Last Updated: April 26, 23:59
Friday, April 26, 2024
މުނިފޫހިފިލުވުން

ޖާންވީ ރޯލެއް ކުޅޭ ފިލްމަށް މަނޫޝީ

ޓައިގާ، އަކްޝޭ، މަނޫޝީ އަދި ޖާންވީ.

އަކްޝޭ ކުމާރާއި ޓައިގާ ޝްރޮފް ބަތަލުންގެ ރޯލު ކުޅޭ ފިލްމު "ބަޅޭ މިޔާ ޗޯޓޭ މިޔާ" ގެ ބަތަލާގެ ރޯލަށް ޖާންވީ ކަޕޫރް ސޮއިކޮށްފައި ވަނިކޮށް، އެ ފިލްމުގެ ކާސްޓަށް މަނޫޝީ ޗިލާރް ވެސް ނަގާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ދެހާސް ސަތާރައިގެ މިސް ވޯލްޑަކީ މި އަހަރުގެ ޖޫންގައި ރިލީޒްކުރި އަކްޝޭގެ "ސަމްރާޓް ޕްރިތިވީރާޖް" އިން ބޮލީވުޑަށް ނުކުތް ބަތަލާއެކެވެ. މަނޫޝީ، 26، މިހާރު އަންނަނީ ޖޯން އަބްރަހަމާ އެކީ "ތެހެރާން" ކިޔާ ފިލްމެއްގެ މަސައްކަތް ވެސް ކުރަމުންނެވެ. އަދި އޭނަ ވަނީ ވިކީ ކޯޝަލާ އެކީ "ދަ ގްރޭޓް އިންޑިއަން ފެމިލީ" ކިޔާ ފިލްމެއްގެ މަސައްކަތް ވެސް ނިންމައިފަ އެވެ.

މީޑިއާތަކުން ބުނި ގޮތުގައި "ބަޅޭ މިޔާ ޗޯޓޭ މިޔާ" ގައި ތިން ބަތަލާއިން ހިމެނޭނެ އެވެ. އެގޮތުން ޖާންވީ އާއި މަނޫޝީގެ އިތުރުން ދެން ނަގާނެ ބަތަލާއަކާ މެދު ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު މިހާރު އަންނަނީ ވިސްނަމުންނެވެ. ވާޝޫ ބަގްނާނީ ޕޫޖާ އެންޓަޓައިންމަންޓުން ޕްރޮޑިއުސްކުރާ ފިލްމުގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ އަންނަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.

އެކްޝަން ކޮމެޑީއެއްގެ ގޮތުގައި ހަދާ "ބަޅޭ މިޔާ ޗޯޓޭ މިޔާ" ގެ ވަރަށް ގިނަ މަންޒަރުތަކެއް އިންޑިއާ އިން ބޭރުގައި ނަގާނެ އެވެ. އެގޮތުން އަލީ ވަނީ ދާދި ފަހުން ލޮކޭޝަން ހަންޓްކުރުމުގެ ދަތުރުތަކެއް ވެސްކޮށްފަ އެވެ. މީގެ މަންޒަރުތައް ޔޫރަޕާއި ޔޫއޭއީގައި ނަގާ ގޮތަށް ހަމަޖެހިފައިވެ އެވެ.

"ބަޅޭ މިޔާ ޗޯޓޭ މިޔާ" ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.