Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

މަރަދޫ ކޯޓް ހިންގަން ކުލީ އިމާރާތެއް ހޯދަނީ

މަރަދޫ ކޯޓް މިހާރު ހިންގަމުން އަންނަ އިމާރާތް. ފޮޓޯ/ އައްޑޫ ލައިވް

އައްޑޫ މަރަދޫ މެޖިސްޓްރޭޓް ކޯޓް ހިންގާނެ އިމާރާތެއް ކުއްޔަން ހޯދަން އެ ކޯޓުން އިއުލާންކޮށްފި އެވެ

ކޯޓުން ބުނީ ކުއްޔަށް އިމާރާތެއް ދޫކުރަން ޝައުގުވެރިވާ ފަރާތްތަކަަށް އެކަމަށް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 8 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު މަރަދޫ މެޖިސްޓްރޭޓް ކޯޓްގެ ވެބްސައިޓް s-maradhoo.courts.gov.mv އިން ލިބޭނެ އެވެ.

މަރަދޫ ކޯޓް ހިންގާނެ އިމާރާތެއް ހޯދަން އިއުލާންކޮށްފައި މި ވަނީ މަރަދޫ ސްކޫލް ކައިރީގައި ހުރި ކުލީ އިމާރާތެއްގައި ކޯޓް ހިންގަމުން އަންނަތާ ހަތަރު ވަރަކަށް އަހަރު ފަހުންނެވެ. އެ އިމާރާތުގައި ކޯޓް ހިންގަމުން އަންނަނީ 2018 ގެ އޮގަސްޓް މަހުން ފެށިގެންނެވެ.

މަރަދޫ މެޖިސްޓްރޭޓް ކޯޓަކީ އައްޑޫގައި ފެބްރުއަރީ 8، 2012 ހިންގި "ބޮޑު ހުޅު" ހާދިސާގައި އަންދާލި ކޯޓްތަކުގެ ތެރެއިން އެއް ކޯޓެވެ. އޭގެ ފަހުން އެ ކޯޓް 2018 އާ ހަމައަށް ވަގުތީ ގޮތުން ހިންގަމުން އައީ މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓްގަ އެވެ. ފޭދޫ ކޯޓް ވެސް އަންދައިލުމާ ގުޅިގެން އެ ކޯޓް ވެސް ގިނަ ދުވަސްތަކެއް މަރަދޫފޭދޫ ކޯޓްގައި ހިންގި އެވެ.

ފެބްރުއަރީ 8 ގައި އަންދާލި މަރަދޫ ކޯޓް.

ފޭދޫ ކޯޓް އެ އަވަށުގެ ކުލީ އިމާރާތަކަށް ބަދަލުކުރީ 2014 ގަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ފެބްރުއަރީ، 7، 2012 ގައި މަގާމުން އިސްތިއުފާ ދެއްވުމުން ޖެހިގެން އައި ދުވަހު އައްޑޫގައި ހިންގި "ބޮޑު ހުޅު" ގައި ހިތަދު އާއި ހުޅުދޫ މެޖިސްޓްރޭޓް ކޯޓް ވެސް ބޭނުން ނުކުރެވޭ ވަރަށް އަންދާލި އެވެ.

އައްޑޫގެ ބައެއް ކޯޓްތައް ކުލީ އިމާރާތްތަކުގައި ހިންގަމުންދާ އިރު، އައްޑޫގައި ކޯޓް ކޮމްޕްލެކްސްއެއް ހަދަން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އޮތީ ނިންމައިފަ އެވެ. އެ މަސައްކަތް އެންމެ ފަހުން ބީލަމަށްލީ މި މަހު އެވެ.