ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ޑީ ގައި މިރޭ ޑެންމާކް 2-1 އިން ބަލިކުރުމަށްފަހު މުބާރާތުގެ ދެވަނަ ބުރަށް ފްރާންސް ދަތުރުކޮށްފި އެވެ.
ފްރާންސަކީ މިއަހަރުގެ ވޯލްޑް ކަޕްގެ ދެވަނަ ބުރުން ޖާގަ ހޯދި ފުރަތަމަ ޓީމެވެ.
މި މޮޅާއެކު ފްރާންސް މިހާރު އޮތީ ހަ ޕޮއިންޓާ އެކު ގްރޫޕްގެ އެއްވަނައިގަ އެވެ. ދެވަނައިގައި ތިން ޕޮއިންޓާ އެކު އޮސްޓްރޭލިއާ އޮތްއިރު ތިންވަނައިގައި އޮތް ޑެންމާކް އަދި ގްރޫޕްގެ ފުލުގައި އޮތް ޓިއުނީޝިއާ އަށް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.
ފްރާންސުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް މި ހާފުގައި ގޯލްޖަހާނެ ރަނގަޅު ދެ ފުރުސަތެއް ފްރާންސަށް ލިބިފައިވެ އެވެ. ނަމަވެސް އެމްބާޕޭ އާއި އެންޓުއާން ގްރިޒްމަންގެ ހަމަލާތައް ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.
ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފްގައި ވެސް ފްރާންސުން ޑެންމާކްގެ ފަހަތަށް ނުރައްކާ ކުރަމުންދިޔައިރު މެޗުގެ 61 ވަނަ މިނެޓްގައި އެމްބާޕޭ ވަނީ އެޓީމަށް ލީޑު ނަގާދީފަ އެވެ. ތިއޯ ހަނާންޑޭޒް ދިން ބޯޅައަކުން އެމްބާޕޭ މި ގޯލް ކާމިޔާބުކުރީ ޑެންމާކްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ.
ފްރާންސުން ލީޑު ނެގިތާ ހަތް މިނެޓް ފަހުން ޑެންމާކުން ވަނީ ނަތީޖާ އެއްވަރުކޮށްފަ އެވެ. ފްރާންސްގެ ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައަކުން މި ގޯލް ޑެންމާކަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު އަންދްރޭސް ކްރިސްޓެންސަން އެވެ. މި ގޯލަށްފަހު ލީޑު ނަގަން ވެސް ޑެންމާކަށް ރަނގަޅު ދެ ފުރުސަތެއް ލިބިފައިވެ އެވެ. އެގޮތުން މެޗުގެ 73 ވަނަ މިނެޓްގައި ޑެންމާކްގެ ލިންޑްސްޓްރޯމް ފޮނުވާލި ހަމަލާއެއް ފްރާންސްގެ ގޯލްކީޕަރު ހޫގޯ ލޮރިސް ދިފާއުކުރިއިރު އެޓީމުގެ ފޯވާޑް ބްރެތްވެއިޓް ފޮނުވާލި ހަމަލާ އަމާޒުވި ފްރާންސްގެ ގޯލުގެ ދަނޑި އަށެވެ.
އެ ފުރުސަތުތަކުގެ ބޭނުން ޑެންމާކަށް ނުހިފުނު އިރު މެޗުގެ 86 ވަނަ މިނެޓްގައި އެމްބާޕޭ ވަނީ ފްރާންސްގެ ދެވަނަ ގޯލް ކާމިޔާބުކޮށްދީ އެޓީމަށް އަލުން ލީޑު ނަގާދީފަ އެވެ. އެމްބާޕޭ މި ގޯލް ކާމިޔާބުކުރީ ޑެންމާކްގެ ޕެނަލްޓީއޭރިއާ ތެރެއަށް ގްރިޒްމަން ހުރަސްކޮށްލި ރީތި ބޯޅައަކުންނެވެ. މިރޭގެ މެޗުގައި ޖެހި ދެ ގޯލާއެކު ފްރާންސްގެ ގައުމީ ޓީމަށް އެމްބާޕޭ ކާމިޔާބުކުރި ގޯލުތަކުގެ އަދަދު ވަނީ 31 އަށް އަރާފަ އެވެ.
މިއީ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ފްރާންސުން ބަލިނުވެ ހަމަކުރި 8 ވަނަ މެޗު ކަމަށްވާއިރު ގްރޫޕްގެ ފަހު މެޗުގައި އެޓީމު ނިކުންނާނީ ޓިއުނީޝިއާއާ ދެކޮޅަށެވެ. ޑެންމާކުން ފަހު މެޗުގައި ބައްދަލުކުރާނީ އޮސްޓްރޭލިއާއާ އެވެ.