ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ދެވަނަ ބުރުގެ މެޗުތައް ފަށާފައިވާއިރު އިއްޔެކޭ އެއްގޮތަށް މިއަދު ވެސް މުބާރާތުގައި ޖުމްލަ ހަތަރު މެޗު ކުޅޭނެ އެވެ. އެގޮތުން މިއަދުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޖަޕާން އާއި ކޮސްޓަރީކާ އެވެ.
ގްރޫޕް އީ ގައި ކުޅުނު ފުރަތަމަ މެޗުން ޖަޕާން މޮޅުވިއިރު ކޮސްޓަރީކާ ކުޅުނު މެޗުން އެޓީމު ވަނީ ބަލިވެފަ އެވެ. ޖަޕާން މޮޅުވީ ޔޫރަޕްގެ ގަދަ ބާރެއްގެ ގޮތުގައި އޮތް ޖަރުމަނު އަތުން 2-1 އިންނެވެ. ކޮސްޓަރިކާ ބަލިވީ ސްޕެއިން އަތުން 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިއީ މިފަހަރުގެ ވޯލްޑް ކަޕްގައި ފެނުނު އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ.
މިރޭގެ މެޗުން މޮޅުވެގެން ޖަޕާނަށް މުބާރާތުގެ ދެވަނަ ބުރަށް ދަތުކުރެވޭއިރު ޖަޕާނުން ވަނީ މީގެކުރިން ތިން ފަހަރެއްގެ މަތިން މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދާފަ އެވެ. އެގޮތުން އެންމެފަހުން ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގައި ވެސް ޖަޕާނުން ގްރޫޕް ސްޓޭޖު ފަހަނައަޅާ ގޮސްފައިވެ އެވެ. ފުރަތަމަ މެޗުގައި ޖަރުމަނާ ދެކޮޅަށް ޖަޕާނުން ކުޅުނީ ޑިފެންސިވް ގޭމެއް ކަމަށްވާއިރު އެ މެޗުގައި ޖަޕާނުން ގޯލްތައް ކާމިޔާބުކުރީ ކައުންޓަ އެޓޭކުގަ އެވެ. ނަމަވެސް މިއަދުގެ މެޗުގައި ޖަޕާންގެ ފަރާތުން އެޓޭކިން ކުޅުމެއް ފެންނާނެ ކަމަށް ބެލެވޭއިރު މި މެޗުން ޕޮއިންޓެއް ލިބުނަސް ޖަޕާނަށް ދެވަނަ ބުރާއި ގާތަށް ޖެހިލެވޭނެ އެވެ.
މުބާރާތުގައި އިތުރަށް ކުރިއަށް ދިޔުމަށް މިއަދުގެ މެޗުން ކޮސްޓަރީކާ އަށް ތިން ޕޮއިންޓް ކޮންމެހެން ވެސް ބޭނުންވާއިރު އެންމެފަހުން ބޭއްވި ވޯލްޑް ކަޕުން ކޮސްޓްރީކާ ކެޓީ ގްރޫޕް ސްޓޭޖާ ހިސާބުންނެވެ. ފުރަތަމަ މެޗުގައި ކޮސްޓަރީކާގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔައިރު މުޅި ޓީމު ފެނިގެންދިޔައީ ވިއްސިވިހާލެވިފައި އޮތް ތަނެވެ. ފުރަތަމަ މެޗުގައި ލިބުނު ފިޅާވަޅުތަކުގެ ބޭނުން ހިފައި ދެވަނަ މެޗުގައި ކޮސްޓަރީކާ އިން ކުޅުން ވަރުގަދަ ކުރާނެ ކަމަށް ބެލެވެ އެވެ. ގްރޫޕްގެ ފަހު މެޗުގައި ކޮސްޓަރީކާ ބައްދަލުކުރާނީ ޖަރުމަނާއި ކަމަށްވާއިރު އެ މެޗާއި ކުރިމަތިލާއިރު މޮޅެއް ހޯދިފައި އޮތުމަކީ ދެވަނަ ބުރަށް ދިޔުމަށް ކޮސްޓަރީކާ އަށް ލިބޭނެ ހިތްވަރެކެވެ.
ޖަޕާން
ކޮސްޓަރީކާއާ ދެކޮޅަށް އެންމެފަހުން ކުޅުނު ހަތަރު މެޗުން ވެސް ޖަޕާން ބަލިވެފައެއް ނުވެ އެވެ. އޭގެތެރެއިން ތިން މެޗުން ޖަޕާން މޮޅުވިއިރު އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.
ޖަޕާން މިއަދު ނިކުންނަނީ 2002 ވަނަ އަހަރަށްފަހު ވޯލްޑް ކަޕްގައި ޖެހިޖެހިގެން ދެ މޮޅު ހޯދުމަށެވެ. ޖަޕާނަށް މިހާތަނަށް ވޯލްޑް ކަޕެއްގެ ފުރަތަމަ ދެ މެޗުން މޮޅެއް ހޯދިފައެއް ނުވެ އެވެ.
މި މެޗަށް ނިކުންނައިރު ޖަޕާން ޓީމުގައި އަނިޔާގެ މައްސަލައެއް ނޫޅެ އެވެ.
ކޮސްޓަރީކާ
ކޮސްޓަރީކާ އިން ވޯލްޑް ކަޕެއްގައި އޭޝިއާގެ ޓީމަކާ ދެކޮޅަށް މިހާތަނަށް ކުޅެފައިވަނީ އެންމެ މެޗެކެވެ. އެގޮތުން 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އެޓީމުން ވަނީ ޗައިނާގެ މައްޗަށް 2-0 އިން ކުރި ހޯދާފަ އެވެ.
ވޯލްޑް ކަޕްގައި އެންމެފަހުން ކުޅުނު ހަތް މެޗުން ވެސް ކޮސްޓަރީކާ އަށް މޮޅެއް ހޯދިފައެއް ނުވެ އެވެ. އޭގެތެރެއިން ހަތަރު މެޗު އެއްވަރުވިއިރު އަނެއް ތިން މެޗުން އެޓީމު ވަނީ ބަލިވެފަ އެވެ. އަދި އޭގެތެރެއިން ފަސް މެޗުގައި ކޮސްޓަރީކާ އަށް ގޯލެއް ވެސް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.
މި މެޗަށް ނިކުންނައިރު ކޮސްޓަރީކާ ޓީމުގައި ވެސް އަނިޔާގެ މައްސަލައެއް ނެތެވެ.
ދެ ޓީމުގެ ކުރިމަތިލުންތައް
ކޮސްޓަރީކާއާ ޖަޕާން މިހާތަނަށް ފަސް ފަހަރެއްގެ މަތިން ވަނީ ބައްދަލުކޮށްފަ އެވެ. އޭގެތެރެއިން ހަތަރު މެޗުން ޖަޕާން މޮޅުވެފައިވާއިރު އަނެއް މެޗު ވީ އެއްވަރެވެ. މި ދެ ޓީމު އެންމެފަހުން ބައްދަލުކޮށްފައިވަނީ 2018 ވަނަ އަހަރު އެކުވެރިކަމުގެ މެޗެއްގަ އެވެ. އެ މެޗު ޖަޕާނުން ކާމިޔާބުކުރީ 3-0 އިންނެވެ.
ކޮސްޓަރީކާ އާއި ޖަޕާން ބައްދަލުކުރާ މެޗު ފަށާނީ މިއަދު ރާއްޖެގަޑިން މެންދުރު ފަހު 3:00 ގަ އެވެ.