ވޯލްޑް ކަޕްގެ ގްރޫޕް ސީ ގައި މިރޭ މެކްސިކޯގެ މައްޗަށް 2-0 އިން އާޖެންޓީނާ އިން ކުރި ހޯދައިފި އެވެ.
މި މޮޅާއެކު އާޖެންޓީނާ މިހާރު އޮތީ ދެ މެޗުން ލިބުނު ތިން ޕޮއިންޓާ އެކު ގްރޫޕްގެ ދެވަނައިގަ އެވެ. އެއްވަނައިގައި ހަތަރު ޕޮއިންޓާ އެކު ޕޮލެންޑް އޮތްއިރު ތިންވަނައިގައި ތިން ޕޮއިންޓާ އެކު އޮތީ ސައުދީ އަރަބިއްޔާ އެވެ. ގްރޫޕްގެ ފުލުގައި އެއް ޕޮއިންޓާ އެކު އޮތީ މެކްސިކޯ އެވެ.
ގްރޫޕްގެ ފަހު މެޗުން މޮޅުވެގެން އާޖެންޓީނާ އަށް ދެވަނަ ބުރަށް ދަތުރުކުރެވޭއިރު، ފަހު މެޗުގައި ސައުދީ ބަލިކޮށްގެން މެކްސިކޯ އަށް ވެސް ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތެއް އަދި އެބައޮތެވެ.
ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު މި ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. މި ހާފުގައި ގޯލްޖަހާނެ މާ ރަނގަޅު ފުރުސަތެއް ދެ ޓީމުން ކުރެ ޓީމަކަށް ލިބިފައި ނުވާއިރު މި ހާފުގައި ބޮޑަށް ފެނިގެންދިޔައީ ފައުލްތައް ގިނަ ހާފެއްގެ ގޮތުގަ އެވެ. އެގޮތުން މި ހާފުގައި ޖުމްލަ 16 ފައުލެއް ވަނީ ފެނިގެން ގޮސްފަ އެވެ.
ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފްގައި އާޖެންޓީނާ އިން ދިޔައީ ކުރިއަށް ޖެހިލައިގެން މެކްސިކޯގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 64 ވަނަ މިނެޓްގައި ލިއޮނަލް މެސީ އާޖެންޓީނާ އަށް ލީޑު ނަގައިދިން އިރު މެސީ މި ގޯލް ކާމިޔާބުކުރީ މެކްސިކޯގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެންނެވެ. މިއީ މެސީ ވޯލްޑް ކަޕްގައި ކާމިޔާބުކުރި 8 ވަނަ ގޯލެވެ.
މި ގޯލަށްފަހު ވެސް އާޖެންޓީނާ އިން ދިޔައީ ފުރުސަތުތައް ތަނަވަސްކުރަމުންނެވެ. އެގޮތުން 87 ވަނަ މިނެޓްގައި އެންޒޯ ފަނާންޑޭޒް ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށްދީ މި މެޗުން އާޖެންޓީނާ އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ. އެންޒޯގެ މި ގޯލަކީ މެކްސިކޯގެ ޕެނަލްޓީއޭރިއާގެ ކަނެއްގައި ހުރެ ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ.
މިރޭގެ މޮޅާއެކު ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު އާޖެންޓީނާ އަށް ފަހިވެފައިވާއިރު ގްރޫޕްގެ ފަހު މެޗުގައި އާޖެންޓީނާ ބައްދަލުކުރާނީ ޕޮލެންޑެވެ. މެކްސިކޯ ނިކުންނާނީ ސައުދީޔާއާ ދެކޮޅަށެވެ.