Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

މަސްދޯނީގައި ސޯލާ ހަރުކުރަން ހުޅުވާލައިފި

މަސްދޯނިފަހަރުގައި ސޯލާ ހަރުކުރަން ޝައުގުވެރިވާ މަސްވެރިންނަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މިއީ ސަރުކާރުގެ ނޫ އިގުތިސާދު ސިޔާސަތުގެ ދަށުން މަސްވެރިން ބާނާ މަސް ތާޒާކަން މަތީ ގިނަ ވަގުތު ބެހެއްޓޭނެ އިންތިޒާމު ފަހިކޮށްދިނުމުގެ ގޮތުން އަދި މަސްވެރިކަމުގެ ފަހި މޫސުމުގައި އައިސް ނުލިބުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލު ހޯދައިދީ، މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރުމުގެ މަގުސަދުގައި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) އާ އެކު ސަރުކާރުން ސޮއިކޮށްފައިވާ ޕްރޮޖެކްޓެއްގެ ދަށުން ކުރިއަށް ގެންދަން ނިންމާފައިވާ ކަމެއް ކަމަށެވެ.

އެގޮތުން މި ޕްރޮޖެކްޓުގެ ދަށުން މަސްވެރި އުޅަނދުތަކުގައި ރެފްރިޖެރޭޓަޑް ސީ-ވޯޓަ (އާރްއެސްޑަބްލިޔު) ސިސްޓަމް ނުވަތަ ވަތުގައި ފެންފިނިކުރާ ނިޒާމު ގާއިމު ކުރުމަށާއި އިއާދަކުރަނިވި ހަކަތަ އުޅަނދުތަކުގައި ބޭނުން ކުރުމަށް ސޯލާ ޕަވަ ސިސްޓަމް ގާއިމްކުރުމަށް ބޭނުންވާ ފައިނޭންސިންގ ފޯރުކޮށްދިނުމަށް ޕްރޮގްރާމެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ފައިނޭންސިން ހަމަޖެހިގެން ދާނީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސިން ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ހުޅުވާލާ ފައިނޭންސިން ސްކީމެއް މެދުވެރިކޮށެވެ.

ފިޝަރީޒް މިނިސްޓްރީ ބުނީ އެ މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މި ޕްރޮޖެކްޓުގެ ދަށުން ދެ ފިޔަވައްސަކަށް ބަހާލައިގެން ޖުމްލަ 200 މަސްވެރި އުޅަނދުގައި ސިސްޓަމްތައް ހަރުކުރުމަށް ރާވާފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި 100 މަސްވެރި އުޅަނދުގައި އާރްއެސްޑަބްލިޔު ސިސްޓަމާއި ސޯލާ ޕަވާ ސިސްޓަމް ހަރުކުރަން ހަމަޖެހިފައިވެ އެވެ.މި ފިޔަވަހި ކުރިއަށް މި އަހަރާއި އަންނަ އަހަރުގަ އެވެ.

އެހެންވެ މިކަމަށް ޝައުގުވެރިވާ މަސްވެރިންނަށް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ 31 ގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ. އެޕްލިކޭޝަން ހުށަހަޅާނީ އެސްޑީއެފްސީގެ ޕޯޓަލް portal.sdfc.mv މެދުވެރިކޮށެވެ.

މިނިސްޓްރީން ބުނި ގޮތުގައި ޕްރޮގްރާމަށް އެޕްލައިކުރެވޭނީ ރަޖިސްޓްރީކޮށްފައިވާ އުޅަނދުފަހަރުތަކަށާއި ވުމާއި މަސްވެރިކަން ކުރުމަށް މިނިސްޓްރީން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ލައިސަންސެއް އޮންނަ އުޅަނދުތަކަށާއި މިހާރު ވެސް މަސްވެރިކަން ކުރާ އުޅަނދުތަކަށާއި 50 ފޫޓަށް ވުރެ ދިގު އުޅަނދަކަށެވެ. އަދި މަދުވެގެން 15 ޓަނުގެ ފިޝް ހޯލްޑިން ކެޕޭސިޓީ ހުރުމާއި އާރްއެސްޑަބްލިޔު ސިސްޓަމް ގާއިމްކުރުމަށް ބޭނުންވާ ޖާގަ ހުންނަ އުޅަނދުތަކަށެވެ.

މީގެ އިތުރުން މި ޕްރޮގްރާމަށް އެޕްލައި ކުރަން ހުށަހަޅާ އެއްވެސް ފަރާތްތަކުން އެއްވެސް ލޯނެއް ނަގާފައިވާ ނަމަ، އެ ފެސިލިޓީއަކަށް ފައިސާ އަނބުރާ ދައްކަމުންދާ ގޮތް ނުވަތަ ދައްކާފައިވާ ގޮތަށް ރިޢާޔަތްކުރެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މިކަމާ ބެހޭ އިތުރު މައުލޫމާތު ފިޝަރީޒް މިނިސްޓްރީގެ ނަމްބަރު 3339525 އާއި އިކޮނޮމިކް މިނިސްޓްރީގެ ހޮޓްލައިން 1500 ގެ އިތުރުން އެސްޑީއެފްސީގެ ހޮޓްލައިން 1613 އިން ހޯދޭނެ އެވެ.