Last Updated: April 25, 20:04
Thursday, April 25, 2024
ދުނިޔެ

ޓްވިޓާގެ ވެރިފައި ބެޖް ތަފާތު ކުލަތަކުން

ވެރިފައިކުރާ އެކައުންޓްތަކަށް ޓްވިޓާ އިން ދެމުން އައި ނޫ ފާހަގަ ތަފާތު ކުލަތަކުން ދޭން ނިންމައިފި އެވެ.

މިކަން ޓްވިޓާގެ އާ ވެރިޔާ މަހުޖަނު އީލޮން މަސްކް އިއުލާންކިރެއްވީ ހުކުރު ދުވަހު އެވެ. އޭނާ ވިދާޅުވީ ވެރިފިކޭޝަން ޕްރޮސެސް މިހާރު މަޑުޖައްސާލާފައި އޮތް ނަމަވެސް ހަފުތާއެއްގެ ތެރޭގައި އެ ޕްރޮސެސް އަލުން ފަށާނެ ކަމަށެވެ. އީލޮން މިދިޔަ މަހު 44 ބިލިއަން ޑޮލަށް ޓްވިޓާ ބައްލަވައިގަތް ފަހުން ގެންނަން ފެއްޓެވި ބަދަލުތަކުގެ ތެރެއިން އެންމެ ފުރަތަމަ އެއް ބަދަލަކީ ވެރިފިކޭޝަން ދަމަހައްޓަން އެފަދަ އެކައުންޓްތައް ގެންގުޅޭ ކަސްޓަމަރުން މަހަކު 8 ޑޮލަރުގެ ސަބްސްކްރިޕްޝަންފީއެއް ދެއްކުމެވެ.

އީލޮން ވިދާޅުވި ގޮތުގައި އަލުން ވެރިފިކޭޝަން ޕްރޮސެސް އަންނަ މަހުގެ 2 ގައި ފަށަން ޕްލޭންކޮށްފައިވާ އިރު، ކުރިން ދެމުން އައި ނޫ ކުލައިގެ ވެރިފިކޭޝަން ބެޖް ދެން ދޭނީ ހަމައެކަނި ސެލެބްރިޓީންނާއި އެ ނޫން އާދައިގެ މީހުންނަށެވެ. އަދި ކުންފުނިތަކުގެ ވެރިފައި އެކައުންޓްތަކަށް ދެން ދޭން ނިންމާފައި ވަނީ ރަން ކުލައިގެ ބެޖެކެވެ. ސަރުކާރު އެކައުންޓްތަަކަށް ދޭނީ އަޅި ކުލައިގެ ބެޖެކެވެ.

އީލޮން ވިދާޅުވި ގޮތުގައި މިފަދަ ބަދަލުތަކެއް ގެނައުމަކީ އުނދަގޫ ނިންމުންތަކަކަށް ވިޔަސް މިއީ ޓްވިޓާ އެކައުންޓަތަކުގެ ސައްހަކަމާއި ރައްކާތެރި ކަމަށްޓަކައި ކުރަން ޖެހޭ ކަންކަމެވެ.

ޓްވިޓާ އިން މިހާރު ވަނީ އޭގެ އުސޫލުތަކާ ހިލާފުވެގެން ކުރިން ސަސްޕެންޑްކޮށްފައި ހުރި އެކައުންޓްތައް ވެސް އޭގެ ވެރިންނަށް ދޫކުރަން ފަށައިފަ އެވެ. އެގޮތުން އެންމެ ފުރަތަމަ ދޫކުރި އެކައުންޓްތަކުގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެކައުންޓް ހިމެނެ އެވެ.