ވޯލްޑް ކަޕް ކާމިޔާބު ކުރެވޭ ވަރަށް ވުރެ ބެލްޖިއަމް ޓީމު މާ މުސްކުޅި ވެފައިވާ ކަމަށް އެޓީމުގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާ ބުނެފި އެވެ.
ވޯލްޑް ކަޕްގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ފަސްވަނަ އަށް އެންމެ އުމުރުން މަތި ކުޅުންތެރިން ހިމެނޭ ޓީމަކީ ބެލްޖިއަމް ކަމަށްވާއިރު މުބާރާތުގެ ފުރަތަމަ މެޗުގައި ކެނެޑާ އަތުން 1-0 އިން މޮޅުވި މެޗަށް ބެލްޖިއަމުން ނެރުނު ފުރަތަމަ އެގާރާގައި ހިމެނޭ ގިނަ ކުޅުންތެރިންނަކީ 30 އަހަރުން މަތީގެ ކުޅުންތެރިންނެވެ.
އިނގިރޭސި ނޫހަކަށް ދިން އިންޓަވިއުއެއްގައި ބެލްޖިއަމަށް ވޯލްޑް ކަޕް ހޯދިދާނެތޯ ސުވާލު ކުރުމުން ޑިބްރޭނާ ބުނީ އެ ފުރުސަތު ބެލްޖިއަމަށް ނެތް ކަމަށާއި ޓީމު މާ މުސްކުޅި ކަމަށެވެ. އެގޮތުން ވޯލްޑް ކަޕް ކާމިޔާބު ކުރަން ބެލްޖިއަމަށް ލިބުނު އެންމެ ރަނގަޅު ފުރުސަތަކީ 2018 ވަނަ އަހަރު ކަމަށް ޑިބްރޭނާ ބުންޏެވެ.
"އޭރު އަހަރަމެންގެ އަތުގައި އޮތް ރަނގަޅު ޓީމެއް. އެކަމަކު އެ ޓީމު މިހާރު މިދަނީ މުސްކުޅިވަމުން. އަނެއްކޮޅުން މުހިއްމު ބައެއް ކުޅުންތެރިން ވެސް މިހާރަކު ނެތް. އާ ކުޅުންތެރިން ތިބި ނަމަވެސް 2018 ގެ ޓީމުގައި ތިބި ކުޅުންތެރިންގެ ފެންވަރަކަށް އަދި އެ ކުޅުންތެރިންނެއް ނުދޭ." ޑިބްރޭނާ ބުންޏެވެ.
ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ބެލްޖިއަމުން މިރޭ މޮރޮކޯއާ ދެކޮޅަށް ނިކުންނައިރު މި މެޗުން މޮޅުވެގެން އެޓީމަށް ދެވަނަ ބުރުން ޖާގައެއް ހޯދޭނެ އެވެ. މި މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 6 ޖަހާއިރު އެވެ.