ޖަރުމަނު ޓީމުގެ ފޯކަސް މިހާރު މުޅިން ހުރީ ފުޓްބޯޅަ އަށް ކަމަށް އެ ޓީމުގެ ފޯވާޑް ކައި ހަވެޓްޒް ބުނެފި އެވެ.
ރެއިންބޯ ކެޕްޓަން ބޭންޑް އަޅަން ފީފާ އިން ހުއްދަ ނުދިނުމުން ޖަރުމަނުގެ ގައުމީ ޓީމުން މިދިޔަ ބުދަ ދުވަހު ޖަޕާނާއި ދެކޮޅަށް ކުޅުނު މެޗު ފެށުމުގެ ކުރިން ވަނީ އަނގަމަތީގައި އަތް އަޅައިގެން ތިބެ ހަޅުތާލުކޮށްފަ އެވެ. އެ މެޗުން ޖަރުމަނު ވަނީ 2-1 އިން ބަލިވެފަ އެވެ.
ވޯލްޑް ކަޕްގައި މިރޭ ޖަރުމަނުން ސްޕެއިންއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ހަވެޓްޒް ބުނީ އެ ބޭންޑް ނޭޅޭތީ ޖަރުމަނުން ދެކޭ ގޮތް ފާއިތުވި ދުވަސްތަކުގައި ވަރަށް ސާފުކޮށް ހާމަކޮށްފައިވާނެ ކަމަށާއި ޓީމުގެ ހުރިހާ ފޯކަސްއެއް މިހާރު ހުރީ ސީދާ ފުޓްބޯޅަ އަށް ކަމަށެވެ.
"އަހަރަމެން ހާމަކުރީ އެކަމުގައި ދެކޭ ގޮތް. މިހާރު ދެން އޮތީ ފުޓްބޯޅަ ކުޅުން." ހަވެޓްޒް ބުންޏެވެ.
މި ކެޕްޓަން ބޭންޑް ޔޫރަޕްގެ ބައެއް ގައުމުތަކުން އެޅުމަށް ނިންމީ އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ހައްގުތަކާއި މެދު ގަތަރުން ގެންގުޅޭ ސިޔާސަތުތަކާ ދެކޮޅު ހެދުމުގެ ގޮތުންނެވެ. ބޭންޑް އަޅަން ނިންމި ހަތް ޓީމަކީ އިންގްލެންޑް، ވޭލްސް، ބެލްޖިއަމް، ޑެންމާކް، ނެދަލޭންޑްސް، ޖަރުމަނު އަދި ސްވިޒަލޭންޑެވެ.
އެއް ޖިންސުން ގުޅުން ހިންގުމަކީ ހައްގެއް ކަމަށް ބުނެ ވޯލްޑް ކަޕްގައި ވާދަކުރާ ބައެއް ޓީމުތަަކުން ފީފާއާ ދެކޮޅަށް ނިކުމެފައިވާއިރު އެއް ޖިންސުން ގުޅުން ހިންގުމާއި އެކަމަށް ހިތްވަަރު ދިނުމަކީ ގަތަރުގެ ގާނޫނުތަކުން މަނާ ކަމެކެވެ.