ފީފާ ވޯލްޑް ކަޕްގެ ގްރޫޕް އީ ގައި ޖަޕާންގެ މައްޗަށް 1-0 އިން ކުރި ހޯދައި ކޮސްޓަރީކާ އިން މުބާރާތުގެ ދެވަނަ ބުރަށް ދިޔުމުގެ އުއްމީދު އާކޮށްފި އެވެ.
މި މޮޅާއެކު މި ގްރޫޕްގައި ހިމެނޭ ކޮސްޓަރީކާ، ޖަޕާން އަދި ސްޕެއިނަށް ވެސް މިހާރު ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ގްރޫޕްގެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ ޖަރުމަނެވެ. މި ގްރޫޕްގައި މިރޭ ޖަރުމަނާއި ސްޕެއިން ބައްދަލުކުރާނެ އެވެ.
ގަތަރުގެ އަހުމަދު ބިން އަލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުގެ ފަރާތުން ވެސް ފުދޭވަރެއްގެ އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމުން ކުރެ ޓީމަކަށް ގޯލެއް ކާމިޔާބު ކުރަން މާ ރަނގަޅު ފުރުސަތުތަކެއް ވެސް ތަނަވަސްކުރެވިފައެއް ނުވެ އެވެ.
ނަމަވެސް ދެވަނަ ހާފްގައި ޖަޕާނުން ކޮސްޓަރީކާގެ ގޯލަށް ދިޔައީ ނުރައްކާ ކުރަން މަސައްކަތް ކުރަމުންނެވެ. އެގޮތުން ޖަޕާނުގެ މޮރީޓާ ފޮނުވާލި ހަމަލާއެއް ކޮސްޓަރީކާގެ ގޯލްކީޕަރު ކޭލާ ނަވާސް ދިފާއުކުރިއިރު ކޮސްޓަރީކާގެ ޕެނަލްޓީއޭރިއާ ތެރެއަށް ޖަޕާނުން ކުރަމުންދިޔަ ނުރައްކާތެރި އެތައް ހުރަހެއް ވެސް ނަވާސް ވަނީ މި ހާފުގައި ދިފާއުކޮށްފަ އެވެ.
ޖަޕާނުން ރަނގަޅަށް ކުޅެމުންދަނިކޮށް މެޗުގެ 81 ވަނަ މިނެޓްގައި ކޭޝާ ފުލާ ވަނީ ކޮސްޓަރީކާ އަށް މެޗުގެ ލީޑު ނަގާދީފަ އެވެ. އޭނާ މި ގޯލް ކާމިޔާބުކުރީ ޖަޕާނުގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ކީޕަރުގެ ބޯމަތިން ބޯޅަ ފޮނުވާލައިގެން ކަމަށްވާއިރު މިއީ މުޅި މެޗުގައި ވެސް ކޮސްޓަރީކާ އިން ޖަޕާނުގެ ގޯލާ އަމާޒުކޮށް ފޮނުވާލި ހަމައެކަނި ހަމަލާ އެވެ.
މެޗުގެ ފަހު 10 ވަރަކަށް މިނެޓްތެރޭ ނަތީޖާ އެއްވަރުކުރަން ޖަޕާނުން ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ކުޅުނު ނަމަވެސް ކޮސްޓަރީކާގެ ޑިފެންސްލައިން ފޫއަޅުވާލެވޭ ގޮތް އެޓީމަށް ވަނީ ނުވެފަ އެވެ.
މި ގްރޫޕްގައި މިރޭ ޖަރުމަނާއި ސްޕެއިން ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެގަޑިން 12 ޖަހާއިރު އެވެ.