Last Updated: April 26, 23:59
Friday, April 26, 2024
މުނިފޫހިފިލުވުން

"ބްލެކް ޕެންތާ 2" ގެ އާމްދަނީ 600 މިލިއަނަށް

މި މަހުގެ 11 ގައި ރިލީޒްކުރި ހޮލީވުޑްގެ ސުޕަހީރޯ ފިލްމު "ބްލެކް ޕެންތާ: ފޯއެވާ ވެކަންޑާ" ގެ އާމްދަނީ 600 މިލިއަނަށް އަރައިފި އެވެ.

ޖުމްލަ 250 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމަށް އިއްޔެއާ ހަމައަށް ލިބިފައި ވަނީ ޖުމްލަ 619.2 މިލިއަން ޑޮލަރަށެވެ. ގިނަ ބަޔަކު މިހާރު އެންމެ ބޮޑަށް ބަލަން ބޭނުން ވަނީ "ބްލެކް ޕެންތާ: ފޯއެވާ ވެކަންޑާ" ގެ އާމްދަނީ ބިލިއަނަކަށް އަރާނެތޯ އެވެ. ދެހާސް އަށާރައިގައި ގެނެސްދިން މީގެ ފުރަތަމަ ބަޔަކީ ބޮކްސް އޮފީހުގައި 1.382 ބިލިއަން ޑޮލަރު ހޯދި ފިލްމެކެވެ. "ބްލެކް ޕެންތާ" ހެދީ 200 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނުނު މާވެލް ސްޓޫޑިއޯސްގެ "ބްލެކް ޕެންތާ: ފޯއެވާ ވެކަންޑާ" އިން ބެލުންތެރިންނަށް މި ފަހަރު އެންމެ ބޮޑަށް މިސްވީ ފުރަތަމަ ބައިގައި އެންމެ ވަރުގަދަ ރޯލެއް ކުޅުނު އެކްޓަރު ޗާޑް ބޯޒްމަނެވެ. އޭނާ ވަނީ 2020 ގައި ކެންސަރު ބަލީގައި މަރުވެފަ އެވެ. ނަމަވެސް އާ ފިލްމުގައި ބޯޒްމަން އަށް ޓްރިބިއުޓްދީ އޭނަގެ ހަނދާން އާކޮށް ދީފައިވެ އެވެ.

ރަޔަން ކޫގްލާ ލިޔެ، ޑައިރެކްޓްކުރި "ބްލެކް ޕެންތާ: ފޯއެވާ ވެކަންޑާ" ގައި ވެސް ކުރީ ފިލްމުގެ ބައެއް ކާސްޓުން ހިމެނެ އެވެ. އޭގެ ތެރޭގައި ލެޓީޝިއާ ރައިޓް، ލުޕިޓާ ނިއޮންގޯ އަދި ޑަނާއީ ގުރީރާ ހިމެނެ އެވެ.