޝެޒްނީ އެވެ. މި ޕެނަލްޓީ ސައުދީ އަށް ލިބުނީ ޕޮލެންޑްގެ ކުޅުންތެރިއަކު ސައުދީގެ ފޯވާޑް އަލް ޝެހްރީ އަށް ކުރި ފައުލަކާ ގުޅިގެންނެވެ.

ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފްގައި ވެސް ސައުދީން ދިޔައީ ރަނގަޅަށް ކުޅެ ޕޮލެންޑްގެ ފަހަތަށް ބާރުބޮޑު ކުރަމުންނެވެ. އެގޮތުން މެޗުގެ 56 ވަނަ މިނެޓްގައި ދައުސަރީ ފޮނުވާލި ހަމަލާއެއް ޕޮލެންޑްގެ ކީޕަރު ދިފާއުކުރިއިރު އޭގެ އިރުކޮޅެއްފަހުން ވެސް އޭނާ އަށް ފުރުސަތެއް ލިބި ބޭކާރުވެފައިވެ އެވެ.

މި ހާފުގައި ކައުންޓަ އެޓޭކުގައި ޕޮލެންޑުން ވެސް ދިޔައީ ސައުދީގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން ޕޮލެންޑްގެ ދެ ފޯވާޑުން ކަމަށްވާ މިލިކް އަދި ލެވެންޑޯސްކީ ފޮނުވާލި ހަމަލާތަކެއް ގޯލުގެ ދަނޑި އަށް އަމާޒުވެފައިވެ އެވެ. ނަމަވެސް ސައުދީގެ ޑިފެންޑަރަކަށް ހެދުނު ބޮޑު ގޯހެއްގެ ފައިދާ ނަގައި މެޗުގެ 82 ވަނަ މިނެޓްގައި ލެވެންޑޯސްކީ ވަނީ ޕޮލެންޑްގެ ދެވަނަ ގޯލް ކާމިޔާބުކޮށްދީ މި މެޗުން އެޓީމަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ. މިއީ ވޯލްޑް ކަޕެއްގައި ލެވެންޑޯސްކީ ކާމިޔާބުކުރި ފުރަތަމަ ގޯލެވެ.

މުބާރާތުގެ ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު ދެ ޓީމަށް ވެސް އަދި އޮތްއިރު ގްރޫޕްގެ ފަހު މެޗުގައި ސައުދީ ނިކުންނާނީ މެކްސިކޯއާ ދެކޮޅަށެވެ. އަދި ޕޮލެންޑް ބައްދަލުކުރާނީ އާޖެންޓީނާއާ އެވެ.