Last Updated: March 29, 02:52
Friday, March 29, 2024
މުނިފޫހިފިލުވުން

ސަލްމާނާއި ރިވަތީ 32 އަހަރު ފަހުން

މީގެ 32 އަހަރު ކުރިން ރިލީޒްކުރި "ލަވް" ގައި ސަލްމާން ޚާނާ އެކީ ބަތަލާގެ ރޯލު ކުޅުނު ރިވަތީ، ސަލްމާންގެ "ޓައިގާ 3" ގެ ރޯލަކުން ފެންނާނެ ކަމަށް ރިޕޯތައް ބުނެފި އެވެ.

އާންމުކޮށް މިހާރު ފިލްމުތަކުގައި ސަޕޯޓުން ރޯލުތައް ކުޅޭ ރިވަތީ، 56، އަކީ އަންނަ މަހުގެ 9 ގައި ރިލީޒްކުރާ ކާޖޮލްގެ ފިލްމު "ސަލާމް ވެންކީ" ގެ ޑައިރެކްޓަރެވެ.

އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ރިލީޒްކުރަން ތާވަލުކޮށްފައިވާ ސަލްމާނާއި ކެޓްރީނާ ކައިފްގެ "ޓައިގާ 3" ގެ ރޯލަކުން ރިވަތީ ފެންނާނެ ކަމަށް މީޑިއާތަކުން ބުނި ނަމަވެސް އެކަން އަދި ރަސްމީކޮށް އެއްވެސް ފަރާތަކުން ކަށަވަރުކޮށް ދީފައެއް ނުވެ އެވެ. މި ފިލްމަކީ އަދިތިޔާ ޗޯޕްޅާގެ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އަށް މަނީޝް ޝަރުމާ ޑައިރެކްޓްކުރާ އެއްޗެކެވެ. "ޓައިގާ 3" މިހާރު އޮތީ އެއްކޮށްހެން ޝޫޓްކޮށް ނިންމައިފަ އެވެ.

ނަމަވެސް މީގެ ރޯލަކުން ރިވަތީ ފެންނާނެ ކަމަށް ބުނާ ވާހަކައާ ގުޅިގެން އޭނަ ވެސް އަދި ސަލްމާން ވެސް ވަކި އެއްޗެއް ނުބުނެ އެވެ. ނަމަވެސް ފާހަގަކޮށްލެވޭ ކަމަކީ ސަލްމާނާ އެކީ ކުރިން ފިލްމުތަކުގައި ލީޑް ކުޅުނު ބައެއް ބަތަލާއިން އޭނަގެ އާ ފިލްމުތަކުގައި ހިއްސާވާކަމުގެ އަޑުތައް މިހާރު ގަދަކަމެވެ. އެގޮތުން އަންނަ އަހަރުގެ ފިތުރު އީދުގައި ގެނެސްދޭން އޮތް "ކިސީ ކާ ބާއީ ކިސީ ކީ ޖާން" ގެ ރޯލަކުން ސަލްމާނާ އެކީ 1989 ގެ "މޭނޭ ޕިޔާރު ކިޔާ" ގެ ބަތަލާގެ ރޯލު ކުޅުނު ބަގިޔާޝްރީ، 53، ފެންނާނެ ކަމަށް މީޑިއާތަކުން ދާދި ފަހުން ރިޕޯޓްކޮށްފައިވެ އެވެ.

ފަރުހާދު ސަމްޖީ ޑައިރެކްޓްކުރާ "ކިސީ ކާ ބާއީ ކިސީ ކީ ޖާން" ގެ ބަތަލާ އަކީ ޕޫޖާ ހެގްޅޭ، 32، އެވެ.